މޮމްސް ޖަމްޢިއްޔާއިން އިންތިޒާމްކޮށްގެން ކުރިއަށްގެންދާ "ސުޕަރ ކިޑްސް ޗެލެންޖް" ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން ފަޒްނާ އަޙްމަދު، އިފްތިތާޙްކޮށްދެއްވައިފިއެވެ. މި ޙަފްލާ ކުރިއަށްގެންގޮސްފައިވަނީ އިއްޔެ މެންދުރުފަހު މާގިރި ހޮޓަލުގައެވެ.
"ސުޕަރ ކިޑްސް ޗެލެންޖް" އަކީ ކުޑަކުދިން އެކުދިންގެ މައިންބަފައިން ނުވަތަ އެކުދިން ބަލަހައްޓާ ފަރާތްތަކާއެކު އުނގެނުމަށާއި، މަޖާ ވަގުތުކޮޅެއް ހޭދަކުރުމަށް އަމާޒުކޮށްގެން ރާވާފައިވާ ސިލްސިލާ ހަރަކާތްތަކެކެވެ.
މި ޙަފްލާގައި ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން ވަނީ މޮމްސް ޖަމްޢިއްޔާއިން ހާޞިލުކުރުމަށް ކަނޑައަޅާފައިވާ މަޤްސަދުތަކުގެ ތެރޭގައި، ޤައުމީ ފެންވަރެއްގައި އެންމެ ބޮޑަށް މަސައްކަތްކުރަމުންދާ 3 ކަމެއްކަމުގައިވާ އަންހެނުން ބާރުވެރިކުރުވުމާއި، އަންހެނުންނާއި ކުޑަކުދިންގެ ނަފްސާނީ ދުޅަހެޔޮކަމަށް މަސައްކަތްކުރުން އަދި ކުޑަކުދިންނަށް ކުރާ އަނިޔާއާއި އަންހެނުންނަށް ކުރާ ޖިންސީ އަނިޔާއާއި ދެކޮޅަށް އަޑު އުފުލުން ހިމެނޭކަން އުފަލާއެކު ފާހަގަކުރައްވާފައެވެ.
އެކަމަނާ ވަނީ ކޯވިޑުގެ ފުރަބަންދުގެ ޙާލަތުގައި ކުޑަކުދިން ފޫހިވިޔަނުދީ ތިބުމަށްޓަކައި ނިމިދިޔަ ރަމަޟާން މަހު ސުޕަރ ކިޑްސް ޗެލެންޖްގެ ފުރަތަމަ ޕްރޮގްރާމް ކުރިއަށްގެންގޮސްފައިވާތީ އެކަމަށްޓަކައި ތަޢުރީފުކުރައްވާފައެވެ. އަދި އެކަމަނާ ވަނީ އޯގާތެރިކަމާއި، ލޯބިވުމާއި، އެހެން މީހުންގެ އިހްސާތަކަށް އިހްތިރާމްކުރުމަކީ ކުޑަކުދިންގެ ގައިގައި ހުރުން މުހިންމު ސިފަތަކެއްކަމުގައި ފާހަގަކުރައްވައި މިފަހަރުގެ ޕްރޮގްރާމުގައި އޯގާތެރިކަމުގެ ސިފަ އަށަގެންނެވުމަށް ހަރަކާތްތަކެއް ހިމަނާފައިވާތީ އެކަމަށްޓަކައި އުފާކުރައްވާ ކަމަށް ވިދާޅުވެފައެވެ.
ކުދިންނަށް ހުސްވަގުތު ދިނުމުގެ މުހިންމުކަމާމެދު ވާހަކަފުޅު ދައްކަވަމުން ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން ވަނީ ކުދިން ކުރުމަށްޓަކައި ހަވާލުކުރާ މަސައްކަތްތަކާއި، ހުސްވަގުތު ދިނުމުގައި ބެލެންސްކުރުމުގެ މުހިންމުކަން ފާހަގަކުރައްވާފައެވެ. އަދި އެކަމަނާ ވަނީ މިކަމުގެ ސަބަބުން ކުދިންގެ ހުސްވަގުތުގައި އެކުދިންނަށް އެދުވަހު ހިނގިކަންކަމާމެދު ވިސްނާލުމަށް ފުރުޞަތު ލިބި، އެކުދިންގެ މުޞްތަޤްބަލާމެދު ވިސްނުމަށް މަގުފަހިވެގެންދާނެކަމުގައި ވިދާޅުވެފައެވެ.
މިޙަފުލާގައި ވާހަކަފުޅު ދައްކަވަމުން ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން ވަނީ ބެލެނިވެރިން ކުދިންނާއިއެކު ވަގުތު ހޭދަކުރުމަށް ބާރުއަޅުއްވާފައެވެ. އެގޮތުން އެކަމަނާ ވަނީ ކުދިންގެ ހުސްވަގުތުތައް ފުރާނެ ގޮތްތައް ރޭވުމުގައި އެކުދިންނާއި އެކު ވަގުތު ހޭދަކުރުމަކީ މުހިންމު ކަމެއްގެ ގޮތުގައި ފާހަގަކުރައްވާފައެވެ.
މި ޙަފްލާގައި ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން އަރިހުގައި މިނިސްޓަރ އޮފް ޔޫތު، ސްޕޯޓްސް އެންޑް ކޮމިއުނިޓީ އެމްޕަވަރމަންޓް، އަޙްމަދު މަހްލޫފްވެސް ބައިވެރިވެވަޑައިގެންނެވިއެވެ.
މޮމްސް ޖަމްޢިއްޔާއަކީ 2016 ވަނަ އަހަރު އުފައްދާފައިވާ ޖަމްޢިއްޔާއެކެވެ. މި ޖަމްޢިއްޔާއަކީ މިވަގުތު ރާއްޖޭގައި އެންމެ ގިނަ އަންހެނުންނަށާއި ކުޑަކުދިންނަށް އެހީތެރިކަން ފޯރުކޮށްދޭ ޖަމްޢިއްޔާއެވެ. މި ޖަމްޢިއްޔާގައި 100 ރަށުން ޖުމްލަ 37،000 މެންބަރުން ތިބެއެވެ.