ވިޔަފާރި

ތޮއްޑޫ އެގްރި ސެންޓަރު ރަސްމީކޮށް ހުޅުވައިފި


ތޮއްޑޫގައި އެސްޓީއޯގެ އެގްރި ސެންޓަރެއް ހުޅުވައިފިއެވެ.

ތޮއްޑޫގައި އެސްޓީއޯގެ އެގްރި ސެންޓަރ ހުޅުވާފައިވަނީ އިއްޔެއެވެ. މިއީ މާލެއިން ބޭރުގައި އެސްޓީއޯގެ އެގްރި ސެންޓަރެއް ހުޅުވި ފުރަތަމަ ފަހަރެވެ. މިތަން ހުޅުވައިދެއްވީ ތޮއްޑޫ ކައުންސިލްގެ ރައީސް އަޙްމަދު ކަރަމްއެވެ.

ދިވެހި ދަނޑުވެރިން ހައްދާ ތަކެތި ގަނެ، ދަނޑުވެރިންނަށް ހަމައަގު ހޯދައިދިނުމުގެ ބޭނުމުގައި އެސްޓީއޯއިން އެގްރި ސެންޓަރުގެ ނަމުގައި ސެންޓަރެއް ހުޅުވީ މިދިޔަ އޭޕްރީލް މަހުގެތެރޭގައެވެ. އެ ސެންޓަރުން މިހާރުވަނީ ރާއްޖޭގެ 500 އެއްހައި ދަނޑުވެރިން ރަޖިސްޓްރީކޮށްފައެވެ.

ޕީއެސްއެމް ނިއުސްއަށް މައުލޫމާތުދެއްވަމުން އެސްޓީއޯއިން ވިދާޅުވީ، ތޮއްޑޫގައި އެސްޓީއޯގެ އެގްރި ސެންޓަރެއް ހުޅުވީ މި އެ ސަރަހައްދުގައި ދަނޑުވެރިކަން އެންމެ ފުޅާކޮށްކުރާ ރަށަކީ ތޮއްޑޫއަށްވުމުންކަމަށެވެ. މިހާރު ތޮއްޑޫ ދަނޑުވެރިންނަށް ސީދާ ރަށުގައި ތިބެގެން އެސްޓީއޯގެ އެގްރި ސެންޓަރަށް އެމީހުން ހައްދާ ތަކެތި ވިއްކާލެވޭނެކަމަށް އެސްޓީއޯއިން ބުނެއެވެ.

ތޮއްޑޫގެ ދަނޑުވެރިން ހައްދާ ބާވަތްތަކުގެ ތެރެއިން އެގްރި ސެންޓަރުން ގަންނަ ހުރިހާ ބާވަތްތަކެއް ގަންނާނެކަމަށް އެސްޓީއޯއިން ވިދާޅުވެއެވެ. ތޮއްޑޫ ފެސިލިޓީގެ މައިގަނޑު މަސައްކަތަކަށް ވާނީ އެސަރަހައްދުގައި ދަނޑުވެރިން ހައްދާ ތަކެތި ތޮއްޑޫ ފެސިލިޓީއަށް ގެންގޮސް އެތަކެތި ރިސޯޓްތަކަށް ސަޕްލައި ކުރުމާއި ހަމައެހެންމެ މާލޭގެ މާކެޓަށް އެތަކެތި ފޮނުވުންކަމަށް އެގްރި ސެންޓަރުން ވިދާޅުވެއެވެ.

އެގްރި ސެންޓަރުން ދަނޑުވެރިންގެ އަތުން ގަންނަ ބާވަތްތައް ދަނީ ހޯލްސޭލްކޮށް ވިޔަފާރިތަކަށް ވިއްކަމުންނެވެ. މިއާއެކު ދަނޑުވެރިންނަށް ދެމެހެއްޓެނިވި ގޮތެއްގައި ދަނޑުވެރިކަން ކޮށް، އެކަމުން ލިބެންޖެހޭ ނަފާ ފުރިހަމަ ގޮތުގައި ލިބޭނެކަމަށް އެގްރި ސެންޓަރއިން ޤަބޫލުކުރެއެވެ.

އެސްޓީއޯ އެގްރި ސެންޓަރުން މިހާރު ދަނީ ދަނޑުވެރިންގެ އަތުން 17 ބާވަތެއް ގަންނަމުންނެވެ. އެގްރި ސެންޓަރު އުފެއްދުމުގެ މައިގަނޑު ސަބަބަކީ ދެމެހެއްޓެނިވި ގޮތެއްގައި ދަނޑުވެރިކަންކޮށް، އެކަމުން ދަނޑުވެރިންނަށް ލިބެންޖެހޭ ނަފާ ފުރިހަމަ ގޮތުގައި ލިއްބައިދިނުމެވެ.