ވިޔަފާރި

އެސްޓީއޯއިން ސެޕްޓެމްބަރުމަހު 78 ހާހަށްވުރެގިނަ ބަސްތާގެ ކާޑު ރާއްޖޭގެ އެކި ސަރަހައްދުތަކަށް


އެސްޓީއޯއިން މިދިޔަ ސެޕްޓެމްބަރުމަހު 78 ހާހަށްވުރެ ގިނަ ކާޑު ބަސްތާ އެކި ސަރަހައްދުތަކަށް ފޮނުވައިފިއެވެ.

މާލެއާއި ރަށްރަށުގައި ކާޑުގެ ބާވަތްތައް ހުސްނުވެ ލިބޭނެ އިންތިޒާމް ހަމަޖެއްސުމުގެ ގޮތުން އެސްޓީއޯއިން ގިނަ މަސައްކަތްތަކެއް ކުރެއެވެ. އެސްޓީއޯއިން ބުނީ މިދިޔަ ސެޕްޓެމްބަރުމަހުގެ ތެރޭގައި މާލެއާއި ރާއްޖޭގެ އެކި ސަރަހައްދުތަކަށް 78475 ބަސްތާ ކާޑު ފޮނުވާފައިވާކަމަށެވެ. މިދިޔަ އޮގަސްޓުމަހު އެކުންފުނިން ފޮނުވާފައިވަނީ 79813 ބަސްތާއެވެ.

އެސްޓީއޯގެ ތަފާސް ހިސާބުތައް ދައްކާގޮތުން މިދިޔަ މަހުގެ ތެރޭގައި އަތޮޅުތަކަށް 538 އޯޑަރެއް ވަނީ ފޮނުވާފައެވެ. މީގެތެރޭގައި އަތޮޅުތެރޭގައި ތިބި އެސްޓީއޯގެ އެޖެންޓުން މެދުވެރިކޮށް ލިބިފައިވާ އޯޑަރުތައްވެސް ހިމެނެއެވެ. މީގެތެރޭގައި ހިމެނެނީ 21608 ބަސްތާ ހަނޑުލާއި، 6911 ބަސްތާ ހަކުރާއި 18325 ބަސްތާ ފުށެވެ.

މާލެ ސަރަހައްދުން މިދިޔަމަހު މުޅި ޖުމްލަ 1838 އޯޑަރު ލިބިފައިވާ ކަމަށް އެސްޓީއޯއިން ބުނެއެވެ. އޭގެތެރޭގައި ހިމެނެނީ 10976 ބަސްތާ ހަނޑުލާއި، 4259 ބަސްތާ ހަކުރާއި 7016 ބަސްތާ ފުށެވެ.

ވިޔަފާރިތަކަށް ފަސޭހަކޮށްދިނުމުގެ ގޮތުން އެސްޓީއޯގެ ފިހާރަތަކުން ގަންނަން ބޭނުންވާ ތަކެތި އެސްޓީއޯގެ އޮންލައިން ޕޯޓަލް އީސްޓޯރ މެދުވެރިކޮށް ގަނެވޭނެ އިންތިޒާމް ހަމަޖައްސާފައިވާއިރު، ގަންނަ ތަކެތި އެސްޓީއޯއިން ދަނީ ޑެލިވަރވެސް ކޮށްދެމުންނެވެ. އީ-ސްޓޯރއަކީ ކޯވިޑާއި ގުޅިގެން އެސްޓީއޯގެ ފިހާރަތަކަށް ނުގޮސް ކަސްޓަމަރުންނަށް ތަކެތި ގަނެވޭނެގޮތް ފަހިކުރުމުގެ ގޮތުން ތައާރަފްކުރި އޮންލައިން ޕްލެޓްފޯމެކެވެ.