ޚަބަރު

ކޯވިޑް ވެކްސިން ފޯރުކޮށްދިނުމަށް ރާއްޖެއިންވަނީ ނަމޫނާ ދައްކާފައި - ސާކް


ރައްޔިތުންނަށް ކޯވިޑް ވެކްސިން ފޯރުކޮށްދިނުމުގައި ރާއްޖެއިން އެހެން ޤައުމުތަކަށް ނަމޫނާ ދައްކާފައިވާކަމަށް ސާކްގެ ސެކްރެޓަރީ ޖެނެރަލް އެސަލަ ރުވަން ވީރަކޫން ވިދާޅުވެއްޖެއެވެ.

ސައުތު އޭޝިއަން އެސޯސިއޭޝަން ފޮރ ރީޖަނަލް ކޯޕަރޭޝަން (ސާކް)ގެ 14ވަނަ ސެކްރެޓަރީ ޖެނެރަލް އެސަލަ ރުވަން ވީރަކޫން މިހެން ވިދާޅުވީ ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙްގެ އަރިހަށް ކުރެއްވު އިޙްތިރާމްގެ ޒިޔާރަތުގެތެރެއިން ދެއްކެވި ވާހަކަފުޅުގައެވެ.

ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައި ބޭއްވި މި ބައްދަލުކުރެއްވުމުގައި ރައީސުލްޖުމްހޫރިއްޔާ ވަނީ (ސާކްގެ 14 ވަނަ ސެކްރެޓަރީ ޖެނެރަލްގެ މަޤާމަށް އެސަލަ ރުވަން ވީރަކޫން، އިންތިޙާބުވުމާ ގުޅިގެން އެކަމަށްޓަކައި މަރުޙަބާ ދަންނަވާފައެވެ.

އަދި އެމަނިކުފާނު ވަނީ ސާކުގެ ފަރާތުން ކޯވިޑް-19 ޙާލަތުގައި ސަރަޙައްދީ ޤައުމުތަކަށް އެހީތެރިވުމަށް ކުރަމުންދާ މަސައްކަތްޕުޅުތަކާއި، މެންބަރު ޤައުމުތަކުގެ މެދުގައި ގުޅުން ހަރުދަނާ ކުރުމަށް އަދާކުރަމުންދާ މުހިންމު ދައުރު ފާހަގަކުރައްވާފައެވެ. ހަމަ އެއާއެކު އެމަނިކުފާނު ވަނީ ދިވެހިރާއްޖެއިން އަބަދުވެސް ސާކާއި ގުޅުން ދެމެހެއްޓުމަށް މަސައްކަތްކުރައްވާނެކަމުގެ ޔަޤީންކަން އަރުވާފައެވެ.

މިއަދުގެ ބައްދަލުކުރެއްވުމުގައި ރައީސުލްޖުމްހޫރިއްޔާ ވަނީ ސާކާއި ގުޅިގެން ޓެރެރިޒަމް ހުއްޓުވުމަށް މަސައްކަތް ކުރެއްވުމަށާއި، އަންހެންނަށާއި އަންހެން ކުދިންނަށް ކުރާ އަނިޔާ ހުއްޓުވުމަށް މަސައްކަތްކުރެއްވުމަށް ޝައުޤުވެރިކަން ފާޅުކުރައްވާފައެވެ.

އަދި ސާކްގެ މެންބަރު ޤައުމުތަކުން ގުޅިގެން އިންސާނީ ޙައްޤުތައް ރައްކާތެރިކުރުމަށް މަސައްކަތްކުރުން މުހިންމުކަމުގައި އެމަނިކުފާނު ފާހަގަކުރެއްވެވިއެވެ. މީގެ އިތުރުން މެންބަރު ޤައުމުތަކުން ގުޅިގެން މޫސުމަށް އަންނަ ބަދަލުތަކުންކުރާ ނޭދެވޭ އަސަރުކުޑަކުރުމަށް މަސައްކަތްކުރުމަށް އެމަނިކުފާނު ބާރުއެޅުއްވެވިއެވެ.

މި ބައްދަލުކޮށްލެއްވުމުގައި ސާކްގެ 14ވަނަ ސެކްރެޓަރީ ޖެނެރަލް، ވަނީ އެމަނިކުފާނަށް ހޫނު މަރުޙަބާއެއް ދެންނެވުމުން އެކަމަށްޓަކައި ޝުކުރުއަދާކުރައްވާފައެވެ. އަދި އެބޭފުޅާވަނީ އިއްޔެ ސާފް ސާފް ޗެމްޕިއަންޝިޕް 2021ގައި ރާއްޖެއާ ސްރީލަންކާ ބައްދަލުކުރި މެޗުން ރާއްޖެ ހޯދި ކާމިޔާބީއަށް މަރުޙަބާ ދަންނަވާފައެވެ. އަދި އެބޭފުޅާ ވަނީ ސާފް ޗެމްޕިއަންޝިޕް 2021 ގައި ރާއްޖެ ޓީމުގެ ކުޅުން ފާހަގަކުރައްވާ ތަޢުރީފުކުރައްވާފައެވެ.

މީގެ އިތުރުން މި ބައްދަލުކޮށްލެއްވުމުގައި ސާކްގެ 14 ވަނަ ސެކްރެޓަރީ ޖެނެރަލް، ވަނީ ރާއްޖެއިން ކުރިއަށްގެންދާ ކޯވިޑް19ގެ ވެކްސިން ދިނުމުގެ ޕްރޮގްރާމާއި ގުޅޭގޮތުން ވާހަކަފުޅު ދައްކަވައި ރާއްޖެއިން ވެކްސިން ފޯރުކޮށްދިނުމުގައި އެހެން ޤައުމުތަކަށް ނަމޫނާ ދައްކާފައިވާކަން ފާހަގަކުރައްވާފައެވެ.

މި ބައްދަލުކުރެއްވުން ނިންމަވާލައްވަމުން ރައީސުލްޖުމްހޫރިއްޔާ އާއި ސާކްގެ 14 ވަނަ ސެކްރެޓަރީ ޖެނެރަލް، ވަނީ މިހާރު އޮތް ގުޅުން އިތުރަށް ހަރުދަނާކުރެއްވުމަށް މަސައްކަތްކުރައްވާނެ ކަމުގެ ޔަޤީންކަން އަރުވާފައެވެ. އަދި ދެފަރާތައްވެސް ފައިދާވާނެ ކަންކަމުގައި ގުޅިގެން މަސައްކަތްކޮށް ނަތިޖާ ނެރުމަށް އަޒުމުއާކުރައްވާފައެވެ.