ހޫނުވައި ޖައްވުގައި ތާށިކޮށްލާ ފަދަ ހައި-ޕްރެޝަރ ސިސްޓަމެއް އުފެދި، ކުރިއަށް އޮތް ދުވަސްތަކުގައި ގަލްފުގެ ބައެއް ޤައުމުތަކުގެ ހޫނުމިން 50 ޑިގްރީ ސެލްސިއަސްއަށްވުރެ މަތިވާނެ ކަމަށް މޫސުމާބެހޭ އިދާރާތަކުން ލަފާކޮށްފިއެވެ.
ކުރިއަށް އޮތް ދުވަސްތަކުގައި 10 ޢަރަބި ޤައުމެއް އާދަޔާ ޚިލާފަށް ހޫނުވާނެ ކަމަށް ބެލެވެއެވެ. އެއީ ކުވައިތުއާއި ސަޢުދީ ޢަރަބިއްޔާއާއި އެކުވެރި ޢަރަބި އިމާރާތާއި ޢިރާޤްއާއި ޢުރުދުންއާއި ސޫރިޔާއާއި ލުބުނާނާއި ފަލަސްޠީނާއި މިޞްރެވެ. ހޫނުމިން އެންމެ މަތިވާނެ ކަމަށް ބެލެވެނީ ޢަރަބި ޕެނިންސުލާއާއި ޢިރާޤުގައެވެ. 50 ޑިގްރީ ސެލްސިއަސްއަށް ހޫނުމިން އުފުލޭނެ ކަމަށް ބެލެވެނީ އެ ސަރަޙައްދުތަކުގައެވެ.
މޫސުމާބެހޭ އިދާރާތަކުން ބުނީ ގަލްފުގެ ޤައުމުތަކުގައި ހޫނުމިން އާދަޔާ ޚިލާފަށް މައްޗަށް ދިޔުމަށް މެދުވެރިވާ މައިގަނޑު ސަބަބަކީ ތާމަލް ޑޯމް އެއް އުފެދުން ކަމަށެވެ. އެ ޙާލަތުގައި އުޑުގައި ވިލާ އުފެދޭ މިންވަރު މަދުވެ، ގިނަ ދުވަސްތަކަކަށް ހޫނުމިން އިތުރުވުމަށް މެދުވެރިވެއެވެ. މެދުއިރުމަތީގެ ޤައުމުތަކުގެ އިދާރާތަކުން ވަނީ ޞިއްޙީ އިންޒާރުތައް ނެރެ، ބޭރުތެރެއަށް ނިކުތުމުގައި ސަމާލުވުމަށް ޢާންމުންނަށް ލަފާ ދީފައެވެ. އަދި ގިނަގިނައިން ފެން ބުއިމަށާއި ދުވާލުގެ ހޫނު ވަގުތުތަކުގައި ބޭރުތެރޭގައި ޙަރަކާތްތެރިވާ މިންވަރު މަދުކުރުމަށް ނަސޭޙަތްތެރިވެފައެވެ.
އޮގަސްޓު މަހުގެ 1ވަނަ ދުވަހު ވެސް އެކުވެރި ޢަރަބި އިމާރާތުގެ ހޫނުމިން ވަނީ 50 ޑިގްރީ ސެލްސިއަސް ފަހަނައަޅައިފައެވެ. މި ދުވަސްވަރު ހޫނުގަދަވި ނަމަވެސް މިހާރު އޮތް މޫސުމީ ޙާލަތުގެ ސަބަބުން ކުރިއަށް އިތް ހަފްތާގެ މެދުތެރޭގައި އެ ޤައުމުގެ އިރުމައްޗާއި ދެކުނުގެ ބައެއް ސަރަޙައްދުތަކަށް ވާރޭވެހުން ވެސް އެކަށީގެންވެއެވެ.
ޢުމާންގެ ބައެއް ސަރަޙައްދުތަކުގެ ހޫނުމިން 47 ޑިގްރީ ސެލްސިއަސްއަށް އުފުލިފައިވާއިރު، ސަޢުދީ ޢަރަބިއްޔާގެ މޫސުމާބެހޭ އިދާރާއިން ވަނީ އާންމުކޮށް ހޫނުމިން ހުންނަ މިންވަރަށް ވުރެ ކުރިއަށް އޮތް ތިން މަސް ދުވަހު އެ ޤައުމުގެ ހޫނުމިން އުފުލިފައި ހުރުން އެކަށީގެންވާ ކަމަށް ބުނެފައެވެ.