ދުނިޔެ

އީރާނުގެ ނިއުކްލިޔަރ ޕްރޮގްރާމް މަޑުޖައްސާލުމަށް ތައްޔާރުވަނީ!


އީރާނާއި ދުނިޔޭގެ ބާރުތަކާ
ދެމެދު ވެފައިވާ އެއްބަސްވުމުގެ ދަށުން އެގައުމުގެ ނިއުކްލިޔަރ ޕްރޮގްރާމްގެ
މަސައްކަތްތައް ކުރިއަށް އޮތް ދެ ހަފްތާއެއްހާ ދުވަހުގެ ތެރޭގައި މަޑު ޖައްސާލާނެ
ކަމަށް އީރާނުން ބުނެފައިއެވެ.



ނޫސްވެރިންނާ ވާހަކަ
ދައްކަވަމުން އެޓޮމިކް ހަކަތައާ ބެހޭ ބައިނަލްއަޤްވާމީ އިދާރާ އައި.އޭ.އީއަށް އީރާނުން
ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު ރެޒާ ނަޖާފީ ވިދާޅުވީ، ނިއުކްލިޔަރ
މަސައްކަތްތައް މަޑު ޖައްސާލުމުގެ މަސައްކަތް އީރާނުން މިހާރު ވެސް ފަށާފައިވާ
ކަމަށާ އެގައުމުން ބޭނުންވަނީ ވީ އެންމެ އަވަހަކަށް މި މަސައްކަތްތައް ފުރިހަމަ
ކުރުމަށް ކަމަށެވެ.



އީރާނުގެ ނިއުކްލިޔަރ
މައްސަލައިގައި އެގައުމާ ދުނިޔޭގެ ބާރުތައް ކަމަށްވާ ރަޝިޔާ، ޖަރުމަނުވިލާތް،
ފަރަންސޭސިވިލާތް، ޗައިނާ، އެމެރިކާ އަދި ޗައިނާއިން ބޭއްވި މަޝްވަރާތަކަށް ފަހު
އެއްބަސްވުމެއް ޤާއިމުކުރީ މިއަހަރުގެ ޖުލައި މަހު އެވެ. މި އެއްބަސްވުމުގެ ދަށުން
ހުޅަނގުގެ ބާރުތަކުން ވަނީ އީރާނާ ދެކޮޅަށް އަޅާފައިވާ ދަތިކުރުމުގެ ފިޔަވަޅުތައް
ލުއިކުރުމަށް އެއްބަސްވެފައެވެ. މިއީ މިމައްސަލައިގައި ދާއިމީ
އެއްބަސްވުމެއް އެކުލަވާލި ފުރަތަމަ ފަހަރެއެވެ.