ވިޔަފާރި

ރާއްޖޭގައި ދެމެހެއްޓެނިވި ގޮތެއްގައި ދަނޑުވެރިކަން ތަރައްޤީކުރުމާއި ގުޅޭ ބޮޑު ޕްރޮޖެކްޓެއް ފަށަނީ

ޔޫއެންޑީޕީ އާއި ޖަޕާނު ސަރުކާރުގެ އެހީގައި ރާއްޖޭގައި ދެމެހެއްޓެނިވި ގޮތެއްގައި ދަނޑުވެރިކަން ތަރައްޤީކުރުމާއި ގުޅޭ ޕްރޮޖެކްޓެއް ފެށުމަށް ތައްޔާރުވެއްޖެއެވެ. މި ޕްރޮޖެކްޓާއި ގުޅޭ ލިޔުންތަކުގައި ޔޫ.އެން.ޑީ.ޕީ އާއި ޖަޕާނު ސަރުކާރާއި، އިކޮނޮމިކް މިނިސްޓްރީ އާއި އެގްރިކަލްޗަރ މިނިސްޓްރީން ވަނީ ސޮއިކޮށްފައެވެ.

ހުޅުމާލެ ސަމަން ހޮސްޓުގައި ބޭއްވި ސޮއިކުރުމުގެ ރަސްމިއްޔާތުގައި އެގްރިކަލްޗަރ މިނިސްޓްރީގެ ފަރާތުން ސޮއިކުރެއްވީ މިނިސްޓަރ އޮފް ފިޝަރީޒް މެރިން ރިސޯސް އެންޑް އެގްރިކަލްޗަރ ޑރ. ހުސެއިން ރަޝީދު ހަސަންއެވެ. އިކޮނޮމިކް މިނިސްޓްރީގެ ފަރާތުން ސޮއިކުރެއްވީ މިނިސްޓަރ ފައްޔާޒް އިސްމާއިލްއެވެ. ޔޫއެންޑީޕީގެ ރެޒިޑެންޓު ރެޕްރެޒެންޓެޓިވް އެންރީކޯ ގެވޭލިއާގެ އިތުރުން ޖަޕާނު ސަރުކާރުން ރާއްޖެއަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު ކެއިކޯ ޔަނާއީވެސް ވަނީ މި ޕްރޮޖެކްޓާއި ގުޅޭ ލިޔުންތަކުގައި ސޮއިކުރައްވާފައެވެ.

މި ޕްރޮޖެކްޓާއި ގުޅޭގޮތުން ވާހަކަފުޅު ދައްކަވަމުން މިނިސްޓަރ އޮފް ފިޝަރީޒް މެރިން ރިސޯސް އެންޑް އެގްރިކަލްޗަރ ޑރ. ހުސެއިން ރަޝީދު ހަސަން ވިދާޅުވީ މި ޕްރޮޖެޓުގެ ދަށުން ފިނި ކުރާ ނިޒާމްތައް ޤާއިމްކޮށްފައިވާ ދޯނިތައް ތަރައްޤީކޮށް ދަނޑުވެރިކަމުގެ އުފެއްދުންތައް އުފުލުމުގައި ބޭނުން ކުރެވޭނެ ކަމަށެވެ. އަދި ވެލި ޓެސްޓުކުރާ ރިސަރޗު ލެބޯޓްރީއެއްވެސް މި ޕްރޮޖެކްޓުގެ ދަށުން ހަނިމާދޫ އެގްރިކަލްޗަރ ސެންޓަރުގައި ތަރައްޤީކުރުމަށް ނިންމާފައިވާ ކަމަށްވެސް މިނިސްޓަރ ހުސެއިން ރަޝީދު ވިދާޅުވިއެވެ. މިނިސްޓަރ ފާހަގަކުރެއްވި ގޮތުގައި ކާނާގެ ޔަޤީންކަން ކަށަވަރުކުރުމަށް ރާއްޖޭގައި ކުރާ މަސައްކަތަށް މި ޕްރޮޖެޓުގެ ސަބަބުން އެހީތެރިވެދޭނެއެވެ.

މރަސްމިއްޔާތުގައި ވާހަަކަދައްކަވަމުން ޖަޕާނު ސަރުކާރުން ރާއްޖެއަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު ކެއިކޯ ޔަނާއީ ވިދާޅުވީ މި ޕްރޮޖެކްޓު ކާމިޔާބުކަމާއެކު ކުރިއަށް ގެންދެވިއްޖެ ނަމަ ކުރިމަގުގައި ރާއްޖޭގެ ދަނޑުވެރިކަމަށް ބޮޑެތި ކުރިއެރުންތަކެއް ލިބިގެންދާނެ ކަމަށް ޤަބޫލްކުރައްވާ ކަމަށެވެ.

މި މަޝްރޫޢަކީ ކޯވިޑްގެ ސަބަބުން ރާއްޖޭގެ އިޤްތިސާދަށްކޮށްފައިވާ ނޭދެވޭ އަސަރުތައް ކުޑަކުރުމަށް ޖަޕާނު ސަރުކާރުން ޔޫއެންޑީޕީ އާއި ގުޅިގެން ފަށާފައިވާ ސީޑް ޕްރޮޖެކްޓުގެ ދެވަނަ ފިޔަވަށްސެވެ. މީގެ ފުރަތަމަ ފިޔަވަހީގެ ދަށުންވަނީ ބިޒްނަސް ސެންޓަރ ކޯޕަރޭޝަން މެދުވެރިކޮށް ގިނަ އަދަދެއްގެ ކުދި ވިޔަފާރިތަކަށް އެހީތެރިކަން ފޯރުކޮށްދީފައެވެ.