ވިޔަފާރި

ކުމްމިންގ ފެއަރގެ "ކަންޓްރީ އޮފް އޮނާ"ގެ މަޤާމް ރާއްޖެއަށް


ސައުތު އޭޝިއާގެ ޤައުމުތަކުގެ އުފެއްދުންތެރި ތަކެތި އެއްތަނަކުން ވިއްކުމަށް ކޮންމެ އަހަރަކުވެސް ބާއްވަމުން އަންނަ ކުމްމިންގ ފެއަރގެ "ކަންޓްރީ އޮފް އޮނާ"ގެ މަޤާމް ރާއްޖެއަށް ލިބިފައިވާކަމަށް އިކޮނޮމިކް މިނިސްޓަރ މުޙައްމަދު ސަޢީދު ވިދާޅުވެއްޖެއެވެ.އިކޮނޮމިކް މިނިސްޓްރީގައި ބޭއްވެވި ނޫސްވެރިންގެ ބައްދަލުވުމެއްގައި މިނިސްޓަރު ސަޢީދު ވިދާޅުވީ، މި މަޤާމު ރާއްޖެއަށް ލިބުމަކީ މިއަހަރުގެ ސައުތު އޭޝިއާ އެކްސްޕޯގައި ރާއްޖެއަށް ކުރިއެރުންތަކެއް ހޯދުނު ކަމުގެ ހެއްކެއްކަމަށެވެ. މިނިސްޓަރ ވިދާޅުވީ، ކަންޓްރީ އޮފް އޮނާގެ މަޤާމު ލިބުމުން އެތަނުގައި ދިވެހި އުފެއްދުންތައް ވިއްކުމަށް ވަރަށް ބޮޑު ޖާގައެއް ލިބޭނެ ކަމަށެވެ. އަދި އެއަރޕޯޓުން ފެށިގެން އެކްސްޕޯ ބާއްވާ ޢިމާރާތާ ހަމައަށް "ތީމް ޑެސްޓިނޭޝަން" އެއްގެ ގޮތުގައި ރާއްޖެ އިޝްތިހާރު ކުރުމުގެ ފުރުޞަތު ލިބިގެންދާނެކަމަށް ވިދާޅުވިއެވެ.ޗައިނާގެ ޔުންނާން ޕްރޮވިންސްގައި ބާއްވާ ކުމްމިން ފެއަރގައި ބައިވެރިވުމުގެ ފުރުޞަތު މިމަހުގެ 22 ވަނަ ދުވަހު ބާއްވާ އުފެއްދުންތެރިކަމުގެ މަޢުރަޒުގެ ބައިވެރިންނަށް ހުޅުވާލެވިފައިވާކަން މިނިސްޓަރ ފާހަގަކުރެއްވިއެވެ.