ދުނިޔޭގެ ވިޔަފާރި

ކޯވިޑު ފިޔަވަޅުތަކަށް ދިން ލުއިތަކާއެކުވެސް އިނގިރޭސި އިޤްތިޞާދީ ދުވެލި ދަށް


ކޯވިޑްގެ ފިޔަވަޅުތަކަށް ލުއިދިނުމަށްފަހުވެސް އިނގިރޭސިވިލާތުގެ އިޤްތިޞާދު ކުރިއަރާފައިވަނީ އެންމެ %0.4 ކަމަށް އެޤައުމުގެ އޮފީސް އޮފް ނޭޝަނަލް ސްޓެޓިސްޓިކްސް އިން ހާމަކޮށްފިއެވެ.

އިނގިރޭސި އިޤްތިޞާދު ކުރިއަރަމުން އަންނަ މިންވަރަށް ބަލައި، ޤައުމުގެ ތަފާސް ހިސާބާއި ބެހޭ އިދާރާއިން ނެރުނު ރިޕޯޓުގައި ބުނީ، މިިދިޔަ އޯގަސްޓު މަހު %0.4 އިޤްތިޞާދު ކުރިއަށް ޖެހިލާފައިވަނީ ސާވިސް އިންޑަސްޓްރީގެ ސަބަބުން ކަމަށެވެ. އެގޮތުން ބޭރުން ކެއުމާއި، ކުޅިވަރާއި އަދި މުނިފޫހިފިލުވުމުގެ ހަރަކާތްތަކަށް މީހުން ޚަރަދު ކުރާ މިންވަރު އިތުވެގެން ގޮސްފައިވާ ކަން އެއޮފީހުން ފާހަގަ ކުރެއެވެ. އަދި މިއީ ކޯވިޑްގެ ފިޔަވަޅުތަކަށް ލުއިދިންތާ، ފުރަތަމަ މަހުގެ ތެރޭގައި ފެނިގެން ދިޔަ ކަންކަން އިނގިރޭސި ތަފާސް ހިސާބުތަކާއި ބެހޭ އޮފީހުން ފާހަގަ ކުރެއެވެ.

އެއޮފީހުން އިތުރަށް ފާހަގަކޮށްފައިވާ ގޮތުގައި، މީގެ ކުރިން ޖުލައި މަހުގެ ތެރޭގައި %0.1 އިޤްތިޞާދު ކުރިއަށް ޖެހުނުކަން ޤަބޫލު ކުރެވިފައި އޮތަސް، ފަހުން އެކި ސިނާޢަތަކުން ލިބުނު މަޢުލޫމާތުތަކަށް ބަލާއިރު، އިޤްތިޞާދީ ހަރަކާތް މައިގަނޑު ގޮތެއްގައި %0.1 ދަށްވެގެން ދިޔަކަން ހާމަވި ކަމަށެވެ.

އިނގިރޭސި އިޤްތިޞާދު ކުރިއެރުމުގައި މަޑު ޖެހިފައިވާ ކަން އެޤައުމުގެ އިޤްތިޞާދު ދިރާސާ ކުރާ ފަރާތްތަކުން ވެސް ފާހަގަ ކޮށްފައިވެއެވެ. އެގޮތުން މައްސަލައަކީ މީހުން އިޤްތިޞާދީ ހަރަކާތްތެރިވާ މިންވަރު ދަށްވުން ނޫން ކަމަށާއި، މައްސަލައަކީ އޮތް ޑިމާންޑާއި އެއްވަރަށް ޚިދުމަތް ފޯރުކޮށްދިނުމުގައި ދަތިތަކާއި ކުރިމަތިލާން ޖެހިފައިވުން ކަމަށް އެފަރާތްތަކުން ބުނެއެވެ. މީގެ ސަބަބެއް ކަމަށް އެފަރާތުން ފާހަގަކޮށްފައިވަނީ ފަންނީ މަސައްކަތެރިންގެ އަދަދު މަދުވެގެން ދިއުމެވެ. އަދި މިއާއި އެކު ޚިދުމަތަށް ޑިމާންޑު ބޮޑުވި ނަމަވެސް އެޚިދުމަތް ފޯރުކޮށްދިނުމަށް ބޭނުންވާ އިންސާނީ ވަސީލަތަށް ވަރަށް ބޮޑަށް ބުރުއަރާފައިވާ ކަން ވަނީ ފާހަގަކޮށްފައެވެ.

މީގެ އިތުރަށް ކޯވިޑުގެ ކުރީން އޮތް ހާލަތަށް އަނބުރާ އިޤްތިޞާދު އިޔާދަ ކުރެވޭނީ އަންނަ އަހަރު ތެރޭގައި ކަމަށް އެފަރާތްތަކުން ވަނީ ލަފާކޮށްފައެވެ. މިއާއި އެކު އިނގިރޭސި އިޤްތިޞާދު ހިއްލާލުމުގައި ގޮންޖެހުންތަކާއި ކުރިމަތިލާން މިވަނީ ޖެހިފައެވެ. އަދި ޚިދުމަތް ފޯރުކޮށްދިނުމުގައި ދިމާވާ ގޮންޖެހުންތަކާއި އެކު ތަކެތީގެ އަގުތައްވެސް މައްޗަށް ޖެހިލާފައިވާކަން އިޤްތިޞާދީ މާހިރުން ފާހަގަ ކުރެއެވެ.

އިޤްތިޞާދީ ގިނަ މާހިރުން ޤަބޫލު ކުރާ ގޮތުގައި، އިނގިރޭސި އިޤްތިޞާދު މަހެއްގެ ތެރޭގައި މިހާރު ކުރިއަރަމުންދާ ނިސްބަތަކީ ގޯސް މިންވަރަކަށް ނުވިނަމަވެސް، މިފަދަ މައްސަލަތަކާއި އެކު މިއަހަރު ނިމެންވާއިރަށް ސަރުކާރުން ލަފާ ކުރާ މިންވަރަށް އިޤްތިޞާދު ކުރިނޭރުން އެކަށީގެންވެއެވެ.