ޚަބަރު

މަޤާމުގެ ނުފޫޒު ބޭނުންކޮށްގެން ބިދޭސީން ގެނައި މައްސަލައިގަ ޒިޔާތަށް ދައުވާކުރަން ފޮނުވައިފި


މަޤާމުގެ ނާޖާއިޒު ފައިދާ ބޭނުންކޮށްގެން، އެމްޓީސީސީގެ ސައިޓުތަކުގައި މަސައްކަތްކުރުމަށް ބިދޭސީން ގެނައި މައްސަލައިގެ ތަޙުޤީޤު ނިންމާ އެމްޓީސީސީގެ އޭރުގެ ސީއީއޯ އިބްރާޙިމް ޒިޔާތުގެ މައްޗަށް ދަޢުވާކުރުމަށް ޕްރޮސެކިއުޓަރ ޖެނެރަލްގެ އޮފީހަށް ފޮނުވައިފިއެވެ. އެންޓި ކޮރަޕްޝަން ކޮމިޝަން އޭސީސީން ކުރިއަށްގެންދިޔަ ތަޙުޤީޤުގައި ޒިޔާތުގެ މައްޗަށް ކޮށްފައިވަނީ ކޮރަޕްޝަންގެ ޢަމަލެއް ކޮށްފައިވާކަމުގެ ކުށުގެ ދަޢުވާއެވެ.

މި މައްސަލައިގެ ތަޙުޤީޤުގައި ބުނެފައިވަނީ 2017ވަނަ އަހަރުގެ ޖުލައިމަހު، ރާއްޖެއަށް ބިދޭސީ މުވައްޒަފުން ގެނައުމަށް 15 ކުންފުންޏަކާއެކު އެމްޓީސީސީން އެއްބަސްވުން ހެދިކަމަށެވެ. ނަމަވެސް އުސޫލާއި ޚިލާފަށް ޚާއްސަ ޖޮބް އޯޑަރެއް ތައްޔާރުކޮށް ބިދޭސީން ގެނައުމުގެ ފުރުޞަތު ދިނީ އެސް.ކޭ މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑާއި، ކަންޓްރީ މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑަށް އެކަނިކަމަށެވެ. އެ ޖޮބް އޯޑަރ އަށް ހުއްދަ ދީފައިވަނީ އެމް.ޓީ.ސީ.ސީގެ ސީ.އީ.އޯގެ މަޤާމުގައި އޭރު ހުރި އިބްރާހިމް ޒިޔާތުއެވެ.
މި ދެ އެޖެންސީ ފިޔަވައި އެހެން ރެކްރޫޓްމަންޓް އެޖެންސީތަކަށް އެ ޖޮބް އޯޑަރ ފޮނުވާފައެއް ނުވެއެވެ.

ރެކްރޫޓްމަންޓް އެޖެންސީތަކުން ފޮނުވާފައިވާ ބިދޭސީންގެ މަޢުލޫމާތުތަކަށް ބިނާކޮށް އެމް.ޓީ.ސީ.ސީން ބިދޭސީންގެ ލިސްޓު ތައްޔާރުކޮށްފައިވަނީ، ރެކްރޫޓްމަންޓް އެޖެންސީތަކާއެކު ވެފައިވާ އެއްބަސްވުމާ ޚިލާފަށް، އެސް.ކޭ މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑާއި، ކަންޓްރީ މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑަށް ނާޖާއިޒު ފައިދާ ލިބޭގޮތަށް ކަމަށްވަނީ ހާމަވެފައެވެ.

މޯލްޑިވްސް އިމިގްރޭޝަންގެ އުސޫލުތަކަށް ގެނައި ބަދަލާ ގުޅިގެން އެއްބަސްވުން ހެދި ބައެއް ރެކްރޫޓްމަންޓް އެޖެންސީތަކަށް ގިނަ އަދަދެއްގެ ބަންގްލަދޭޝް ރައްޔިތުން ނުގެނެވޭނެއެވެ. ނަމަވެސް، އެސް.ކޭ މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑާއި، ކަންޓްރީ މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑަށް މޯލްޑިވްސް އިމިގްރޭޝަނުން ޚާއްސަ ހުއްދައެއް ދީފައިވާ ކަމަށް އެ އޯޑަރއާގުޅޭ ހުއްދައިގެ ލިޔުމުގައި، އެމް.ޓީ.ސީ.ސީން ބަޔާންކޮށްފައިވެއެވެ.

ކޮމިޝަނުން ބެލިބެލުމުން، މޯލްޑިވްސް އިމިގްރޭޝަނުން ބިދޭސީން ރެކްރޫޓްކުރާ އެޖެންސީތަކުގެ ތެރެއިން އެއްވެސް އެޖެންސީއަކަށް ބިދޭސީން ގެނައުމުގައި ޚާއްސަ ލުއިފަސޭހައެއް ދީފައި ނުވާކަންވަނީ ހާމަވެފައިވާ ކަމަށް އޭސީސީން ހާމަކުރައްވާފައިވެއެވެ.

މިއާ ގުޅިގެން ބިދޭސީން ރާއްޖެ ގެނައުން މަޑުޖައްސާލުމަށް، 2017 ވަނަ އަހަރުގެ އޮގަސްޓްމަހު އޭސީސީން އެމްޓީސީސީއަށް އެންގިއެވެ. ނަމަވެސް އެއާ ޚިލާފަށް ސްޕެޝަލް ޖޮބް އޯޑަރގެ ދަށުން އެމް.ޓީ.ސީ.ސީން އެސް.ކޭ މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑާއި، ކަންޓްރީ މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑް މެދުވެރިކޮށް 33 ބިދޭސީން ރާއްޖެއަށް ގެނެސްފައިވާކަން ތަޙުޤީޤުން އެނގިފައިވާ ކަމަށް އޭސީސީން ހާމަކޮށްފައިވެއެވެ.

ސްޕެޝަލް ޖޮބް އޯޑަރއަކީ އެކުންފުނީގެ ސީ.އީ.އޯގެ މަޤާމުގައި އޭރު ހުރި އިބްރާހިމް ޒިޔާތުގެ މަޤާމުގެ ނުފޫޒު ބޭނުންކޮށްގެން އެ ދެ ކުންފުންޏަކަށް ނާޖާއިޒު ފައިދާއެއް ހޯދައިދިނުމަށް ކޮށްފައިވާ ކަމެއްކަމާއި، އެކަމުގެ ސަބަބުން އެ ދެ ކުންފުންޏަށް ނާޖާއިޒު ފައިދާ ހޯދައިދީފައިވާކަން ތަޙުޤީޤަށް ލިބިފައިވާ މަޢުލޫމާތާއި ލިޔެކިޔުންތަކުން ހާމަވެފަވާކަމަށް ވަނީ ނިންމާފައެވެ.