ވިޔަފާރި

އަހަރުގެ މިހާތަނަށް 55000 އަށްވުރެ ގިނަ މެޓްރިކް ޓަނުގެ މަސް ކިރައިފި


މިއަހަރުގެ މިހާތަނަށް ރާއްޖެއަށް 55000 އަށްވުރެ ގިނަ މެޓްރިކް ޓަނުގެ މަސް ކިރާފައިވާކަމަށް ފިޝަރީޒް މިނިސްޓްރީގެ ތަފާސް ހިސާބުތައް ދައްކައިފިއެވެ.

ތަފާސް ހިސާބުތައް ދައްކާގޮތުން އެހެން އަހަރުތަކާއި އަޅާބަލާއިރު މިއަހަރު ރާއްޖޭގެ މަސްވެރިކަން ރަނގަޅެވެ. އަދި އެހެން އަހަރުތަކަށްވުރެ މިއަހަރު މަސްކިރާ މިންވަރު އިތުރުވާނެކަމަށްވެސް ވަނީ ލަފާކޮށްފައެވެ.

ފިޝަރީޒް މިނިސްޓްރީގެ ތަފާސްހިސާބުތައް ދައްކާގޮތުން މިއަހަރުގެ ސެޕްޓެމްބަރ މަހުގެ ނިޔަލަށް ރާއްޖެއަށް 55،978 މެޓްރިކް ޓަނުގެ މަސްވަނީ ކިރާފައެވެ. ވަކިވަކި މަސްމަހަށް ބަލާއިރު އެންމެ ގިނައިން މަސް ކިރާފައިވަނީ އަހަރުގެ ފުރަތަމަ 3 މަސްދުވަހުއެވެ. އެގޮތުން ޖަނަވަރީ މަހުގެ ތެރޭގައި 9،129 މެޓްރިކް ޓަނުގެ މަސްވަނީ ކިރާފައެވެ. ފެބްރުއަރީ މަހުގެ ތެރޭގައި 8،831 މެޓްރިކް ޓަނުގެ މަސް ކިރާފައިވާއިރު މާރްޗ މަހު 7،609 މެޓްރިކް ޓަނުގެ މަސް ކިރާފައިވާކަމަށް ތަފާސްހިސާބުތަކުން ދައްކައެވެ.

މިއަހަރުގެ ތެރޭގައި އެންމެ ގިނައިން ކިރާފައިވަނީ ކަޅުބިލަމަހެވެ. އެގޮތުން އަހަރުގެ މިހާތަނަށް 43،869 މެޓްރިކް ޓަނުގެ ކަޅުބިލަމަސް ވަނީ އެކިއެކި ކުންފުނިތަކަށް ކިރާފައެވެ. ރީނދޫ އުރަހަ ކަންނެއްޔަށް ބަލާއިރު 11،401 މެޓްރިކް ޓަނު ވަނީ ކިރަފައެވެ. 523 މެޓްރިކް ޓަނުގެ ފާނަ ކިރާފައިވާއިރު، 177 މެޓްރިކް ޓަނުގެ ލޯބޮޑު ކަންނެލި ކިރާފައިވެއެވެ. މީގެއިތުރުން 4 މެޓްރިކް ޓަނުގެ ފަރުމަސް ކިރާފައިވާކަމަށް ފިޝަރީޒް މިނިސްޓްރީގެ ތަފާސްހިސާބުތަކުން ދައްކައެވެ.

މިއަހަރުގެ އޮގަސްޓް މަހުގެ ނިޔަލަށް މިފްކޯއިން އެކަނިވެސް މަސްވެރިންނަށް 541 މިލިއަން ރުފިޔާ ދޫކޮށްފައިވާކަމަށް ތަފާސް ހިސާބުތަކުން ދައްކައެވެ. މީގެއިތުރުން ކޯވިޑް19 އާއިއެކު ސަރުކާރުން ދޫކުރި އިންކަމް ސަޕޯޓް އެލަވަންސްވެސް ވަނީ މަސްވެރިންނަށް ދޫކޮށްފައެވެ. އިންކަމް ސަޕޯޓް އެލަވަންސްގެ ގޮތުގައި މަސްވެރިކަމުގެ ދާއިރާގައި މަސައްކަތްކުރާ ފަރާތްތަކަށް 39.3 މިލިއަން ރުފިޔާ ދޫކޮށްފައިވެއެވެ.