ކުޅިވަރު

ބީޗް ވޮލީގެ ބޮޑެތި މުބާރާތްތައް ރާއްޖެ ގެންނާނަން - ގްރާސާ


ބީޗް ވޮލީ ބޯޅައަކީ ރާއްޖޭގައި އުފެދެންޖެހޭ ކުޅިވަރެއްކަމަށް ވޮލީގެ މައި ޖަމިއްޔާ އެފްއައިވީބީގެ ރައީސް ބްރެޒިލްގެ އަރީ ގްރާސާ ވިދާޅުވެއްޖެއެވެ. ރާއްޖޭގައި ބީޗް ވޮލީ ކުރިއެރުވުމަށް ރާއްޖެ ވަޑައިގެން އުޅުއްވާ އެފްއައިވީބީގެ ރައީސް އަރީ ގްރާސާ މިހެން ވިދާޅުވެފައިވަނީ ރޭ ދޮންގަނޑު ބީޗް ވޮލީ ކޯޓްގައި ބޭއްވި ހާއްސަ ރަސްމިޔާތެއްގައި ވާހަކަދައްކަމުންނެވެ.

ގްރާސާ ވިދާޅުވީ ފިރިހެ ކުޅުންތެރިންނާއި އެއްވަރަށް އަންހެ ކުޅުންތެރިންނަށް ވެސް ހަމަހަމަ ފުރުސަތު ލިބޭ ހަމައެކަނި ކުޅިވަރަކީ މިހާރު ވޮލީކަމަށާއި ވޮލީ ކުރިއެރުވުމަށް ނުވަތަ މާކެޓް ކުރުމަށް އެހެން ގައުމްތަކުގައިވެސް ފިރިހެނުންނާއި އެއްވަރަށް އަންހެންނުންވެސް ބޭނުން ކުރަމުންދާކަމަށެވެ. ރާއްޖޭގައި ހޭދަކުރެވުނު ދެ ދުވަހަށް އިޝާރާތްކޮށް ގްރާސާ ވިދާޅުވީ ރާއްޖެއަކީ ބީޗް ވޮލީ ކުޅުމަށް ވަރަށް ރަނގަޅު މަންޒިލެއްކަމަށާއި ރާއްޖޭގައި ވަރަށް ގިނަ ބީޗްތައްވެސް އެބައޮތްކަމަށެވެ. އަދި ރާއްޖޭގެ ރީތިކަމާއި ރާއްޖެއިން ލިބެމުންދާ މެހެމާންދާރީއަކީ ނަމޫނާކަމެއްކަމަށެވެ. ގްރާސާ ވިދާޅުވީ ރާއްޖެއަކީ ބީޯޗް ވޮލީ ކުޅުމަށް ރަނގަޅު މަޙައުލެއް އޮތް ޤައުމެއްކަމަށާއި، ރާއްޖެއަށް ބޭނުންވަނީ ފުރުސަތުކަމަށާއި ރަނގަޅު ފުރުސަތު ލިބިއްޖެކަމަށްވާނަމަ، ރާއްޖޭގައި ބީޗް ވޮލީ ކުރިއެރުވިދާނެކަމަށެވެ.

"މިރިސޯޓްތަކުގައި ބީޗް ވޮލީ ތަމްރީން ކުރުމަށް ޓްރެއިނަރުން އެބަޖެހޭ ތިބެން. ރާއްޖެއަށް ޓުއަރިސްޓުން އަންނަނީ އާރާމްކޮށް، ކަސްރަތުކުރުމަށް. މިއީ ކުރެވިދާނެ ރަނގަޅުކަމެއް. ބީޗް ވޮލީގެ ކޮންސެޕްޓަކީ ރާއްޖެއަށް ވަރަށް ގުޅޭ އެއްޗެއް. މި ރާއްޖެއާއި ވަރަށް ގުޅޭ ކުޅިވަރެއް. އިރުގެ އައްޔާއި، އަރާމު ވަޔާއެކު ހިތްހަމަޖެހުމަކީ ފަތުރުވެރިންނަށް އެންމެ ބޭނުންވާ ކަންތައްތައް. ކުރިއަށް އޮތް ދެތިން އަހަރެއް ތެރޭގައި ރާއްޖޭގައި ރަނގަޅު ކުޅުންތެރިން އުފެއްދިއްޖެކަމަށްވާނަމަ، މުޅި ދުނިޔެއިންވެސް ރާއްޖޭގެ ވާހަކަދައްކާނެ. ސަރުކާރާއި އެސޯސިއޭޝަންތައް ގުޅިގެން މަސައްކަތްކޮށް، ބީޗް ވޮލީގެ މުބާރާތްތައް ބާއްވަން ބޭނުންވާކަމަށްވާނަމަ، އެފްއައިވީބީގެ ރައީސްގެ ހައިސިއްޔަތުން އެމުބާރާތްތައް ރާއްޖެއަށް ގެނެސްދޭނަން. އޮލިމްޕިކް ޗެންޕިއަނުންވެސް ގެނެސްދޭނަން. މޮޅެތި ކުޅުންތެރިންނާއެކު ގިނަ ޓުއަރިސްޓުންވެސް އަންނާނެ." އެފްއައިވީބީގެ ރައީސް ގްރާސާ ބުންޏެވެ.

ގްރާސާ ވިދާޅުވީ އަދިވެސް ބޮޑަށް ރާއްޖެ އިސްތިހާރު ކުރަންޖެހޭކަމަށާއި އޮލިމްޕިކްސް މެޑަލް އެތްލީޓުންނާއެކު އިތުރު ޓުއަރިސްޓުންވެސް ރާއްޖެ އަންނާނެކަމަށް ގްރާސާ ވިދާޅުވިއެވެ. މިރަސްމިއްޔާތުގައިވަނީ ރާއްޖޭގައި ބީޗް ވޮލީ ކުރިއެރުވުމަށް އެއްބަސްވުމެއްގައި ސޮއިކޮށްފައެވެ. މި އެއްބަސްވުމުގައި އެފްއައިވީބީގެ ފަރާތުން ސޮއިކުރެއްވީ އެ އިދާރާގެ ރައީސް ބްރެޒިލުގެ އަރީ ގްރާސާއެވެ. އަދި ވީއޭއެމްގެ ފަރާތުން ސޮއިކުރެއްވީ އެ އެސޯސިއޭޝަނުގެ ރައީސް މުޙައްމަދު ރަނޭޝްއެވެ. މިރަސްމިޔާތުގައި ވާހަދައްކަމުން ޔޫތު މިނިސްޓަރ އަޙްމަދު މަހުލޫފް ވިދާޅުވީ ރާއްޖޭގައި ވޮލީ ކުރިއެރުވުމަށް ކުރަންޖެހޭ މަސައްކަތް ކުރުމަށް ތައްޔާރަށް ހުރިކަމަށާއި ސަރުކާރުން ވޮލީ ބޯލް އެސޯސިއޭޝަން އޮފް މޯލްޑިވްސްއަށް ފުރިހަމަ އެއްބާރުލުން ދެއްވާނެކަމަށެވެ. މިރަސްމިޔާތަށް ފަހުވަނީ ރާއްޖޭގެ ބީޗް ވޮލީބޯޅައިގެ ހާއްސަ މެޗެއް ކުޅެފައެވެ.