ޚަބަރު

ނޫސްވެރިކަމުގެ އިނާމު 9 ފަރާތަކަށް


"ނޫސްވެރިކަމުގެ އިނާމު 2020" 9 ފަރާތަކުން ހާސިލްކޮށްފިއެވެ. މިއަހަރަކީ ނޫސްވެރިކަމުގެ އިނާމަށް އެންމެ ގިނަ ނަން ހުށައެޅި އަހަރެވެ.

މިއަހަރުގެ ނޫސްވެރިކަމުގެ އިނާމު ދީފައިވަނީ ބްރޯޑްކާސްޓިންއާއި ޕްރިންޓް މީޑިއާ ބައި އެއްކޮށްލައިގެންނެވެ. ނޫސްވެރިކަމުގެ އެކި ދާއިރާތަކުން އެންމެ ގިނަ އެވޯޑް ހާސިލްކުރީ ސަންގު ޓީވީންނެވެ.

ނޫސްވެރިކަމުގެ އިނާމު ހާސިލްކުރި ދާއިރާތަކާއި ފަރާތްތައް:

ފީޗަރ ރިޕޯޓް ދާއިރާ - މާހަތު ހުސައިން ރަޝީދު / ސަންގު ޓީވީ

ސިޔާސީ ދާއިރާ - މާހަތު ހުސައިން ރަޝީދު / ސަންގު ޓީވީ

ވީޑިއޯ ޖަރނަލިޒަމްގެ ދާއިރާ - ޙައްވާ މިންހާ / ސަންގު ޓީވީ

ކުޅިވަރުގެ ދާއިރާ - މުޙައްމަދު ހަމްދޫން / މިހާރު ނޫސް

ޝަރުޢީ އަދި ޤާނުނީ ދާއިރާ - ލައިސާ އަޙުމަދު / ރާއްޖެ ޓީވީ

ދެމެހެއްޓެނިވި ތަރައްޤީއާ އިޖުތިމާޢީ ދާއިރާ - ޢަމްނާ އިމާދު / ރާއްޖެ ޓީވީ

ތަޙުގީގީ ނޫސްވެރިކަން - މުޙައްމަދު އަޒްހީމް އަޒީމް - ވަގުތު އޮންލައިން

ވިޔަފާރިއާ އިޤްތިޞާދީ ދާއިރާ - ފާތިމަތު ޝާނާ މުޙައްމަދު / މިހާރު ނޫސް

ފޮޓޯ ޖަރނަލިޒަމްގެ ދާއިރާ - އިބްރާޙިމް ޝާބިލް / ވަގުތު އޮންލައިން

އެވޯޑް ދިނުމުގެ މިޙަފްލާގައިވަނީ ދާއިރާއަށް ދިގުމުއްދަތަށް ޚިދުމަތްކޮށްދެއްވާފައިވާ ބޭފުޅުންނަށް އަރުވާ "ހަޔާތީ އަރުތައިގެ އިނާމް" ދެ ބޭފުޅަކަށް އަރުވާފައެވެ. އެއީ އަލްމަރުޙޫމް އަލީ ހުސައިން، މ.ވާރޭވިލާ އާއި އަލްމަރުޙޫމް ހުސައިން މުޙައްމަދު، ގ.ލިއެނާއެވެ.

އަލްމަރުޙޫމް އަލީ ހުސައިންއަކީ ނޮވެލްޓީ ޕްރިންޓަރސް އެންޑް ޕަބްލިޝަރސް އުފެއްދެވި ބޭފުޅާއެވެ. އަލީ ހުސައިންވަނީ ޗާޕުކުރުމުގެ މަސައްކަތްތައް ޒަމާނީ ފެންވަރަށް ގެނެސްދެއްވާފައެވެ. އަދި މި ދާއިރާއިން ޤައުމީ ފެންވަރުގެ އެކި އިނާމުތައްވެސް އަލީ ހުސައިންވަނީ ޙާސިލްކުރައްވާފައެވެ. އަލީ ހުސައިން ދެމިއޮތުމުގެ އާލަމަށް ދަތުރުކުރެއްވީ 2019ވަނަ އަހަރުއެވެ.

ހަޔާތީ އަރުތަ ދެން ޙާސިލްކުރެއްވީ އަލްމަރުޙޫމް ހުސައިން މުޙައްމަދު، ގ.ލިއެނާއެވެ. ބްރޯޑްކާސްޓިންގ ދާއިރާއަށް ގިނަ ޚިދުމަތްތަކެއް ކުރައްވާފައިވާ ހުސައިން މުޙައްމަދަކީ ބޭރު ޚަބަރު ދިވެހިބަހަށް ތަރުޖަމާކުރުމާއި، ބޭރު ދުނިޔޭގެ ކުޅިވަރު ރާއްޖެއަށް ތަޢާރަފްކޮށްދެއްވި ބޭފުޅާއެވެ. ހުސައިން މުޙައްމަދު ދެމިއޮތުމުގެ އާލަމަށް ދަތުރުކުރެއްވީ 2020ވަނަ އަހަރުއެވެ.

ނޫސްވެރިކަމުގެ އިނާމުދިނުމުގެ ޙަފްލާ ޝަރަފުވެރިކޮށްދެއްވީ މިނިސްޓަރ އޮޕް ޔޫތު ސްޕޯޓްސް އެންޑް ކޮމިއުނިޓީ އެމްޕަވަމަންޓް އަޙުމަދު މަޙުލޫފުއެވެ. މިނިސްޓަރ މަޙުލޫފު ވިދާޅުވީ ނޫސްވެރިންނަކީ ވަރަށް ބާރު ގަދަ ބައެއްކަމަށެވެ. ނޫސްވެރިއަކު ލިޔާ ޚަބަރެއްގެ ސަބަބުން ޙާލަތު ބަދަލުކޮށްލުމުގެ ބާރު އޮންނަކަމަށާއި، އެހެންކަމުން ޒިންމާދާރުކަމާއެކު މަސައްކަތް ކުރުމަށް މިނިސްޓަރ ގޮވާލެއްވިއެވެ.

"އަޅުގަނޑަށް ގާތްކޮށް މަސައްކަތްކުރެވެނީ ކުޅިވަރު ނޫސްވެރިންނާއެކު. މެޗެއްގައި ލަނޑަކާއެކު ސަޕޯޓަރުން އުފާފާޅުކުރާއިރު، ނޫސްވެރިން އުޅެނީ އެ މަންޒަރު ފުރިހަމައަށް ބެލުންތެރިނަށް ގެނެސްދޭން. އެމީހުންނަށް އެ ލަނޑު ބަލާލުމުގެ ފުރުޞަތެއް ނޯވެ." މަޙުލޫފް ވިދާޅުވިއެވެ.

މީޑިއާ ކައުންސިލްގެ ރައީސް ޝަހުބާން ފަހުމީ ވިދާޅުވީ މިއަހަރަކީ، ނޫސްވެރިކަމުގެ އިނާމު ދޭންފެށިފަހުން އެންމެ ގިނަ ހުށައެޅުންތައް ލިބުނު ފަހަރުކަމަށެވެ. މިކަމުން ދޭހަވެގެންދަނީ މި އިނާމް ނޫސްވެރިން ބަލައިގެންފައިވާ މިންވަރާއި، މީޑިއާ ކައުންސިލަށް އޮންނަ އިތުބާރުކަމަށެވެ. ޝަހުބާނު ވިދާޅުވީ ކައުންސިލަށް ލިބޭ ބާރުގެ ދަށުން، ޒަމާނަށް އަންނަމުންދާ ބަދަލުތަކާ އެއްގޮތަށް ނޫސްވެރިކަމާގުޅޭ އުސޫލުތައް އިސްލާޙުކުރުމުގެ މަސައްކަތް ކުރަމުންދާކަމަށެވެ.

"ޒަމާން ބަދަލުވެއްޖެ. ނޫސްވެރިކަމުގެ ވައްޓަފާޅިވެސް ބަދަލުވެއްޖެ. ނޫސްވެރިކަމުގެ އަޚްލާގީ މިންގަނޑު ބަދަލުކުރުމުގެ މަސައްކަތްކުރަމުން މިދަނީ." ޝަހުބާނު ވިދާޅުވިއެވެ.

މިއީ މީޑިއާ ކައުންސިލުން ނޫސްވެރިކަމުގެ އިނާމުދޭތާ 8 ވަނަ ފަހަރެވެ. މި އިނާމުގައި މީޑިއާއާއި ގުޅުންހުރި ގިނަ ދާއިރާތައްދަނީ ހިމަނަމުންނެވެ.