ވިޔަފާރި

ކުއަންޓަސްގެ މިއަހަރުގެ ފައިދާ އިތުރުވާނެ!


އޮސްޓްރޭލިޔާގެ މަޝްހޫރު އެއަރލައިން " ކުއަންޓަސް " އަށް މިއަހަރުގެ ފަހު 6 މަސް ދުވަހު ބޮޑު ފައިދާއެއް ވާނެ ކަމަށް އެކުންފުނިން ހާމަކޮށްފިއެވެ.މިގޮތުން، ޑިސެމްބަރު މަހުގެ ނިޔަލަށް 635 މިލިއަން ޑޮލަރުގެ ފައިދާ ކުއަންޓަސް އަށް ލިބޭނެ ކަމަށް އެ އެއާރލައިނުން ވަނީ ބުނެފައެވެ. އެކުންފުނީގެ ފައިދާތައް އިތުރުވެފައިވަނީ ދުނިޔޭގެ ބަޒާރުގައި ތެލުގެ އަގު ދަށްވުމާއި، ކުންފުނީގެ ވިޔަފާރި ކުރިއެރުވުމަށް ކުއަންޓަސްއިން އެކުލަވާލާފައިވާ ޕްލޭންތަަކުގެ ސަބަބުން ކަމަށް އެކުންފުނިން މަޢުލޫމާތުދެއެވެ.މި އަހަރުގެ ފަހު 6 މަސްދުވަހު ކުއަންޓަސް އަށް ފާއިދާ ލިބޭނެކަން އިއުލާނުކުރުމާ ގުޅިގެން އޮސްޓްރޭލިޔާގެ ހިއްސާގެ ބާޒާރުގައި އެކުންފުނީގެ ހިއްސާގެ އަގު ވަނީ 2.4 އިންސައްތަ އިތުރުވެފައެވެ. މިއަހަރުގެ ތެރޭގައި ކުއަންޓަސްގެ ހިއްސާގެ އަގު ވަނީ 50 އިންސައްތަ އިތުރުވެފައެވެ.