ޚަބަރު

ޒުވާނުންގެ ދުވަހަށް ޚާއްސަކޮށްގެން ކުޅުއްދުއްފުށީގައި ބީޗް ގޭމްސް ފެސްޓިވަލެއް ބާއްވަނީ


ޒުވާނުންގެ ދުވަހަށް ޚާއްސަކޮށްގެން ކުޅުއްދުއްފުށީ ސިޓީގައި ބީޗް ގޭމްސް ފެސްޓިވަލެއް ބާއްވަން ނިންމައިފިއެވެ.

މިއަހަރުގެ ޒުވާނުންގެ ދުވަސް ގައުމީ ފެންވަރުގައި ރަސްމީކޮށް ކުޅުދުއްފުށީގައި ފާހަގަ ކުރުމުގެ ހަރަކާތްތަކުގެ ތެރޭގައި ހިމަނައިގެން
ބީޗް ގޭމްސް ފެސްޓިވަލް ބޭއްވުމަށް ހަމަޖެހިފައިވަނީ މިމަހުގެ 19 އިން 22 އަށެވެ. މި ފެސްޓިވަލްގައި 4 މުބާރާތެއް ކުރިއަށް ގެންދިއުމަށްވަނީ ހަމަޖެހިފައެވެ. އެއީ ވޮލީ، ސޮކާ، ހޭންޑް ބޯލްއެވެ.

މި ފެސްޓިވަލްގެ ހުރިހާ މުބާރާތެއްވެސް ކުރިއަށް ގެންދަން ނިންމާފައިވަނީ އަންހެން ޑިވިޜަނާއި، ފިރިހެން ޑިވިޜަން ހިމެނޭ ގޮތަށެވެ.

ޒުވާނުންގެ ދުވަސް ފާހަގަ ކުރުމުގެ ގޮތުން ކުޅުދުއްފުށީގައި ގިނަ ހަރަކާތްތަކެއް ކުރިއަށް ގެންދިއުމަށްވަނީ ރޭވިފައެވެ. އެގޮތުން ކުރިއަށް ގެންދިއުމަށް ރޭވިފައިވާ ހަރަކާތްތަކުގެ ތެރޭގައި ހިމެނޭ އެންމެ މުހިންމު އެއް ކަމަކީ ޔޫތު އެވޯޑެވެ. މިފަހަރު މިއެވޯޑް 18 ފަރާތަކަށް ދިނުމަށްވަނީ ހަމަޖެހިފައެވެ. މީގެ އިތުރުން މިދުވަސް ފާހަގަކުރުމަށް ޖަމިއްޔާތަކުގެ މަހާސިންތާއެއް ބޭއްވުމާއި، ޒުވާނުން ހޭލުންތެރިކުރުމަށް ޚާއްސަ ޕްރޮގްރާމްތަކެއް ހިންގުމާއި، ރާއްޖެއާއި ރާއްޖެއިން ބޭރުގެ ފަންނާނުން ހިމެނޭ ގޮތަށް ޚާއްސަ ސްޓޭޖް ޝޯވއެއް ބޭއްވުމަށް ހަމަޖެހިފައިވާ ކަމަށް ޔޫތު މިނިސްޓްރީއާއި ކުޅުދުއްފުށި ކައުންސިލުން މަޢުލޫމާތުދެއެވެ.

ކޮންމެ އަހަރެއްގެ އޮކްޓޫބަރު މަހުގެ 22 ވަނަ ދުވަހަކީ ޒުވާނުންގެ ދުވަހުގެ ގޮތުގައި ފާހަގަކުރުމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ޞާލިޙް ކަނޑއެޅުއްވީ 2020 ވަނައަހަރުއެވެ.