ޚަބަރު

ރާއްޖޭގެ ޤައުމީ ޓީމުން ދެއްކި ހިތްވަރާއި މަސައްކަތަށް ތަޢުރީފު ހައްޤު: ރައީސް


އޫރީދޫ ސާފް ޗެމްޕިއަންޝިޕް 2021 އަށް ދިވެހިރާއްޖެ އަލްވަދާޢުކިޔަން ޖެހުނު ނަމަވެސް، ރާއްޖޭގެ ޤައުމީ ޓީމުން ދެއްކި ހިތްވަރާއި، ޓީމުގެ މަސައްކަތަށް ތަޢުރީފު ހައްޤު ކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙު ވިދާޅުވެއްޖެއެވެ.

ރާއްޖޭގެ ޤައުމީ ފުޓުބޯޅަ ޓީމުގެ މަސައްކަތް ފާހަގަކުރައްވާ ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙު ވިދާޅުވީ، މިފަހަރުގެ މުބާރާތުގައި ރާއްޖޭގެ ޤައުމީ ޓީމުން ދެއްކި މޮޅު ކުޅުމާއި އާދަޔާ ޚިލާފު ރޫޙަކީ ތަޢުރީފު ހައްޤު ކަންތައްތަކެއްކަމަށެވެ. އަދި ދަނޑުމަތީގައި ދަނޑުން ބޭރުގައި ޤައުމީ ޓީމުން ދެއްކި ހިތްވަރާއި ނަމޫނާ އެމަނިކުފާނު ވަނީ ފާހަގަކުރައްވާފައެވެ.

މިފަހަރުގެ މުބާރާތް ކާމިޔާބުކުރެވޭގޮތް ނުވިނަމަވެސް، ކުރިއަށްއޮތްތާނގައި ޓީމު އިތުރަށް ވަރުގަދަވެގެންދާނެކަމުގެ ޔަޤީންކަން އެބައޮތްކަމަށްވެސް ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ. މި މުބާރާތުގައި ދިވެހިރާއްޖެ ކުޅުނު ހުރިހާ މެޗެއް ބެއްލެވުމަށް ރައީސުލްޖުމްހޫރިއްޔާ ވަނީ ދަނޑަށް ވަޑައިގެންފައެވެ. އަދި މުބާރާތް ފެށުމުގެ ކުރިންވެސް އެމަނިކުފާނު ވަނީ ޤައުމީ ޓީމާ ބައްދަލުކުރައްވާ، ޓީމަށް ހިތްވަރުވެސް ދެއްވާފައިވެއެވެ.


ސާފް ޗެމްޕިއަންޝިޕް މުބާރާތުގައި ރޭ ކުޅުނު މެޗުން އިންޑިއާ އަތުން ރާއްޖެ ބަލިވުމާއެކު ފައިނަލުން ޖާގަގެއްލި، ތަށި ދިފާޢުކުރުމުގެ ފުރުޞަތު ދިވެހިރާއްޖެއަށް ވަނީ ގެއްލިފައެވެ. އެންމެ ފަހުގެ ޗެމްޕިއަން ރާއްޖެ ބަލިކޮށް އިންޑިޔާއިން މުބާރާތުގެ ފައިނަލްގެ ދެވަނަ ޖާގަ ޔަގީންކޮށްފައިވަނީ 1-3 ލަނޑުންނެވެ.

2018 ވަނަ އަހަރު ރާއްޖެއިން މުބާރަތުގެ ޗެންޕިއަންކަން ހޯދާފައިވަނީ އިންޑިޔާ 2 ލަނޑު 1 ލަނޑުން ބަލިކޮށްގެންނެވެ. އެހެންކަމުން މިމުބާރާތަށް ރާއްޖެއިން ކުރިމަތިލާފައިވަނީ އެންމެ ފަހުގެ ޗެންޕިއަނުންގެ ގޮތުގައި ތަށި ދިފާޢުކުރާށެވެ. ރޭގެ މެޗަށް ނިކުތްއިރު ރާއްޖެއަށް މެޗް އެއްވަރުކޮށްލައިގެންވެސް ފައިނަލްގެ ޖާގައެއް ޔަގީން ކުރެވެން އޮތެވެ.

އަމިއްލަ ފަސްގަނޑުގައި ރާއްޖެއަށް އިންޑިޔާ ބަލިނުކުރެވުމާއި ގުޅިގެން މިމުބާރާތުގެ ޗެންޕިއަންކަން ކޮންމެ ދެ އަހަރަކުން އެއް އަހަރު ހޯދަމުން އައިސްފައިވާ ރެކޯޑް ދެމެހެއްޓުމަށް އިންޑިޔާއަށްވަނީ ފުރުސަތު ލިބިފައެވެ.

މުބާރާތުގައި ދިވެހި ޓީމު ކުޅުނު 4 މެޗުގެ ތެރެއިން ދެ މެޗު ވަނީ ކާމިޔާބުކޮށްފައެވެ. ފުރަތަމަ މެޗުގައި ނޭޕާލް އަތުން ބަލިވިނަމަވެސް، ބަންގްލަދޭޝްއާއި ސްރީލަންކާއި ދެކޮޅަށް ރާއްޖެ ކުޅުނު ދެ މެޗުގައިވެސް ދިވެހި ޓީމުން ވަނީ މޮޅު ކުޅުމެއްދައްކާފައެވެ.

3 ލަނޑު 1 ލަނޑުން ކުރީގައި އޮވެގެން ރޭގެ މެޗު އިންޑިއާ ކާމިޔާބުކުރިއިރު، މިއީ ރާއްޖެއިން ހުސް ދިވެހި ކޯޗުންނާއެކު ނިކުމެ ތަށި ދިފާޢުކުރުމަށް ކުރި މަސައްކަތަށް ލިބުނު ވަރަށް ބޮޑު ނާކާމިޔާބީއެކެވެ. މި މުބާރާތުގެ ފައިނަލުގައި އިންޑިއާ ނިކުންނާނީ ނޭޕާލާއި ދެކޮޅަށެވެ. މިއީ ސާފް ޗެމްޕިއަންޝިޕް މުބާރާތުގެ ތާރީޚުގައިވެސް ނޭޕާލް ފައިނަލަށް ދަތުރުކުރި ފުރަތަމަ ފަހަރެވެ. މި ދެ ޓީމު ކުޅޭ ފޯރިގަދަ މެޗު އޮންނާނީ ހޮނިހިރު ދުވަހުގެ ރޭ ގަލޮޅުދަނޑުގައެވެ.