ޤައުމީ ތަރައްޤީގެ މާސްޓަރ ޕްލޭން އެކުލަވާލުމުގެ މަސައްކަތް ގާތްގަނޑަކަށް ނިމިފައިވާ ކަމަށާއި، ސަރުކާރުގެ އަމާޒަކީ ހަމަހަމަކަމާއެކު ރާއްޖޭގެ ހުރިހާ ސަރަހައްދެއް ތަރައްގީ ކުރެއްވުން ކަމަަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ.
ޕީއެސްއެމް ނިއުސްގެ "ނޭޝަން ޗެޓް" ޕޮޑްކާސްޓުގައި ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވަނީ، ރާއްޖޭގެ އެކި ސަރަޙައްދުތަކުގައި ކުރިއަށްގެންދާ މަޝްރޫޢުތަކާއި، އެކަމާއި ގުޅޭ ޕްލޭންތަކާއި ގުޅޭގޮތުން ވާހަކަފުޅު ދައްކަވާފައެވެ.
ސަރުކާރުގެ ސިޔާސަތަކީ ތަރައްޤީގެ ދާއިރާއިންވިޔަސް އަދި އެހެނިހެން ދާއިރާއަކުންވިޔަސް ހަމައެކަނި މާލެ ސަރަޙައްދު ތަރައްޤީ ކުރުމުގެ ބަދަލުގައި ލާމަރުކަޒީކޮށް ހުރިހާ ރަށެއް ހަމަހަމަކަމާއެކު ތަރައްޤީ ކުރުމެވެ. މި އަމާޒަށް ވާސިލުވުމަށް ސަރުކާރުން އަންނަނީ، މިހާރުވެސް މުޅި ރާއްޖޭގައި އެކިއެކި މަޝްރޫޢުތައް ހިންގަވަމުންނެވެ.
ރައީސް ހިއްސާކުރެއްވި ތަފާސްހިސާބުތަކަށް ބަލާއިރު މި ސަރުކާރުގެ 2 އަހަރާއި 8 މަސްދުވަހުގެ ތެރޭގައި އެކި ދާއިރާތަކުން 590 މަޝްރޫޢުގެ މަސައްކަތް ވަނީ ނިމިފައެވެ. ނަމަވެސް ނިމިދިޔަ އެމްޑީޕީ ސަރުކާރުން އެ މުއްދަތުގައި ނިންމާފައިވަނީ، 285 މަޝްރޫޢު ކަމަށާއި އޭގެ ކުރީ ސަރުކާރުން ނިންމާފައިވަނީ 321 މަޝްރޫޢުކަން ރައީސް ފާހަގަކުރެއްވިއެވެ.
ރައީސް ވިދާޅުވީ، މިހާރުވެސް 1635 މަޝްރޫޢުގެ މަސައްކަތް ކުރަމުންދާ ކަމަށެވެ. ނަމަވެސް މިދިޔަ 2 ސަރުކާރުން އެއަދަދާ ގާތްކުރާ ވަރަށްވެސް މަޝްރޫޢުތައް ކުރިއަށް ނުގެންދާކަން އެމަނިކުފާނު ފާހަގަކުރެއްވިއެވެ. އަދި އެ މުއްދަތުގައި ނިމިދިޔަ ސަރުކާރުން ކުރިއަށް ގެންދިޔައީ 414 މަޝްރޫޢު ކަމަށާއި، އޭގެ ކުރީ ސަރުކާރުން ކުރިއަށް ގެންދިޔައީ 355 މަޝްރޫއު ކަމަށްވެސް ރައީސް ވިދާޅުވިއެވެ.
ރައީސް ވިދާޅުވީ، ސަރުކާރުން ތަރައްގީގެ މަޝްރޫޢުތައް ކުރިއަށް ގެންދަނީ ޕްލޭން ކޮށްގެން ކަމަށެވެ. އެގޮތުން ކުރިއަށް އޮތް 2 އަހަރު މަޝްރޫޢުތައް ކުރިއަށް ގެންދިޔުމަށް ބަހާލާފައިވާއިރު އޭގެ ތެރެއިން ކޭޝް ފްލޯ މެނޭޖް ކުރެވޭނެ ގޮތާއި، ބަޖެޓް ސްޕޭސް މެނޭޖް ކުރާނެ ގޮތާއި، ނަގާފައި ހުރި ލޯންތައް މެނޭޖް ކުރާނެ ގޮތާއި، ދަރަނި ދެއްކޭނެ ގޮތްތަކާއި، މިފަދަ ހުރިހާ ކަންކަން ޕްލޭން ކޮށްފައިވާ ކަމަށް ރައީސް ވިދާޅުވިއެވެ.
"ހުރިހާ ރަށެއްގައި ކުޑަކުދިންގެ ޕާކާއި އައުޓްޑޯ ޖިމްތައް ނިންމުން، މިއީ ދުވަހަކުވެސް ކުރެވިފައި ހުރި ކަންކަމެއް ނޫން. ހުރިހާ ރަށެއްގައި މިހަދަނީ ފިޓްނަސް ސެންޓަރުތައް. މިކަންކަން ނިމޭނެ 2028ގެ ޖުލައި 26 ވަނަ ދުވަަހުގެ މާކުރިން. ހުރިހާ ރަށެއްގެ ވޭސްޓް މެނޭޖްމަންޓް ސެންޓަރުތައް ހެދުން. މިހެން ގޮސް ބައިވަރު ކަންކަން" ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވިއެވެ.
ރައީސް ވިދާޅުވީ، މިނިވަން ދުވަހުގެ ތަގުރީރުގައި މަޝްރޫޢުތަކުގެ ތަފާސްހިސާބުތައް ހާމަކުރެއްވީ ހަމަހަމަކަމާއެކު ތަރައްޤީއާއި ތަމައްދުން ހާސިލު ކުރުމުގައި ހުރިހާ ރައްޔިތުންނަށް އެކަމުގެ އިޙްސާސް އެއްވަރަކަށް ހާސިލުކޮށްދިނުމުގެ ގޮތުން ކަމަށެވެ.
ރައީސް ވިދާޅުވީ، ޤައުމީ ތަރައްޤީގެ މާސްޓަރ ޕްލޭންގެ ފުރަތަމަ ޑްރާފްޓުގެ މަސައްކަތް ގާތްގަނޑަކަށް ނިމިފައިވާ ކަމަށެވެ. އަދި އެކި ދާއިރާތަކުގެ މީހުންނާއެކު ވެލިޑޭޝަން ވޯކްޝޮޕެއް ބާއްވާ، އެ ޕްލޭންގެ މަސައްކަތް ނޮވްމެބަރު މަހަށް ނިންމާ އެއްކޮށް ފައިނަލްކޮށް އިއުލާން ކުރެވޭތޯ މަސައްކަތް ކުރަމުންދާ ކަމަށްވެސް ރައީސް ވިދާޅުވިއެވެ.
ރައީސް ވިދާޅުވީ، މާސްޓަރ ޕްލޭންގެ ތެރެެއިން މެނިފެސްޓޯގައި ހުރި ވަރަށް ގިނަ ކަންކަން މިހާރުވެސް ތަންފީޒު ކުރަމުންދާ ކަމަށެވެ. އަދި ސަރުކާރުން މަސައްކަތް ކުރައްވަމުން ގެންދަވަނީ، 2040 ވަނަ އަހަރާ ހަމައަށްދާއިރު ރާއްޖޭގެ ޖީޑީޕީ އިތުރުކޮށް ތަރައްޤީވެފައި އޮތް ޤައުމުތަކުގެ ލިސްޓަށް ވާސިލުވުމަށް ކަމަށްވެސް ރައީސް ވިދާޅުވިއެވެ.