ދުނިޔޭގެ ވިޔަފާރި

ވެކްސިން ފުރިހަމަ ކުރާ ލޯ ރިސްކު ޤައުމުތަކުން ތައިލޭންޑަށް ދެވޭނެ އިންތިޒާމު ހަމަޖައްސަނީ


ވެކްސިން ފުރިހަމަ ކޮށްފައިވާ ފަރާތްތަކަށް އަންނަ މަހުން ފެށިގެން ތައިލޭންޑު ހުޅުވާލުމަށް މަސައްކަތް ކުރަމުންދާ ކަމަށް އެޤައުމުން ހާމަކޮށްފިއެވެ.

އެޤައުމުގެ ބޮޑުވަޒީރު ޕްރަޔުތު ޗަން-އޯޗާ ހޯމަ ދުވަހު ވިދާޅުވީ އަންނަ މަހުން ފެށިގެން ލޯ ރިސްކު ޤައުމުތަކުން އަންނަ ވެކްސިން ފުރިހަމަކޮށްފައިވާ ފަރާތްތަކަށް އެޤައުމު ހުޅުވާލުމަށް ނިންމާފައިވާ ކަމަށެވެ. ޓީވީ މެދުވެރިކޮށް ދިން ބަސްދީގަތުމުގައި ޕްރަޔުތު ޗަން-އޯޗާ ވިދާޅުވީ، މިހާރު އެޤައުމުގެ ޕަބްލިކް ހެލްތު މިނިސްޓްރީއަށާއި، ކޯވިޑާއި ގުޅޭ އެންމެ އިސް ވުޒާރާއަށް މިކަން އަންގަވާފައިވާ ކަމަށެވެ. އަދި ލޯ ރިސްކު ސަރަހައްދުތަކެއްގެ ގޮތުގައި ފުރަތަމަ ކަނޑައަޅާނީ 10 ސަރަހައްދެއް ކަމަށް ވަނީ ހާމަކުރައްވާފައެވެ.

އެގޮތުން ފުރަތަމަ ނެރޭ ލިސްޓުގައި ހިމެނޭ ޤައުމުތަކުގައި ތެރޭގައި އިނގިރޭސިވިލާތާއި، އެމެރިކާއާއި، ސިންގަޕޫރާއި، ޖަރުމަނު ހިމެނެއެވެ. މިލިސްޓު މިހަފްތާ ތެރޭ ނިންމާ އިއުލާން ކުރެވޭނެ ކަމަށް ބެލެވެއެވެ. ތައިލޭންޑު ސަރުކާރުން ހާމަ ކުރެއްވި ގޮތުގައި މިލިސްޓަށް އަންނަ އަހަރުގެ ޖެނުއަރީއާއި ހަމައަށް ގިނަ ޤައުމުތައް އިތުރު ކުރެވޭނެއެވެ. މިއާއެކު އެހެން ޤައުމުތަކުންވެސް ތައިލޭންޑަށް އާދެވޭނެ ކަމަށް ސަރުކާރުން ވަނީ ބުނެފައެވެ. ނަމަވެސް އެހެން ޤައުމުތަކުން އަންނަ ފަރާތްތައް ކަރަންޓީން ވާން ޖެހޭނެ ކަމަށް އެޤައުމުން ބުނެއެވެ.

ތައިލޭންޑުގައި ކޯވިޑް ފެތުރޭ މިންވަރު މިވަނީ ވަރަށް ބޮޑަށް ދަށްވެގެން ގޮސްފައެވެ. އެގޮތުން މިދިޔަ އޯގަސްޓު މަހުގެ ތެރޭގައި 20،000 އަށް ވުރެ ގިނަ ކޭސް ދުވާލެއްގެ މައްޗަށް ފެންނަމުން ދިޔައިރު، މިހާރު މި އަދަދު 10،000 އަށް މިވަނީ ތިރިވެފައެވެ.

ކޯވިޑުގެ ކުރީން 2019 ވަނަ އަހަރު 40 މިލިއަން ފަތުރުވެރިން އެޤައުމަށް ޒިޔާރަތް ކުރިއެވެ. ނަމަވެސް 2020 ވަނަ އަހަރު މިއަދަދު 6.7 މިލިއަނަށް ވަނީ ވެއްޓިފައެވެ. ފަތުރުވެރިކަމަކީ ތައިލޭންޑަށް 5 ވަނައަށް އެންމެ ގިނަ އާމްދަނީ ލިބޭ ސިނާޢަތެވެ.