ވިޔަފާރި

އައިލޭންޑް އެވިއޭޝަން ފްލައިން ސްކޫލު ޗެކް ރިޕަބްލިކްގެ ކުންފުންޏަކާ ގުޅިގެން ޑިސެމްބަރު މަހު ފަށަނީ


އައިލޭންޑް އެވިއޭޝަނުން ރާއްޖޭގައި ހިންގުމަށް މަސައްކަތް ކުރަމުންދާ ފްލައިން ސްކޫލް ޗެކް ރިޕަބްލިކްގެ ފްލައިން ސްކޫލަކާއެކު ފެށުމަށް ތައްޔާރުވަމުންދާ ކަމަށް އެކުންފުނިން ހާމަކޮށްފިއެވެ.

އައިލޭންޑް އެވިއޭޝަންގެ ފްލައިން ސްކޫލު ހިންގުމަށް ހަމަޖެހިފައިވަނީ އައްޑޫ ސިޓީ ގަމުގައެވެ. އެގޮތުން ޤައުމީ ޔުނިވަރސިޓީއާއި އައިލޭންޑް އެވިއޭޝަން ގުޅިގެން ޗެކް ރިޕަބްލިކްގެ ފްލައިން ސްކޫލާއެކު ޖޮއިންޓް ވެންޗާ ކުންފުންޏެއް އުފައްދާ މި ފްލައިން ސްކޫލު ހިންގާނީ އެކުންފުނީގެ ބެލުމުގެ ދަށުންނެވެ. އައިލޭންޑް އެވިއޭޝަނުން ފްލައިން ސްކޫލެއް ހިންގުމަށް އިއުލާން ކޮށްފައިވަނީ މިއަހަރު މެދެއްހާ ހިސާބުގައެވެ.

މިމަސައްކަތާއި ގުޅޭގޮތުން އައިލޭންޑް އެވިއޭޝަންގެ ދަށުން ހިންގާ ޤައުމީ އެއަރލައިން މޯލްޑިވިއަންގެ ޕަބްލިކް ރިލޭޝަންސް އެންޑް ކޮމިއުނިކޭޝަންސް މެނޭޖަރ މޫސާ ވަސީމް ވިދާޅުވީ، ޗެކް ރިޕަބްލިކްގެ ފްލައިން ސްކޫލާއި އެކު މިތަން އަންނަ ޑިސެމްބަރު މަހު ފެށުމަށް މިހާރު ތައްޔާރު ވަމުންދާ ކަމަށެވެ. މިހާރު އެތަން އިންސްޕެކްޓް ކުރުމާއި ބޭނުންވާ ތަކެތި ހޯދުމުގެ މަސައްކަތް ކުރިއަށްދާ ކަމަށާއި، ކުރިއަށް ހުރި ދުވަސްތަކުގައި އެ މަސައްކަތް ނިންމަން އިތުރު ޓީމުތަކެއް ފްލައިން ސްކޫލަށް ޒިޔާރަތް ކުރާނެ ކަމަށް މޫސާ ވަސީމް ވިދާޅުވިއެވެ.

މީގެ ކުރިންވެސް އައްޑޫގައި ފްލައިން ސްކޫލެއް ހިންގާފައިވާއިރު، އެތަނުގެ ތަފާތު މައްސަލަތައް ފެންމަތިވެ ކިޔެވުންވަނީ ހުއްޓިފައެވެ. އަދި އޭރު ފްލައިން ސްކޫލު ހިންގަމުން ދިޔަ އޭޝިއަން އެކަޑެމީ އޮފް އެއިރޮނޯޓިކްސްއާއެކު ވެފައިވާ އެއްބަސްވުން މުއްދަތު ހަމަވެ ނިމުމަކަށް ވަނީ އައިސްފައެވެ. ނަމަވެސް އައިލޭންޑް އެވިއޭޝަނުން ގަމުގައި ހިންގާނީ މުޅިން އައު ފްލައިން ސްކޫލެކެވެ.

އައްޑޫގައި މީގެ ކުރިން ހިންގި ފްލައިން ސްކޫލުގެ ދަރިވަރުން ވަނީ އާދީއްތަ ދުވަހު ރައީސުލްޖުމުހޫރިއްޔާއާ ބައްދަލު ކުރައްވާ އެކުދިންގެ ކިޔެވުމާއި މެދު ހުރި ކަންބޮޑުވުންތައް ރައީސްއާ ހިއްސާކުރައްވާފައެވެ. މިމައްސަލައަށް ހައްލެއް ހޯދައި ދިނުމުގެ ގޮތުން އައްޑޫގައި އައިލޭންޑް އެވިއޭޝަނުން ހިންގުމަށް ހަމަޖެހިފައިވާ ފްލައިން ސްކޫލުން އެކުދިންނަށް ފުރުސަތު ދެވި އަންނަ ޑިސެމްބަރު މަހު ކިޔެވުން ފެށުމަށް މަސައްކަތް ކުރެވެމުންދާކަން ރައީސުލްޖުމްހޫރިއްޔާވަނީ ހާމަކުރައްވާފައެވެ.