ވިޔަފާރި

އެސްޓީއޯއިން ވިއްކާ ތެލުގެ އަގު ބޮޑުކޮށްފި


އެސްޓީއޯއިން ވިއްކާ ތެލުގެ އަގު ބޮޑުކޮށްފިއެވެ. ތެލުގެ އަގު ބޮޑުކުރީ ދުނިޔޭގެ ބާޒާރުގައި ތެލުގެ އަގު ބޮޑުވުމާ ގުޅިގެން ކަމަށް އެސްޓީއޯއިން މަޢުލޫމާތުދެއެވެ.

އެސްޓީއޯގެ ސަބްސިޑަރީ ކުންފުނި ފިއުލް ސަޕްލައި މޯލްޑިވްސްގެ ޝެޑްތަކުން މިއަދުން ފެށިގެން ޕެޓްރޯލް ލީޓަރެއް ވިއްކާނީ ލީޓަރެއް 11 ރުފިޔާ 16 ލާރި އަށް އަދި ޑީސަލް ލީޓަރެއް 11 ރުފިޔާ 84 ލާރިއަށެވެ.

މީގެކުރިން ޕެޓްރޯލް ލީޓަރެއް ވިއްކީ 10 ރުފިޔާ 72 ލާރިއަށެވެ. އަދި ޑީސަލް ލީޓަރެއް ވިއްކީ 10 ރުފިޔާ 95 ލާރިއަށެވެ. އެހެން ކަމުން އަގަށް ގެނައި މިބަދަލާއެކު ޕެޓްރޯލް ލީޓަރަކުން 44 ލާރި ބޮޑު ވެފައި ވާއިރު، ޑީސަލް ލީޓަރަކުން ވަނީ 89 ލާރި ބޮޑުވެފައެވެ.

ފާއިތުވި ދެ މަސް ތެރޭގައި ދުނިޔޭގެ ބާޒާރުގައި ތެލުގު އަގު ވަނީ ވަރަށް ބޮޑަށް އުފުލިފައެވެ. މިހާރު ދުނިޔޭގެ ތެލުގެ އަގު ހުރީ ފާއިތުވި 7 އަހަރު ތެލުގެ އަގު ބޮޑުނުވާ މިންވަރަށް ބޮޑުވެފައެވެ. މިއާ އެކު ތެޔޮ ގަންނަން ލިބޭ އަގުވެސް ވަނީ ވަރަށް ބޮޑަށް އުފުލިފައި ކަމަށް އެސްޓީއޯއިން ހާމަކުރެއެވެ.

މާލޭގެ ހަތަރު ސަރަޙައްދެއްގައި އެފްއެސްއެމް ޕެޓްރޯލް ޝެޑުތައް ހުރެއެވެ. އެއީ އައިޖީއެމްއެޗް ކައިރީގައާއި، އިންޑަސްޓްރިއަލް ވިލެޖުގައާއި، ކާނިވާ ސަރަޙައްދުގެ އިތުރުން ސްޓެލްކޯ ކައިރީގައެވެ. އަދި މީގެއިތުރުން ހުޅުމާލޭގައިވެސް އެފްއެސްއެމްގެ ޕެޓްރޯލް ޝެޑެއް ހުރެއެވެ.