ޚަބަރު

މިނިސްޓަރ ދުންޔާ ލަންކާއަށް ކުރެއްވި ދަތުރުފުޅު ވަރަށް ކާމިޔާބު


ރާއްޖޭގެ ޚާރިޖީ ވަޒީރު ދުންޔާ މައުމޫން ސްރީލަންކާއަށް ކުރެއްވި ރަސްމީ ދަތުރުފުޅުގައި ދިވެހިރާއްޖެއަށް މުހިންމު މަސައްކަތްތަކެއް ކުރައްވާފައިވާ ކަމަށް ޚާރިޖީ ވުޒާރާއިން ވިދާޅުވެއްޖެ.މި ދަތުރުފުޅުގައި މިނސްޓަރ ދުންޔާ މައުމޫން ސްރީލަންކާގެ ބޮޑުވަޒީރު ރަނިލް ވިކްރަމަސިންގްހަ އާ ބައްދަލުކުރައްވާފައިވެއެވެ. އަދި އެޤައުމުގެ ޚާރިޖީ ވަޒީރު މަންގަލަ ސަމަރަވީރައާވެސް ބައްދަލުކުރެއްވިއެވެ. މި ބައްދަލުކުރެއްވުންތަކުގައި، ދެޤައުމުގެ ގުޅުން އިތުރަށް ހަރުދަނާކުރެއްވުމާއި ދެޤައުމު ގުޅިގެން ކުރެވިދާނެ މަސައްކަތްތަކާގުޅޭގޮތުން މަޝްވަރާކުރެއްވިއެވެ. އަދި ޚާރިޖީ ވަޒީރުގެ މި ދަތުރުފުޅުގައި، އެމެރިކާގެ ސަފީރު އަތުލް ކޭޝަޕް އާއި އިގިރޭސިވިލާތުގެ ސަފީރު ޖޭމްސް ޑޯރިސް އާ ބައްދަލުކުރައްވައި ދެ ޤައުމަށް މަސްލަޙަތު ހުރި ބައެއް ކަންކަމާ ގުޅޭގޮތުން ވަނީ މަޝްވަރާކުރައްވާފައެވެ.މިނިސްޓަރ ދުންޔާގެ މި ދަތުރުފުޅުގައި ޤައުމުތަކުގެ އިސް މަސްޢޫލުވެރިންނާ ކުރެއްވި މަޝްވަރާތަކަކީ ވަރަށް ކާމިޔާބު މަޝްވަރާތަކެއް ކަމަށް ޚާރިޖީ ވުޒާރާއިން ވިދާޅުވެއެވެ.މީގެ އިތުރަށް ޚާރިޖީ ވަޒީރު ދުންޔާ މައުމޫން ޝްރީލަންކާއަށް ކުރެއްވި މި ދަތުރުފުޅުގައި އެ ޤައުމުގައި ހުންނަ ދިވެހިރާއްޖޭގެ ހައިކޮމިޝަނަށްވެސް ވަނީ ޒިޔާރަތްކުރައްވާފައެވެ. މިނިސްޓަރގެ މި ދަތުރުފުޅު ނިންމަވާލެއްވީ އިއްޔެއެވެ.