ޚަބަރު

އެޗްއީއޯސީން ވޮލަންޓިއަރުންގެ ދަފްތަރެއް އެކުލަވާލަނީ

ކޯވިޑްގެ ޙާލަތާ ގުޅިގެން ވޮލަންޓިއަރކޮށް މަސައްކަތް ކުރާ މީހުންގެ ދަފުތަރެއް އެކުލަވާލަން ނިންމައިފިއެވެ. ހެލްތް މިނިސްޓްރީން މިހާރުވަނީ މި ދަފްތަރުގައި ރަޖިސްޓްރީވުމުގެ ފުރުޞަތު ހުޅުވާލާފައެވެ.

ހެލްތް މިނިސްޓްރީން ވިދާޅުވީ ކޯވިޑް-19ގެ މަސައްކަތްތައް ކުރުމަށް އުފައްދާފައިވާ ހެލްތު އެމަޖެންސީ އޮޕަރޭޝަން ސެންޓަރާއި އެސެންޓަރުގެ ދަށުން ގްރޭޓަރ މާލެ ސަރަހައްދުގައި ކުރާ މަސައްކަތުގައި ވޮލަންޓިއަރުންގެ ގޮތުގައި މަސައްކަތް ކުރުމަށް ޝައުޤުވެރިވާ ފަރާތްތަކުގެ ދަފުތަރެއް އެކުލަވާލުމަށް ނިންމާފައިވާކަމަށެވެ.

މިގޮތުން އެކުލަވާލެވޭ ދަފްތަރުގައިވާ މީހުން އެޗްއީއޯސީން ތަމްރީނު ޕްރޮގްރާމެއް ހިންގުމަށް ވަނީ ހަމަޖެހިފައެވެ. އަދި ތަމްރީނު ޕްރޮގްރާމް ފުރިހަމަކުރާ ފަރާތްތަކުގެ ތެރެއިން އެވަގުތެއްގައި ހެލްތް އެމަޖެންސީ އޮޕަރޭޝަން ސެންޓަރުގައި ކުރަންޖެހޭ މަސައްކަތްތަކަށް ރިޔާއަތްކޮށް ވޮލަންޓިއަރުން ނަގަމުންދާނެކަމަށް ހެލްތް މިނިސްޓްރީން ވިދާޅުވެއެވެ.

ރާއްޖޭގައި ކޯވިޑްގެ ހާލަތު އެންމެ ގޯސްވި ދަނޑިވަޅުގައިވެސް ބަލި މީހުންނަށް އެހީތެރިވުމަށާއި ކޯވިޑް ކޮންޓްރޯލް ކުރުމުގެ އެންމެ އިސް ސަފުގައި ހަރަކާތްތެރިވެފައިވަނީ ހިލޭސާބަހަށް މަސައްކަތްކުރި ދަރުމަވެރިންނެވެ. ހޮސްޕިޓަލްތަކާއި މެޑިކަލް ފެސިލިޓީތައް ބަލި މީހުންނާއެކު ފުރުނުއިރު އެމީހުންނަށް އަޅާލުމުގައި ޑޮކްޓަރުންނާއި ނަރުހުންނަށް އެންމެބޮޑު އެހީތެރިކަމެއް ފޯރުކޮށްދީނީވެސް ހަމަ އެދަރުމަވެރިންނެވެ.

ކުޑަކޮށްވެސް ސިއްޙީ ދާއިރާގެ ކަމެއް އެނގޭ މީހުން ދިޔައީ ބަލި ކޮންޓްރޯލްކުރުމަށްޓަކައި ކެނޑިނޭޅި މަސައްކަތްތައް ކުރަމުންނެވެ.

އޭރުވެސް ކޯވިޑްގެ ޙާލަތާ ގުޅިގެން ހިލޭސާބަހަށް މަސައްކަތް ކޮށްދިނުމަށް ހުޅުވާލި ފުރުޞަތާއެކު އެތައްބަޔަކު ތެދުވިއެވެ. އެކިއެކި ކަންކަމުގައި އެހީތެރިވުމަށް އެޗްއީއޯސީއަށް ފޯމު ހުށަހެޅި މީހުންގެ ޢަދަދު ވަރަށްގިނައެވެ. އަނެއްކާވެސް އެޗްއީއޯސީން މިވަނީ ދަރުމަވެރިންގެ ދަފްތަރެއް އުފެއްދުމަށް ނިންމާ އެކަމަށް ޝައުގުވެރިވާ ފަރާތްތަކަށް އެފުރުޞަތު ހުޅުވާލާފައެވެ. އަދިވެސް ބަލި މުޅިން ކޮންޓްރޯލް ވެފައިނުވުމުގެ ސަބަބުން މި ސަރަހއްދުގައި މަސައްކަތް ކުރާނެ ދަރުމަވެރިން ބޭނުންވެއެވެ.