ޚަބަރު

ފައިނަލަށް ނުދެވުމުގެ ހުރިހާ ޒިންމާއެއް ނަަގަން: ސުޒޭން


ސާފް ޗެމްޕިއަންޝިޕްގެ ފައިނަލުން ފުރުސަތު ނުލިބުމުގެ ފުރިހަމަ ޒިންމާ ނަގާކަމަށް ޤައުމީ ފުޓްބޯޅަ ޓީމްގެ ކޯޗު އަލީ ސުޒޭން ބުނެފިއެވެ. ސާފް ޗެމްޕިއަންޝިޕްގެ ލީގު ބުރުގެ ފަހު މެޗުގައި އިންޑިޔާ އަތުން ބަލިވެ ދިވެހިރާއްޖެވަނީ މުބާރާތުގެ ފައިނަލުން ފުރުސަތު ނުލިބި ކަޓާފައެވެ. މެޗަށްފަހު ޤައުމީ ޓީމްގެ ކޯޗު އަލީ ސުޒޭން ބުނީ ފައިނަލުން ފުރުސަތު ނުލިބުމަކީ ބޮޑު މާޔޫސްކަމެއްކަމަށާއި، މި ނަތީޖާގެ ފުރިހަމަ ޒިންމާ ނަގާކަމަށެވެ. ރާއްޖެ ކޮޅަށްވަނީ ވަރަށް ފަސޭހަ ދެ ގޯލެއްކަމަށާއި، އެއީ މެޗުގެ ކުރީކޮޅު ރަނގަޅަށް ފޯކަސް ނުކުރެވުމުގެ ނަތީޖާކަމަށެވެ.

"މެޗުން ބަލިވުމުގެ 100 ޕަސެންޓް ޒިންމާ ނަގާނީ އަޅުގަނޑު. މިއަދުގެ މެޗުގައި ކުޅުންތެރިން ވަރަށް މަސައްކަތްކުރި. މެޗުގެ ކުރީކޮޅު ކުދިކުދި މިސްޓޭކްސްތަކެއް ހެދުނީ. ތަންކޮޅެށް ސޮފްޓް ގޯލްތަކެއް ފެނުނީ" ސުޒޭން ބުންޏެވެ.

އިންޑިޔާއިން މި މެޗަށް ތައްޔާރުވީ ތަފާތު ގޮތަކަށްކަން އިނގޭކަމަށާއި، ނަމަވެސް ދިވެހި ޓީމުން ބޭނުންވި ގޮތަށް މި މެޗުގައި ނުކުޅެވުނީކަމަށެވެ. މި މެޗު ފެށުން ދިޔައީ ވަރަށް ގޯސްކޮށްކަމަށާއި، އިންޑިޔާއިން އެޓީމުގެ ތަޖުރިބާކާރު ކުޅުންތެރިންގެ ބޭނުން ވަރަށް ރަނގަޅަށް ހިފައިފިކަމަށްވެސް އޭނާ ބުންޏެވެ. ކޯޗު ސުޒޭން ބުނީ ރާއްޖެ ކޮޅަށް ވަތް ލަނޑުތަކުގައި ކީޕަރު ފައިސަލްވެސް ފެނުނީ ތަންކޮޅެއް ފަސޭހަކޮށްކަމަށާއި، މެޗުގައި އުއްމީދުކުރިގޮތަށް ގިނަ ކަންކަން ނުދިޔަކަމަށެވެ.

"ބައިކޮޅަށް ވަތް ގޯލްތަކުގައި ފައިސަލްގެ ޓޮޕް ފޯމެއް ނޫން ފެނުނީ. ތަންކޮޅެއް ފަސޭހަކޮށްދިޔައީ. އެ ވެދާނެ ކުރިން މެޗުގައި އިންޖަރީވީމަ ވީ ގޮތެއްކަމަށްވެސް" ސުޒޭން ބުންޏެވެ.

ސުޒޭން ބުނީ މި މުބާރާތުން ފެނުނު ކަންކަމަށް ބަލާއިރު ރާއްޖޭގެ ކޯޗަކަށް މި ތަށި ނުހޯދޭންވީ އެއްވެސް ސަބަބެއް ނެތްކަމަށް. އަދި ކުރިއަށް އޮތް ތާނގައި އެ ފުރުސަތު ލިބޭނެކަމަށް އުއްމީދުކުރާކަމަށްވެސް ސުޒޭން ބުންޏެވެ.