ޚަބަރު

ދެމެހެއްޓެނިވި އިޤްތިޞާދެއް ބިނާކުރުމަށް މިހާރަށްވުރެ ދަނޑުވެރިކަން ތަރައްޤީވާންޖެހޭ: މިނިސްޓަރ

ރާއްޖޭގެ އިޤްތިޞާދަކީ ދެމެހެއްޓެނިވި އިޤްތިޞާދަކަށް ހެދުމަށް ދަނޑުވެރިކަން މިހާރަށްވުރެ ބޮޑަށް ތަރައްޤީކުރަންޖެހޭ ކަމަށް މިނިސްޓަރ އޮފް ފިޝަރީޒް، މެރިން ރިސޯސަސް އެންޑް އެގްރިކަލްޗަރ ޑރ.ޙުސެއިން ރަޝީދު ޙަސަން ވިދާޅުވެއްޖެއެވެ. މިނިސްޓަރ ވިދާޅުވީ ރާއްޖޭގެ ދަނޑުވެރިކަން މިވަގުތު އޮތީ އެންމެ ރަނގަޅު ޙާލަތެއްގައި ނޫންކަން ސަރުކާރުން ޤަބޫލުކުރައްވާކަމަށެވެ.

ދަނޑުވެރިކަމުގެ ދުވަހާ ދިމާކޮށް ތ.ކަނޑޫދޫގައި ކުރިއަށްގެންދާ ދަނޑުވެރިކަމުގެ ފޯރަމް އިފްތިތާޙްކޮށްދެއްވާ ވާހަކަފުޅުދައްކަވަމުން މިނިސްޓަރ އޮފް ފިޝަރީޒް އެންޑް އެގްރިކަލްޗަރ ޑރ.ޙުސެއިން ރަޝީދު ޙަސަން ވިދާޅުވީ މުޅި ދުނިޔެއަށް ކުރިމަތިވި ކޯވިޑްގެ ޙާލަތުގައިވެސް ފެނިގެންދިޔަ ޙަގީގަތަކީ ފަތުރުވެރިކަމަށް ބަރޯސާވެގެން ތިބެވެން ނެތްކަންކަމަށެވެ. އެގޮތުން ރާއްޖޭގެ ފަތުރުވެރިކަން ހުއްޓުމާއެކު ރާއްޖޭގެ އިޤްތިޞާދު ބޮޑު ނުރައްކަލަކަށް ދިޔަކަން ފާހަގަކުރައްވާ މިނިސްޓަރ ވިދާޅުވީ ދެމެހެއްޓެނިވި އިޤްތިޞާދެއް ބިނާކުރުމަށް ރާއްޖޭގެ ދަނޑުވެރިކަމާއި މަސްވެރިކަން މިހާރަށް ވުރެ ބޮޑަށް ތަރައްްޤީކޮށް މިދާއިރާ ކުރިއަރުވަންޖެހޭކަމަށެވެ. އަދި މިވަގުތު ރާއްޖޭގައި ދަނޑުވެރިކަން އޮތީ އެންމެ ރަނގަޅު ޙާލަތެއްގައި ނޫންކަން ސަރުކާރުން ޤަބޫލުކުރައްވާކަމަށާއި މިހާރު ދަނޑުވެރިކަން ކުރަމުންދާ ގޮތަށްވުރެ މާބޮޑަށް މިދާއިރާ ފުޅާކުރެވިދާނެ ކަމަށް އެގްރިކަލްޗަރަލް މިނިސްޓަރ ވިދާޅުވިއެވެ.

އަޅުގަނޑުމެންނަށް ކޯވިޑްގައި ފެނިގެންދިޔަ މަންޒަރުން އެބަ އިނގޭ ދެމެހެއްޓެނިވި އިޤްތިޞާދެއް ބިނާކުރުމަށް ފަތުރުވެރިކަމަށް ބަރޯސާ ވެެވެން ނެތްކަން. އިޤްތިޞާދު ދެމެހެއްޓެނިވިގޮތަކަށް ހިންގުމަށް މަސްވެރިކަމާއި ދަނޑުވެރިކަން މިހާރަށްވުރެ ފުޅާކުރަން އެބަޖެހޭ." ޑރ.ޙުސެއިން ރަޝީދު ޙަސަން ވިދާޅުވިއެވެ.

ދެދުވަހުގެ މުއްދަތަކަށް ތ.ކަނޑޫދޫގައި ކުރިއަށްގެންދާ ދަނޑުވެރިކަމުގެ ފޯރަމްގައި ތ.އަތޮޅުގެ އިތުރުން ރާއްޖޭގެ އުތުރާއި ދެކުނުން ވަރޗުއަލްކޮށް އަންނަނީ ބައިވެރިވަމުންނެވެ. އެގޮތުން ތ.އަތޮޅުގެ 5 ރަށެއްގެ ދަނޑުވެރިންނާއި ކައުންސިލްތައް ކަނޑޫދޫގައި ކުރިއަށްދާ ފޯރަމުގައި ބައިވެރިވެފައިވާއިރު ހދ.ވައިކަރަދޫއާއި ށ.ގޮއިދޫއާއި ލ. ގަމުންވަނީ މިފޯރަމްގައި ވަރޗުއަލްކޮށް ބައިވެރިވަމުންނެވެ. މިފޯރަމްގައި ދަނޑުވެރިކަމަށް ބޭނުންވާ އެކި ބާވަތްތައް ރާއްޖެ އެތެރެކޮށް ވިއްކާ ފަރާތްތަކާއި މިދާއިރާގައި ޙަރަކާތްތެރިވާ އަމިއްލަ ޖަމިއްޔާތަކާއި ދަނޑުވެރިން އުފައްދާ ބާވަތްތައް ގަތުމަށް ސަރުކާރުން އުފައްދާފައިވާ އެގްރޯ ކުންފުނިންވެސްވަނީ ބައިވެރިވެފައެވެ.

މިފޯރަމްގައި ދަނޑުވެރިންގެ ފަރާތުން އެރަށްރަށުގައި ދަނޑުވެރިކަން ކުރުމަށް ހުރި ގޮންޖެހުންތައް ހިއްސާކުރުމަށްވަނީ ހަމަޖެހިފައެވެ. އަދި މިމައްސަލަތަކާ ގުޅިގެން އެޅިދާނެ ފިޔަވަޅުތަކާއި ދަނޑުވެރިކަން ރަނގަޅުކުރުމަށް ގުޅިގެން ކުރެވޭނެ މަސައްކަތްތަކާ ގުޅޭގޮތުން މިނިސްޓްރީން މަޝްވަރާކުރުމަށްވަނީ ހަމަޖެހިފައެވެ.

ދަނޑުވެރިކަން ތަރައްޤީކުރުމަށް އެސްއެމްއީ ބޭންކް މެދުވެރިކޮށް ލުއިލޯނު އަންނަނީ ފޯރުކޮށްދެމުންނެވެ. އެގޮތުން އަލަށް ދަނޑުވެރިކަން ކުރިއެރުވުމަށް 75000 ރުފިޔާގެ ލޯނު އަންނަނީ ދޫކުރަމުންނެވެ. މީގެއިތުރުން ދަނޑުވެރިކަން ފެށުމަށް ބޭނުންވާ ފަރާތްތަކަށް އެމަސައްކަތް ފެށުމަށް ބޭނުންވާ ތަމްރީންވެސް މިނިސްޓްރީން ދެއްވާކަމަށް އެގްރިކަލްޗަރަލް މިނިސްޓްރީން ވިދާޅުވެއެވެ. ހަމައެއާއެކު ރާއްޖޭގެ ދަނޑުވެރިންނަށް ކުރިމަތިވެފައިވާ އެންމެ ބޮޑު ގޮންޖެހުމަކީ ރަނގަޅު މާކެޓް ނުލިބުމުގެ މައްސަލައަށް ހައްލު ހޯދައިދިނުމަށް އެގްރޯ ނޭޝަނަލް ކޯޕަރޭޝަންގެ ނަމުގައި ކުންފުންޏެއް އުފައްދާ ސަރުކާރުން އަންނަނީ ދަނޑުވެރިންގެ އަތުން 17 ބާވަތެއްގެ ކާބޯތަކެތި ގަންނަމުންނެވެ.

އޮކްޓޯބަރުމަހުގެ 15 ވަނަ ދުވަހު ރާއްޖޭގައި ފާހަގަކުރާ ދަނޑުވެރިކަމުގެ ދުވަސް މިއަހަރު ރަސްމީކޮށް ފާހަގަކުރަން ހަމަޖެހިފައިވަނީ ތ.ކަނޑޫދޫގައެވެ.