ޚަބަރު

ކޯވިޑް ޖެހިގެން 81 އަހަރުގެ ދިވެއްސަކު ނިޔާވެއްޖެ


ކޯވިޑަށް ފަރުވާ ހޯދަމުންދިޔަ 81 އަހަރުގެ ދިވެއްސަކު ނިޔާވެއްޖެއެވެ.

އެޗްޕީއޭއިން ވިދާޅުވީ ކޯވިޑް ޖެހިގެން ނިޔާވީ ރޭ 9:20 ހާއިރު ތިނަދޫގައި ހުންނަ އަބްދުއްސަމަދު މެމޯރިއަލް ހޮސްޕިޓަލަށް ގެންދެވުނު 81 އަހަރުގެ އަންހެނެއްކަމަށެވެ.

މިއީ ރާއްޖެއިން ކޯވިޑް ޖެހިގެން ރާއްޖެއިން ނިޔާވި 236 ވަނަ މީހާއެވެ.

ރާއްޖޭގައި ކޯވިޑް ޖެހޭ މީހުންގެ އަދަދާއި އެ ބަލީގައި މަރުވާ މީހުންގެ އަދަދު ވަނީ ވަރަށް ބޮޑަށް މަދުވެފައެވެ.

ހެލްތު ޕްރޮޓެކްޝަން އެޖެންސީ، އެޗް.ޕީ.އޭއިން ޢާއްމުކޮށްފައިވާ އެންމެފަހުގެ ތަފާސް ހިސާބުތައް ދައްކާގޮތުން ފާއިތުވި 24 ގަޑިއިރުތެރޭގައި 110 މީހަކު ވަނީ ކޯވިޑަށް ޕޮޒިޓިވްވެފައެވެ. މީގެތެރޭގައި ހިމެނެނީ މާލެ ސަރަޙައްދުން ޕޮޒިޓިވްވި 26 މީހުންނާއި، އަތޮޅުތަކުގެ ރަށްރަށުން ޕޮޒިޓިވްވި 75 މީހުންނެވެ. އަދި ރިސޯޓްތަކުން ޕޮޒިޓިވްވި 9 މީހަކުވެސް މީގެތެރޭގައި ހިމެނެއެވެ.