ޚަބަރު

އުފަންވެނިވި ޞިއްޙަތުގެ ޚިދުމަތާގުޅޭ ސެންޓަރެއް ހުޅުމާލޭ ހޮސްޕިޓަލްގައި ހުޅުވައިފި


އުފަންވެނިވި ޞިއްޙަތުގެ ޚިދުމަތާގުޅޭ ސެންޓަރުގެ ޚިދުމަތް ހުޅުމާލޭ ހޮސްޕިޓަލްގައި ފަށައިފިއެވެ. އޮސްޓްރޭލިއަން އެއިޑްގެ ދަށުން، ޔުނައިޓެޑް ނޭޝަންސް ޕޮޕިއުލޭޝަން ފަންޑްގެ އެހީގައި ޤާއިމުކުރި "ރީޕްރޮޑަކްޓިވް ހެލްތު ސެންޓަރ"ގެ ޚިދުމަތް ފައްޓަވައިދެއްވީ ޑިރެކްޓަރ ޖެނެރަލް އޮފް ޕަބްލިކް ހެލްތު މައިމޫނާ އަބޫބަކުރުއެވެ.

ރީޕްރޮޑަކްޓިވް ހެލްތު ސެންޓަރުން ފޯރުކޮށްދިނުމަށް ހަމަޖެހިފަވާ ޚިދުމަތްތަކުގެ ތެރޭގައި މާބަނޑުމީހުންގެ ކުލިނިކު، ތުއްތުދަރިފުޅާއި މައިމީހާގެ ކުލިނިކު، އާއިލާ ރޭވުމުގެ ޚިދުމަތާއި ފުރާވަރު އުމުރުގެ ކުދިންނަށް ކައުންސިލިން ދިނުމުގެ ޚިދުމަތް ހިމެނެއެވެ.

ހޮސްޕިޓަލުގެ ސީ.އީ.އޯ މާރިޔާ ސައީދު ވިދާވީ ވަކި ސެންޓަރެއްގެ ގޮތުގަ ޚިދުމަތް ފެށިގެންދާއިރު، ބޭނުންކުރާ މެޑިކަލް އިކުއިޕްމަންޓްތައް އަޕްގްރޭޑްކުރުމުގެ އިތުރުން މުވައްޒަފުންނަށް އިތުރު ތަމްރީނުތައްވެސް ދީފައިވާކަމަށެވެ. އަދި ކުރިން ކުރިމަތިވި ގިނަ ގޮންޖެހުންތައް ޙައްލުކޮށް، ފެންވަރު ރަނގަޅު ފުރިހަމަ ޚިދުމަތެއް ރައްޔިތުންނަށް ފޯރުކޮށްދެވޭނެކަމުގެ ޔަގީންކަން މާރިޔާ ދެއްވިއެވެ. ޚާއްސަކޮށް އުފަންވެނި ޞިއްޙަތުގެ ޚިދުމަތް ދިނުމުގައި ކުރިން ދިމާވި ޖާގައިގެ ދަތިކަމަށް ހައްލެއް ލިބި، ފެންވަރު ރަނގަޅު ޚިދުމަތެއް ފޯރުކޮށްދިނުމަށް މަގުފަހިވެގެން ގޮސްފައިވާކަން އޭނާ ފާހަގަކުރެއްވިއެވެ.

މިހަފްލާގައި ޔޫއެން އެފް.ޕީ.އޭއިން ހުޅުމާލެ ހޮސްޕިޓަލަށް ވެދެއްވި އެހީތެރިކަން ފާހަގަކޮށް، ހުޅުމާލޭ ހޮސްޕިޓަލުގެ ފަރާތުން ޔޫ،.އެން.އެފް.ޕީއޭއަށް ވަނީ ހަނދާނީ ފިލައެއް އަރުއްވާފައެވެ. ޔޫ.އެން.އެފް.ޕީއޭގެ ފަރާތުން މިފިލައާއި ހަވާލުވެވަޑައިގަތީ ޔޫއެންއެފް.ޕީ.އޭ މޯލްޑިވްސްގެ ހެޑް އޮފް އޮފީސް ޝާދިޔާ އިބްރާހީމްއެވެ.

އަލަށް ޤާއިމުކުރި އުފަންވެނި ސިއްޙަތުގެ ސެންޓަރާއެކު ހުޅުމާލޭ ހޮސްޕިޓަލްގެ ޚިދުމަތްތައް މިވަނީ ފުޅާވެގެންގޮސްފައެވެ. މިހާރުވެސް ހުޅުމާލޭ ހޮސްޕިޓަލުން ސްޕެޝަލިސްޓް ގިނަ ޚިދުމަތްތައް އަންނަނީ ދެމުންނެވެ. މިއަހަރު އެހޮސްޕިޓަލްގައިވަނީ ލޮލުގެ ބަލިތަކުގެ ފަރުވާއާ ގުޅޭ ސެންޓަރެއްވެސް ހުޅުވާފައެވެ. ހުޅުމާލެ ހޮސްޕިޓަލަކީ ގިނަ ބަޔަކު ސިއްޙީ ޚިދުމަތަށް ބަރޯސާވާ ހޮސްޕިޓަލެކެވެ.