ވިޔަފާރި

4 ވަނަ ކޮންސިއުމަރ ފެއަރ ހުޅުވައިފި


ރާއްޖޭގައި ބާއްވާ ހަތަރުވަނަ ކޮންސިއުމަރ ފެއަރ މިއަދު ހަވީރު އާރޓް ގެލެރީގައި ހުޅުއްވައިފިއެވެ.މި ފެއަރ ހުޅުއްވައިދެއްވީ އިކޮނޮމިކް މިނިސްޓަރގެ ނާއިބު އާދަމް ތައުފީޤެވެ.ކޮންސިއުމާ ފެއަރ ބާއްވަމުން އަންނަނީ ވިޔަފާރިތަކާއި އާންމުންނާ ގުޅުވާލަދިނުމުގެ މަޤްސަދުގައެވެ. އެގޮތުން މިއަދު ފެށި 4 ވަނަ ކޮންސިއުމާ ފެއަރވެގެންދާނީ ރާއްޖޭގެ ހޯލްސޭލް މާކެޓްގައްޔާ އަދި ރީޓެއިލް މާކެޓްގައިވެސް މަސައްކަތްކުރާ ވިޔަފާރިތަކަށް ލިބިގެންދާ ބޮޑު ކުރިއެރުމެއްކަމުގައި އިކޮނޮމިކް މިނިސްޓަރ ގެ ނައިބު އާދަމް ތައުފީގް ވިދާޅުވިއެވެ. އަދި މި ފެއަރގެ ސަބަބުން އާންމުންނާ ހަމަޔަށް ޕްރޮޑަކްޓްސްތަކާއި ބެހޭ އެންމެ ފުރިހަމަ މައުލޫމާތު ގެނެސްދިނުމުގެ ފުރުސަތު ވިޔަފާރިތަކަށް ހުޅުވާލެވިފައިވާކަމަށްވެސް ތައުފީގް ވިދާޅުވިއެވެ. ތިރީހަށް ވުރެ ގިނަ ފަރާތުން ބައިވެރިވެފައިވާ މި ފެއަރގެ ބައެއް ބައިވެރިން ބުނީ މި ފަދަ ފެއަރއެއް ބޭއްވުމަކީ އެފަރާތްތަކުގެ ވިޔަފާރި އާންމުންނާ ހަމަޔަށް ގެނެސްދީ އާންމުންގެ ހިޔާލު ހޯދާލުމަށް ލިބިގެންދާ ފުރުސަތެއްކަމުގައެވެ.މޯލްޑިވްސް ކޮންސިއުމާ ފެއަރ ކުރިއަށްދާނީ  މިއަދުން ފެށިގެން މިމަހުގެ ސަތާރައިގެ ނިޔަލަށެވެ. ރާއްޖޭގެ ގިނަ ވިޔަފާރިތަކަކުން ބައިިވެރިވާ މި ފެއާއަށް ޒިޔާރަތްކުރާ ފަރާތްތަކަށް ފެއާގައި ހިމެނޭ ކާތަކެތި ރަހަ ބެލުމުގެ ފުރުސަތު ލިބޭނެކަމަށާއި އަދި ހާއްސަ ހަދިޔާތަކާއި ޑިސްކައުންޓް އަގުތަކުގައި ތަކެތި ގަންނަން ލިބޭނެ ކަމަށް ފެއަރ އިންތިޒާމް ކުރި ބްލަކްއިން މައުލޫމާތުދެއެވެ.