ކުޅިވަރު

ރާއްޖެއަށް ތަށި ދިފާޢު ކުރަން ލިބުނު ފުރުސަތު ގެއްލި އިންޑިޔާ ފައިނަލަށް


އުރީދޫ ސާފް ޗެމްޕިއަންޝިޕްގައި އެންމެ ފަހުގެ ޗެމްޕިއަން ރާއްޖެ ބަލިކޮށް އިންޑިޔާއިން މުބާރާތުގެ ފައިނަލްގެ ދެވަނަ ޖާގަ ޔަގީންކޮށްފިއެވެ. އިންޑިޔާއިން މިމުބާރާތުގެ ފައިނަލްގެ ޖާގައެއް ޔަގީންކޮށްފައިވަނީ ރާއްޖެ 3 ލަނޑު 1 ލަނޑުން ބަލިކޮށްގެންނެވެ. 2018ވަނަ އަހަރު ރާއްޖެއިން މުބާރަތުގެ ޗެންޕިއަންކަން ހޯދާފައިވަނީ އިންޑިޔާ 2 ލަނޑު 1 ލަނޑުން ބަލިކޮށްގެންނެވެ. އެހެންކަމުން މިމުބާރާތަށް ރާއްޖެއިން ކުރިމަތިލާފައިވަނީ އެންމެ ފަހުގެ ޗެންޕިއަނުންގެ ގޮތުގައި ތަށި ދިފާޢުކުރުމަށެވެ.

މިމެޗަށް ނިކުތްއިރު ރާއްޖެއަށް މެޗް އެއްވަރުކޮށްލައިގެންވެސް ފައިނަލްގެ ޖާގައެއް ޔަގީން ކުރެވެން އޮތޮވެ. އަމިއްލަ ފަސްގަނޑުގައި ރާއްޖެއަށް އިންޑިޔާ ބަލިނުކުރެވުމާއި ގުޅިގެން މިމުބާރާތުގެ ޗެންޕިއަންކަން ކޮންމެ ދެ އަހަރަކުން އެއް އަހަރު ހޯދަމުން އައިސްފައިވާ ރެކޯޑް ދެމެހެއްޓުމަށް އިންޑިޔާއަށްވަނީ ފުރުސަތު ލިބިފައެވެ.

މެޗް ފެށުމާއެކު އިންޑިޔާއިން ކުރިއަށް ޖެހިގެން ލަނޑެއް ޖެހުމަށް މަސައްކަތް ކުރިއެވެ. ނަމަވެސް މެޗްގައި އެންމެ ފުރަތަމަ ލަނޑު ޖެހުމަށް ރަނގަޅު ފުރުސަތެއް ލިބިގެންދިޔައީ އިންޑިޔާއަށެވެ. އަލީ އަޝްފާގަށް ލިބުނު ފުރުސަތުގެ ބޭނުން އޭނާއަށް ހިފޭގޮތެއް ނުވިއެވެ. މިއަށްފަހު އިންޑިޔާގެ ސުނިލް ޗެތުރީ އާއި ބްރެންޑަން ފެނާންޑޭސްއަށް ލިބުނު ފުރުސަތުގެ ބޭނުން މިދެ ކުޅުންތެރިނަށް ނުހިފުނެވެ. މެޗްގައި ގޯލާއި ދިމާލަށް އެންމެ ފުރަތަމަ ހަމަލާއެއް ފޮނުވާލާފައިވަނީ އިބްރާހިމް މަހުދީއެވެ. ނަމަވެސް މަހުދީ ފޮނުވާލި ބޯޅަވަނީ އިންޑިޔާގެ ކީޕަރު ދިފާޢުކޮށްފައެވެ. މިހަމަލާއަށްފަހުވެސް ރާއްޖެއިން ލަނޑެއް ޖެހުމަށް މަސައްކަތް ކުރިއެވެ. ރާއްޖޭގެ ޢަލީ އަޝްފާގަށް ލިބުނު ފުރުސަތުގައި އޭނާ ފޮނުވާލި ބޯޅަވަނީ އިންޑިޔާގެ ޑިފެންޑަރުންގެ ގައިގައި ޖެހިފައި ބުލޮކް ވެފައެވެ. މެޗްގައި އެންމެ ފުރަތަމަ ލީޑް ނެގީ އިންޑިޔާއިންނެވެ.

މެޗްގައި ރާއްޖެއިން ލަނޑު ޖެހުމަށް މަސައްކަތް ކުރަމުންދިޔަ ނަމަވެސް، އިންޑިޔާއިންވަނީ އެޓީމަށް ލިބިފައިވާ ލީޑް ފުޅާކުރުމަށް ގިނަ މަސައްކަތްތަކެއް ކޮށްފައެވެ. މެޗްގެ ފުރަތަމަ ހާފް ނިމުމުގެ ކުރިން ރާއްޖެއިންވަނީ ލަނޑެއް ޖަހާ މެޗްގެ ނަތީޖާ ހަމަހަމަކޮށްފައެވެ. ހަމްޒާއަށް އޭރިޔާގެ ތެރެއިން ކުރި ފައުލަކާއި ގުޅިގެން ލިބުނު ޕެނަލްޓީ ކާމިޔާބުކޮށްދިނީ ޢަލީ އަޝްފާގެވެ. މިއީ ދަގަނޑޭގެ ކެރިއަރުގައި އިންޑިއާ ކޮޅަށް ޖެހި ފުރަތަމަ ގޯލެވެ. މި ފަހަރުގެ މުބާރާތުގައި ޖެހި ތިން ވަނަ ގޯލެވެ.

މެޗް އެއްވަރުކޮށްލައިގެންވެސް ރާއްޖެއަށް ފައިނަލްގެ ޖާގައެއް ޔަގީން ވެފައި އޮތްނަމަވެސް، ރާއްޖެއިން ކުޅެފައިވަނީ ކުރިއަށްޖެހިލައިގެން ލަނޑެއް ޖެހުމަށެވެ. އެގޮތުން މެޗްގެ 58ވަނަ މިނެޓްގައި އަލީ ފާސިރަށް ލިބުނު ފުރުސަތުގެ ބޭނުން އޭނާއަށް ހިފޭގޮތެއް ނުވިއެވެ. މެޗްގައި އިންޑިޔާއިން އެޓީމަށް ލިބިފައިވާ ލީޑް ފުޅާކުރީ މެޗްގެ 62ވަނަ މިނެޓްގައި ޗެތުރީ ކާމިޔާބުކުރި ލަނޑުންނެވެ. ރާއްޖެއަށް ލިބޭ ފުރުސަތުގެ ބޭނުން ނުހިފިގެންދަނިކޮށް އިންޑިޔާއިންވަނީ ތިންވަނަ ލަނޑެއް ޖަހައި މެޗްގައި ހަމަޖެހިލާފައެވެ. މިލަނޑުވެސް އެޓީމަށް ކާމިޔާބުކޮށްދިނީވެސް ޗެތުރީއެވެ.

ރާއްޖެއިން ބަދަލްތަކެއް ގެނައިނަމަވެސް، އިތުރު ލަނޑެއް ޖެހޭ ގޮތެއް ނުވިއެވެ. އެގޮތުން މެޗްގެ 78ވަނަ މިނެޓްގައި އުމެއިރު ފޮނުވާލި ބާރު ހަމަލާވަނީ އިންޑިޔާގެ ކީޕަރު ދިފާޢުކޮށްފައެވެ. އުމެއިރު ކުޅެން އަރާފައިވަނީ މެޗްގެ ދެވަނަ ހާފްގައި ބަދަލް ކުޅުންތެރިއެއްގެ ގޮތުގައެވެ. އަދި އޭގެ ކުޑައިރުކޮށްޅެއް ފަހުން އިންޑިޔާގެ ހެޑް ކޯޗް އިގޯ ސްޓިމަކަށް ދެވަނަ ރިންޑޫ ކާޑާއެކު ރަތް ކާޑު ދައްކާ ރެފްރީވަނީ އޭނާ ދަނޑުން ފޮނުވާލާފައެވެ. މެޗުގެ އިތުރު ވަގުތުގައި އިންޑިއާގެ ސުބަޝިޝް ބޯސް އަށް ވަނީ ދެ ވަނަ ރީނދޫ ކާޑާއެކު ރަތް ކާޑު ދައްކައިފައެވެ. 3 ލަނޑު 1 ލަނޑުން ކުރީގައި އޮވެގެން އިންޑިޔާ މެޗް ކާމިޔާބުކުރިއިރު، މިއީ ރާއްޖެއިން ހުސް ދިވެހި ކޯޗުންނާއެކު ނިކުމެ ތަށި ދިފާޢުކުރުމަށް ކުރި މަސައްކަތަށް ލިބުނު ވަރަށް ބޮޑު ނާކާމިޔާބީއެކެވެ.