ޚަބަރު

ބިދޭސީން މަދުކޮށް، މާލެ ސިޓީ ކައުންސިލަށް ހަމައެކަނި ދިވެހިން ނަގަން ނިންމައިފި


މާލެ ސިޓީ ކައުންސިލްގެ ވަޒީފާތަކަށް އިތުރަށް ބިދޭސީން ނުނެގުމަށް ކައުންސިލުން ނިންމައިފިއެވެ.

ސިޓީ ކައުންސިލުން މިގޮތަށް ނިންމާފައިވަނީ ބުދަ ދުވަހު ބޭއްވި ސިޓީ ކައުންސިލްގެ ބައްދަލުވުމުގައެވެ.

މާލެ ސިޓީގެ މޭޔަރ ޑރ.މުޙައްމަދު މުޢިއްޒު ވިދާޅުވީ، ސިޓީ ކައުންސިލްގެ މަސައްކަތްތަކަށް އިތުރަށް ބިދޭސީން ނުނަގަން ނިންމީ ވީހާވެސް ގިނަ ދިވެހިންނަށް ވަޒީފާގެ ފުރުޞަތު ހޯދައިދިނުމަށްކަމަށެވެ. އެގޮތުން ކައުންސިލްގެ ބައްދަލުވުމުން ނިންމީ ކައުންސިލްގެ ވަޒީފަތަކަށް ބިދޭސީން ނުނެގުމަށާއި، އަދި މިހާރު މަސައްކަތްކުރާ ބިދޭސިންގެ މަދުކޮށް އެ ވަޒީފާތަކަށް ދިވެހިން ނެގުމަށްކަމަށް މޭޔަރ މުޢިއްޒު ވިދާޅުވިއެވެ. މިގޮތަށް ވަޒީފާގެ ފުރުޞަތު ދޭއިރު ޒުވާނުންނަށް ޚާއްސަކޮށްގެން ވަކި އިންސައްތައެއްގެ ވަޒީފާ ކަނޑައެޅުމަށް ނިންމާފައިވާކަމަށްވެސް މުޢިއްޒު ވިދާޅުވިއެވެ.

މާލެއާއި ވިލިމާލެއަށް ބަލާއިރު މުނިސިޕަލް ހުރިހާ މަސައްކަތްތަކެއްހެން ޢަމަލީގޮތުން ކުރަމުންދަނީ މާލޭ ސިޓީ ކައުންސިލްގައި މަސައްކަތްކުރާ 200އެއްހާ ބިދޭސީ މުޢައްޒަފުންނެވެ. އަދި މާލޭގެ މަގުތައް ބެލެހެއްޓުމާއި، ހާބަރުތަކާއި ޕާކުތައް ބެލެހެއްޓުމުގެ މަސައްކަތްވެސްކުރަނީ މާލެ ސިޓީ ކައުންސިލްގައި މަސައްކަތްކުރާ ބިދޭސީ މުޢައްޒަފުންނެވެ.

މާލޭ ސިޓީ ކައުންސިލްގައި މަސައްކަތްކުރާ ބިދޭސީން ބެލެހެއްޓުމުގެ ހުރިހާ ޚަރަދުތަކެއްވެސް ކުރަނީ ސިޓީ ކައުންސިލުންނެވެ. އެގޮތުން ކުރިން ދިރިއުޅެމުން އައި އެކަމަޑޭޝަން ބްލޮކްތަކުގެ ބަދަލުގައި، މިދިޔައަހަރު ވަނީ މަރާމާތުކޮށް އާ އެކަމަޑޭޝަން ބްލޮކެއްވެސް ހަމަޖައްސާފައެވެ. ބިދޭސީންގެ ނިދުމާއި، ކެއިންބުއިމުގެ ކަންކަން ހަމަޖައްސަނީ މި އެކަމަޑޭޝަން ބްލޮކްގައި ސިޓީ ކައުންސިލުންނެވެ.

ސިޓީ ކައުންސިލުން ވިދާޅުވީ، ކައުންސިލްގެ ނިންމުމާއެކު މި ވަޒީފާތައް ދެން ޚާއްސަކުރާނީ ދިވެހިންނަށްކަމަށެވެ. އަދި މިއާއެކު ރައްޔިތުންގެ ފުދުންތެރިކަން އިތުރުވެ، ވަޒީފާ ނެތި އުޅޭ ދިވެހިންގެ އަދަދު ދަށްކުރެވޭނެކަމަށް ކައުންސިލުން ވިދާޅުވެއެވެ.