ޚަބަރު

އޭދަފުށީގައި ޤާއިމްކުރި ޒަމާނީ ކުނިކޮށި ހުޅުވަން ތައްޔާރުވަނީ

ކުނީގެ މައްސަލަތައް ހައްލު ކުރުމަށް ސަރުކާރުން ކުރަމުން ގެންދާ މަސައްކަތުގެ ދަށުން ބ.އޭދަފުށީގައި ހެދި ކުނިކޮށީގެ މަސައްކަތް ނިމި ހުޅުވަން ތައްޔާރު ވަމުންދާކަމަށް އެރަށު ކައުންސިލުން ބުނެފިއެވެ.

ޒަމާނީ ވަސީލަތްތަކާ އެކު އޭދަފުށީގައި ކުނިކޮށްޓެއް ޤާއިމްކުރުމުގެ މަސައްކަތް ސަރުކާރުން މިއަހަރު ކުރީކޮޅު ފަށާފައިވާއިރު މިނިސްޓްރީ އޮފް އެންވަޔަރުމަންޓްގެ ދަށުން ހިންގާ މޯލްޑިވްސް ކްލީން އެންވަޔަރމަންޓްގެ ބެލުގެ ދަށުން ޤާއިމްކުރާ މި ކުނިކޮށި ހުޅުވާނީ ޒަމާނީ ވަސީލަތްތަކާއެކުއެވެ.

އޭދަފުށީ ގޭބިސީތަކުން އުކާލާ ފަނާވާ ޒާތުގެ ކުނި ނައްތާލާނެ ގޮތެއް ނެތުމުން މިހާރު އަޅަނީ މޫދަށެވެ. މޯލްޑިވްސް ކްލީން އެންވަރުމަންޓްއިން ބުނީ އާ ކުނިކޮށި ހުޅުވުމުން އެކަން ހުއްޓި މޫދަށް އަޅަމުން ދިޔަ ކުނިން ކުރިއަށް އޮތްތާނގައި ގަސްކާނާ ހަދާ ވިއްކަން ފެށޭނެކަމަށެވެ.

މޯލްޑިވްސް ކްލީން އެންވަޔަރުމަންޓުން ބުނީ ކުނިކޮށީގެ މަސައްކަތް ނިމިގެންދާއިރު ކުނި ނައްތާލުމަށް ބޭނުންކުރާނެ ޒަމާނީ ވަސީލަތްތައް ހުންނާނެކަމަށާއި އޭގެތެރެއިން ފަނާވާ ޒާތުގެ ކުނިވާ ތަކެތި ކޮންޕޯސްޓްކުރުމަށް ހާއްސަ މެޝިނެއްވެސް ބަހައްޓާނެކަމަށެވެ.

ކުނީގެ ކަންކަން ބެލެހެއްޓުމަށް ހަދާފައިވާ އިދާރާއިން ބުނީ އޭދަފުށީ ކުނިކޮށީގައި މިހާރު ހުރި ފަނާނުވާ ޒާތުގެ ކުނިތައް ބޭރުކުރުމަށް ކައުންސިލާއެކު މަޝްވަރާ ކުރަމުންދާކަމަށެވެ.

އާ ކުނިކޮށި ހުޅުވުމާއެކު ކުރިން ހުރި ކުނިތައް ނައްތާލުމުގެ މަސައްކަތް ފެށޭނެކަމަށާއި އެގޮތުން މިހާރު ހުރި ކުނިތައް ވަންދޫއަށް ގެންދިއުމަށް ހަމަޖެހިފައިވާކަމަށް އޭދަފުށީ ކައުންސިލުން މައުލޫމާތުދެއެވެ.

އޭދަފުށީ ކައުންސިލުން ކުނި އުކުމުގެ މަސަކަތް ފެށީ 2016 ވަނަ އަހަރުއެވެ. އޭރު މަދުބަޔަކު ކުނި އުކުމަށް ރަޖިސްޓްރީވިނަމަވެސް މިހާރު ކުނި އުކުމުގައި ރަޖިސްޓްރީ ނުވަނީ މަދު ގޭބިސީއެއްކަމަށް އެރަށު ކައުންސިލުން ބުނެއެވެ.

ކުނި އުކުމަށް އޭދަފުށީ ކައުންސިލުން ހަދާފައިވާ އުސޫލު ބުނާގޮތުން ކައުންސިލްގައި ރަޖިސްޓްރީނުކޮށްވެސް ކުނި އުކޭނެއެވެ. އެކަމަކު އެއީ ކަނޑައަޅާފައި އޮންނަ ވަކި ގަޑިތަކެއްގައެވެ. އެކަމަކު އޭދަފުށްޓަކީ މަސްވެރި ރަށެއްކަމުން މަސްކަނޑާފައި ހުންނަ އެއްޗެހި މޫދަށް އުކާލުމުގެ ހުއްދަ މިއުސޫލުގެ ދަށުން ދީފައިވީނަމަވެސް މިކަމުގެ ނާޖާއިޒު ފައިދާ ބައެއް ފަރާތްތަކުން ނަގަމުންދާކަމަށް އެރަށު ކައުންސިލުން ވަނީ ފާހަގަކޮށްފައެވެ.

ކައުންސިލުން އާ ކުނިކޮށި ހުޅުވުމުން ކުނިތައް އާންމުނަށް ފެންނާހެން ނުހުންނާނެކަމަށެވެ. އެގޮތުން މިހާރު ފަރުބަދައެއްހެން އޮތް ކުނިފުނި ނައްތާލުމުން އެސަރަހައްދަށް ކުނިނޭޅޭނެކަމަށް އެރަށު ކައުންސިލްގެ ރައީސް މުހައްމަދު ފާތިޙް ވިދާޅުވިއެވެ.

"އެންމެ ބޮޑުއެއް ކަންބޮޑުވުމަކީ ފަނާވާ ޒާތުގެ ކުނި މޫދައްއެޅުން އެކަން ހުއްޓިގެން ދާނެކަމަށް މި އުންމީދުކުރަނީ އާ ކުނިކޮށްޓާއެކު އަދި މިޙާރު ކުނި އަޅާ ސަރަހައްދުގައި ހުރި ފަރުބަދައެއްހެން ހުރި ކުނި ފުނި ނައްތާލުމަކީ ކައުންސިލުން އެންމެ ބޭނުންވާ އެއް ކަންތައް" އޭދަފުށީ ކައުންސިލްގެ ރައީސް މުހައްމަދު ފާތިޙް ވިދާޅުވިއެވެ.

ބ.އޭދަފުއްޓަށް ދިމާވެފައިއޮތް ކުނީގެ މައްސަލަ ހައްލުކޮށްދިނުމަށް ސަރުކާރުން ހިންގާ މަޝްރޫއުއަކީ މިނިސްޓްރީ އޮފް އެންވަޔަރަންމަންޓް މެދުވެރިކޮށް، އިންޓަނޭޝަނަލް ޑިވެލޮޕްމަންޓް އޮސޯސިއޭޝަން - ވާރލްޑް ބޭންކުގެ ހިލޭ އެހީގައި ހިންގަމުންދާ މޯލްޑިވްސް ކްލީން އެންވަޔަރަންމަންޓް ޕްރޮޖެކްޓުން ކުރިއަށްގެންދާ މަސައްކަތެވެ.