ކުޅިވަރު

ތާރީޚީ މެޗުގައި މުތައިރީއަށް ބެންޗުގައި ނީނދެވޭނެ


އުރީދޫ ސާފް ޗެންޕިއަންޝިޕްގެ ފައިނަލްގައި ފުރަތަމަ ފަހަރަށް ނޭޕާލުން ވާދަކުރާއިރު، މިއީ އެޓީމަށް ވާރަށް ޚާއްސަ ފައިނަލް މެޗެކެވެ. ފައިނަލް މެޗަށް ނިކުންނައިރު އެޓީމް ފުރަތަމަ ފަހަރަށް ފައިނަލަށް ގެންގޮސްދިން ކޯޗު ކުވެއިތުގެ ޢަބްދުﷲ އަލްމުތައިރީއަށް ދެ ރީނދޫ ކާޑު ދައްކާފައިވާތީ އޭނާއަށް ފައިނަލް މެޗުގެ ބެންޗުގައި ނީނދެވޭނެއެވެ. ބެންޗުގައި ކޯޗް މުތައިރީއަށް ނީނދެވޭއިރު، މިއީ އޭނާ ނޭޕާލްގެ ގައުމީ ޓީމަށް އިރުޝާދު ދޭ އެންމެ ފަހު މެޗެވެ. މީގެ މަހެއް ހާ ދުވަސްކުރިން އެޓީމްގެ ކޯޗުކަމުން އިސްތިއުފާ ދީފައިވީނަމަވެސް، ކޮންޓްރެކްޓްގައި ވާގޮތުން ސާފް ޗެންޕިއަންޝިޕް ނިމެންދެން މުތައިރީ އެޓީމަށް އިރުޝާދު ދޭނެއެވެ. ނަމަވެސް ދެ ރީނދޫ ކާޑު ދައްކާފައިވާތީ ނޭޕާލް ގައުމީ ޓީމްގެ ކޯޗެއްގެ ހައިސިއްޔަތުން ފައިނަލް މެޗުގައި އެޓީމަށް އިރުޝާދު ދޭން ލިބުނު ފަހު މެޗްގައި މުތައިރީއަށް ބެންޗުގައި ނީނދެވޭނެއެވެ.

އުރީދޫ ސާފް ޗެންޕިއަންޝިޕް ފެށުނުއިރު ފައިނަލްގައި ވާދަކުރާނެ ޓީމްގެ ރޭހުގައި ނޭޕާލް ހިމެނިފައިނުވިނަމަވެސް، އެޓީމުގެ ފުރަތަމަ މެޗްގައި ރާއްޖެ ބަލުކުރުމާއެކު ނޭޕާލް ޓީމުގެ ވަރުގަދަކަން ފެނިގެންދިޔައެވެ. އަދި ކޮންމެ ޓީމަކުންވެސް ނޭޕާލާމެދު ދެކޭގޮތް ބަދަލުވިއެވެ. ފައިނަލް މެޗްގެ ކުރިން މިއަދުގެ ނޫސްވެރިންގެ ބައްދަލުވުން ބާއްވާފައިވަނީ ޒޫމް މެދުވެރިކޮށެވެ. އެއީ މޫސުން ގޯސްވުމުގެ ސަބަބުން އިންޑިޔާ އަދި ނޭޕާލް ކޯޗަށް މާލެ ނާދެވުމުންނެވެ. މުތައިރީ ސަސްޕެންޝަންގައި ހުރުމުން ނޫސްވެރިންގެ ބައްދަލުވުމުގައި ބައިވެރިވީ ނޭޕާލްގެ އެސިސްޓަންޓް ކޯޗު ކިރަން ޝްރެސްތާ އާއި ކެޕްޓަން އަދި ގޯލްކީޕަރު ކިރަން ކުމާރް ޝެމްޝޮންއެވެ.

ކިރަން ޝްރެސްތާ ބުނީ ފައިނަލް މެޗަށް ނުކުންނައިރު ކުރިން ނުކުމެފައި ހުރި އެއްވެސް ނަތީޖާއަކުން މި މެޗަށް އަސަރުކުރާނެ ކަމަށް ނުދެކޭ ކަމަށެވެ. ކޮންމެ ޓީމެއްވެސް މެޗުން މޮޅުވާން ވަރަށް ބޮޑަށް ބޭނުންވާނެކަމަށާއި ދެޓީމު ކުރިން ކުޅެފައިވާ މެޗުތަކުގެ ނަތީޖާގެ އަސަރު ފައިނަލް މެޗަށް ނުކުރާނެކަމަށެވެ. އިންޑިޔާއާއި ދެކޮޅަށް ނޭޕާލުން ވަނީ އަމިއްލަ ގައުމުގައި ދެ މެޗް ކުޅެފައެވެ. އެއް މެޗް އެއްވަރުވެ، ދެވަނަ މެޗް އިންޑިޔާ ކާމިޔާބުކުރިއެވެ.

ނޭޕާލްގެ ކީޕަރު ކިރަން ކުމާރް ޝެމްޝޮން ބުނީ ރާއްޖެއަކީ ދެވަނަ ގެކަމަށާއި އެދެނީ މިމެޗުގައި ދިވެހި ސަޕޯޓަރުން ނޭޕާލަށް ސަޕޯޓްކޮށްދިނުންކަމަށެވެ. ނޭޕާލުން އެންމެ ފަހުން އިންޑިއާ ބަލިކުރީ 2013 ވަނަ އަހަރު އެ ގައުމުގައި ހޯސްޓް ކުރި ސާފް ޗެމްޕިއަންޝިޕްގައެވެ. މި ފަހަރުގެ ސާފް ޗެމްޕިއަންޝިޕްގެ ލީގު ބުރުގައި އިންޑިއާ ވަނީ ފަހު ވަގުތު ގޯލު ޖަހައި ނޭޕާލް ބަލިކޮށްފައެވެ.

ސާފް ޗެންޕިއަންޝިޕްގެ ތަށި އިންޑިޔާއިން ހަތް ފަހަރު ހޯދާފައިވާއިރު، މިއީ އިންޑިޔާއިން ސާފް ޗެންޕިއަންޝިޕްގެ ފައިނަލްގައި ކުޅޭ 12 ވަނަ ފަހަރެވެ. ނޭޕާލުން މުބާރާތުގެ ފައިނަލްގައި ފުރަތަމަ ފަހަރު ކުޅޭއިރު، އެޓީމުވަނީ 5 ފަހަރު ސެމީ ފައިނަލްގައި ވާދަކޮށް ފައިނަލަށް ނުގޮސް ބަލިވެފައެވެ. މާދަމާ ރޭ ކުޅުމަށް ހަމަޖެހިފައިވާ ސާފް ޗެންޕިއަންޝިޕްގެ ފައިނަލް މެޗް ފެށުމަށް ހަމަޖެހިފައިވަނީ ރޭގަނޑު 8 ޖަހާއިރުއެވެ.