ދަނޑުވެރިކަން ކުރުމަށް ކައުންސިލްގެ ނިޒާމުގެ ތެރެއިން އުސޫލެއް އެކުލަވާލާ ފަސޭހަ ގޮތްތަކެއް ހަމަޖެއްސުމަކީ މުހިއްމުކަމެއް ކަމަށާއި އެކަން ޙާސިލްކުރުމަށް މަސައްކަތް ކުރައްވާނެ ކަމަށް މިނިސްޓަރ އޮފް ފިޝަރީޒް އެންޑް އެގްރިކަލްޗަރ ޑރ.ޙުސެއިން ރަޝީދު ޙަސަން ވިދާޅުވެއްޖެއެވެ.
ދަނޑުވެރިކަމުގެ ދުވަސް ފާހަގަކުރުމުގެ ހަރަކާތްތަކުގެ ތެރޭގައި ހިމަނައިގެން ތ.ކަނޑޫދޫގައި ބޭއްވި ދެދުވަހުގެ ދަނޑުވެރިކަމުގެ ފޯރަމް ނިންމަވާލައްވަމުން މިނިސްޓަރ އޮފް ފިޝަރީޒް އެންޑް އެގްރިކަލްޗަރ ޑރ.ޙުސެއިން ރަޝީދު ޙަސަން ވިދާޅުވީ މިފޯރަމްގެ ތެރެއިން ދަނޑުވެރިންނަށް ދިމާވެފައިވާ ވަރަށް ގިނަ ގޮންޖެހުންތައް އެނގިވަޑައިގެންނެވިކަމަށެވެ. އެގޮތުން މީހުން ދިރިއުޅޭ ރަށްރަށުން ދަނޑުވެރިކަން ކުރުމަށް ބޭނުންވާ ބިން ލިބުމުގައި ގިނަ ގޮންޖެހުން ހުރިކަން މިނިސްޓަރ ފާހަގަކުރެއްވިއެވެ. އެގޮތުން މީހުން ދިރިއުޅޭ ރަށްރަށުގައި ބިމުގެ ދަތިކަން ހުރި އިރު މީހުން ދިރިއުޅޭ ގޯތި ކުޑަވެ ގޯތިތެރޭގައި ދަނޑުވެރިކަން ކުރުމަށްވެސް ހުރަސްތަކެއް ހުރިކަން ފާހަގަކުރައްވާ މިނިސްޓަރ ވިދާޅުވީ މިކަމަށް ޙައްލެއް ގެނައުމަށް އެލްޖީއޭ މެދުވެރިކޮށް މަސައްކަތް ކުރައްވާނެކަމަށެވެ.
"އެގްރޯ ނެޓުން ތަކެތި ގަތުމުގައި ބަލާ މިންގަނޑުގެ ތެރޭގައި ކައުންސިލްގެ ދަށުން ދޫކޮށްފައިވާ ބިމަކަށްވާންޖެހޭއިރު އެގޮތަށް އުސޫލު އޮތުމުން ކައުންސިލް މެދުވެރިކޮށް ބިން ދަނޑުވެރިކަމަށް ލިބޭނެ ގޮތެއް ހޯދަން އެބަޖެހޭ. އެހެންކަމުން އެލްޖީއޭ މެދުވެރިކޮށް ކައުންސިލް ނިޒާމުގެ ތެރެއިން އަޅުގަނޑުމެން ހަމަޖައްސަން މަސައްކަތް ކުރާނަން." އެގްރިކަލްޗަރ މިނިސްޓަރ ޑރ.ޙުސެއިން ރަޝީދު ޙަސަން ވިދާޅުވިއެވެ.
ރާއްޖޭގެ ދަނޑުވެރިކަން ކުރިއެރުވުމަށް ބޭނުންވާ އެންމެ މުހިއްމު އެއްކަމަކީ ދަނޑުވެރިންކުރާ މަސައްކަތަށް ރަނގަޅު މާކެޓެއް ހޯދުން ކަމަށާއި އެކަން ކުރުމަށް ކެމިކަލް މަދުން ބޭނުންކޮށްގެން ކާބޯތަކެތި ހެއްދުމަށް އިސްކަން ދިނުމަށް މިނިސްޓަރވަނީ ބައިވެރިންގެ ކިބައިން އެދިވަޑައިގެންފައެވެ. އެގޮތުން ކެމިކަލް ބޭނުން ނުކޮށް ގުދުރަތީ މާއްދާތައް ބޭނުންކޮށްގެން ދަނޑުވެރިކަން ކުރުމަކީ ތަކެތީގެ އަގު ބޮޑުވެ އެޔަށް އޮތް ޑިމާންޑުވެސް ބޮޑުވާނެ ކަމެއްކަމަށް މިނިސްޓަރ ވިދާޅުވިއެވެ.
ދެދުވަހުގެ މުއްދަތަށް ތ.ކަނޑޫދޫގައި ކުރިއަށްދިޔަ ދަނޑުވެރިންގެ ފޯރަމްގައި ރާއްޖޭގެ އެކި ހިސާބުތަކުންވަނީ ބައިވެރިވެފައެވެ. މިފޯރަމްގައި ބައިވެރިންވަނީ އެފަރާތްތަކުގެ ޝުއޫރު ޕީއެސްއެމްއާއި ހިއްސާކޮށްފައެވެ.
ކަނޑޫދޫގައި ކުރިއަށްގެންދިޔަ ދަނޑުވެރިކަމުގެ ފޯރަމްގައި ތ.އަތޮޅުގެ އިތުރުން ރާއްޖޭގެ އުތުރާއި ދެކުނުންވަނީ ވަރޗުއަލްކޮށް ބައިވެރިވެފައެވެ. އެގޮތުން ތ.އަތޮޅުގެ 5 ރަށެއްގެ ދަނޑުވެރިންނާއި ކައުންސިލްތައް ކަނޑޫދޫގައި ކުރިއަށްދާ ފޯރަމަށް ޒިޔާރަތްކޮށްފައިވާއިރު ހދ.ވައިކަރަދޫއާއި ށ.ގޮއިދޫއާއި ލ. ގަމުންވަނީ މިފޯރަމްގައި ވަރޗުއަލްކޮށް ބައިވެރިވެފައެވެ. މީގެ އިތުރުން މިފޯރަމްގައި ދަނޑުވެރިކަމަށް ބޭނުންވާ އެކި ބާވަތްތައް ރާއްޖެ އެތެރެކޮށް ވިއްކާ ފަރާތްތަކާއި މިދާއިރާގައި ޙަރަކާތްތެރިވާ އަމިއްލަ ޖަމިއްޔާތަކާއި ދަނޑުވެރިން އުފައްދާ ބާވަތްތައް ގަތުމަށް ސަރުކާރުން އުފައްދާފައިވާ އެގްރޯ ކުންފުނިންގވެސްވަނީ ބައިވެރިވެފައެވެ.