ޚަބަރު

ޚަރަދުކުޑަ ހަކަތައިގެ ނިޒާމަކަށް ބާރުއަޅާ، ހަކަތައިގެ ޤާނޫނު ވުޖޫދަށް


ޚަރަދުކުޑަ ހަކަތައިގެ ނިޒާމެއް ޤާއިމުކުރުމަށް ބާރުއަޅާ ދިވެހިރާއްޖޭގެ ހަކަތައިގެ ބިލު ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙު ތަސްދީޤު ކުރައްވައިފިއެވެ. މިއަދުން ފެށިގެން މިޤާނޫނަށް ޢަމަލުކުރަން ފަށާނެއެވެ. މިބިލު ރައްޔިތުންގެ މަޖިލީހުން ފާސްކޮށްފައިވަނީ މިދިޔަ ސެޕްޓެމްބަރު މަހުގެ 21ވަނަ ދުވަހު ބޭއްވި ޖަލްސާގައެވެ.

ހަކަތައިގެ ޤާނޫނަކީ ދެމެހެއްޓެނިވި ތަރައްޤީގެ ދަށުން ތިމާވެއްޓާ ރައްޓެހި ހަކަތައިގެ ނިޒާމެއް ޤައިމުކުރުމަށް ސަރުކާރުން ކުރަމުން އަންނަ މަސައްކަތަށް ބާރުއަޅާ ޤާނޫނެކެވެ. މިޤާނޫނުގެ ދަށުން ހަކަތައިގެ ބޭނުންކުރާ ފަރާތްތަކުގެ ޙައްގުތައް ރައްކާތެރިކޮށް އެކަށީގެންވާ އަގެއްގައި ހަކަތަ ފޯރުކޮށްދިނުމަށް ކަމާބެހޭ މުއައްސަސާތަކަށް މަތިކުރެއެވެ. އަދި ރާއްޖޭގައި ބޭނުންކުރާ ހަކަތައަކީ އިޢާދަކުރަނިވި ޙަކަތައަށް ބަދަލުކޮށް މޫސުމީ ބަދަލުތަކުގެ ސަބަބުން ލިބޭ ގެއްލުން ކުޑަކުރުމަށް ހަކަތަ އުފެއްދުމުގައި ބޭނުންކުރާ ވިހަ ގޭސް މަދުކުރުމަށާއި ދެމެހެއްޓެނިވި ގޮތެއްގައި ހަކަތައިގެ ދާއިރާ ކުރިއަރުވާ ޚަރަދު ކުޑަ ނިޒާމެއްގެ ތެރެއިން ޚިދުމަތް ފޯރުކޮށްދިނުމަށް މުއައްސަސާތަކުގެ ޒިންމާތައް މިޤާނޫނުގައިވަނީ ބަޔާންކޮށްފައެވެ.

މިޤާނޫނުގެ ދަށުން ރާއްޖޭގެ ޙަކަތައިގެ ދާއިރާގެ ރައްކާތެރިކަން ކަށަވަރުކުމުގެ އިތުރުން މިދާއިރާ އިތުރަށް ކުރިއަރުވަން ކަނޑައަޅަންޖެހޭ އުސޫލުތަކާއި ޤަވާއިދުތައް އެކުލަވާލުމަށްވެސް ޤާނޫނުގައިވަނީ ބަޔާންކޮށްފައެވެ. އެގޮތުން ހަކަތައިގެ ޚިދުމަތް ފޯރުކޮށްދޭ ފަރާތްތަކަށް ލައިސަންސް ދިނުމާބެހޭ އުސޫލާއި ރާއްޖެ ކާބަން ނެޓް ޒީރޯ ޤައުމަކަށް ހެދުމަށްޓަކައި ހަދާފައިވާ ޤާނޫނުތަކާއި ގަވާއިދުތަކުގައި ކަނޑައަޅާފައިވާ ލަނޑުދަނޑިތައް ޙާޞިލުކުރުމުގެ ގޮތުން އިއާދަކުރަނިވި ހަކަތައަށް ރާއްޖޭގެ ހަކަތައިގެ ދާއިރާ ބަދަލުކުރުމަށް އެކުލަވާލަންޖެހޭ ޕްލޭން އެކުލަވާލުމާއި ހަކަތައިގެ ވަސީލަތްތަކާ ޚިދުމަތްތަކަށް ޤަސްދުގައި ދޭ ގެއްލުމާއި އިހުމާލުގެ ސަބަބުން ލިބޭ ގެއްލުމާ ގުޅިގެން އެފަދަ ފަރާތްތަކާމެދު ފިޔަވަޅު އެޅޭނެ ނިޒާމެއް ޤާއިމުކުރުމަށްވެސް މިޤާނޫނުގައި ބަޔާންކުރެއެވެ.