ދުނިޔޭގެ ވިޔަފާރި

ނެޓްފްލިކްސްގެ އަމާޒު އެކި ބަސްތަކުގެ އުފެއްދުންތަކަށް!


މިއަހަރުގެ ތިންވަނަ ކުއާޓަރ ނިމިގެން ދިޔައިރު އޮންލައިން ސްޓްރީމިން މާކެޓުގައި ނެޓްފްލިކްސް ހިއްސާ ކުރަނީ އެންމެ 45.8 އިންސައްތަކަމަށް ޕެރޮޓް އެނެލިޓިކްސްގެ ރިޕޯޓުން ދައްކައިފިއެވެ.

ޒަމާންތަކެއް ވަންދެން އޮންލައިން ސްޓްރީމިން މާކެޓުގައި ރަސްކަން ކުރަމުން އައި ނެޓްފްލިކްސްއަށް މާކެޓް ހިއްސާ ގެއްލެން ފެށީ، މިމާކެޓަށް ގިނަ ކުންފުނިތަކުން ވަންނަން ފެށުމުންނެވެ. މިކަން ބޮޑުތަނުން އިތުރުވެގެން ދިޔައީ، ކޯވިޑާއިއެކު ސިނަމާތައް ބަނދުވެ ގޭގައި މީހުން މަޑުކުރަން މަޖުބޫރުވި ހިސާބުންނެވެ. އޭރު އެންޓެޓައިންމެންޓް ކުންފުނިތަކަށް ބޮޑުތަނުން ގެއްލުންވާން ފެށުމުން ކުންފުނިތަކުގެ އާމާޒަކަށްވީ އެފަރާތްތަކުގެ އުދެއްދުންތައް ގޭބީސީތަކާއި ހަމައަށް ފޯރުކޮށްދިނުމެވެ.

މިއަހަރުގެ 3 ވަނަ ކުއާޓާ ނިމުނު އިރު އޮންލައިން ސްޓްރީމިންގެ ދެވަނައަށް އެންމެ ބޮޑު ހިއްސާއެއް އޮތީ އެމެޒޯންގެ ޕްރައިމްވީޑިއޯއަށެވެ. އެމެޒޯންއިން %12.1 މިމާކެޓުގައި ނަގާފައިވާއިރު، ދެން އެންމެ ބޮޑު ހިއްސާއެއް އޮތީ ޑިސްނީ ކުންފުނީގެ ޑިސްނީ ޕްލަސްއެވެ. އެއީ މިމާކެޓުގެ %8.4 ހިއްސާއެވެ. އެޗްބީއޯ، ހޫލޫ، އަދި އެޕަލްއިންވެސް ސްރީމިންގ މާކެޓަށް ވަދެފައިވާއިރު ތަޖުރިބާކާރުން ދެކޭ ގޮތުގައި ނެޓްފްލިކްސް ހިއްސާ ކުރިއަށް އޮތްތަނުގައި މިއަށްވުރެވެސް ކުޑަވުން ގާތެވެ.

ނަމަވެސް ނެޓްފްލިކްސްއިން މިހާރު އަމާޒު ހިފާފައިވަނީ އަމިއްލަ އުފެއްދުންތައް ގިނަކޮށް، އެކި ބަސް ބަހުން ސީރީޒްތަކާއި ފިލްމުތައް އުފެއްދުމަށެވެ. އެގޮތުން މިފަހުން ކޮރެއާގެ މަޝްހޫރު ސްކުއިޑް ގޭމްސްއަކީ ނެޓްފްލިކްސްގެ މުޅި ތާރީޙުގައިވެސް އެންމެ މަޤުބޫލު ޝޯއަކަށް ވުމުގެ މަގުމަތީ އޮތް ޝޯއެކެވެ. މިއާއި ނެޓްފްލިކްސްގެ އަމާޒަކީ ދުނިޔޭގެ އެހެން ސަރަހައްދުތައްކަށް އެހެން ސްޓްރީމިންގ ޕްލެޓްފޯމްތަކަށްވުރެ އަވަހަށް ވާސިލުވެ، ފައިދާ ނެގުމެވެ. ނެޓްފްލިކްސްއިން މި އުސޫލުން މަސައްކަތް ކުރާކަން ހާމަވެގެންދާ އެންމެ ބޮޑު ހެއްކަކީ ހަމައެކަނި ކޮރެއަން ޝޯ ތަކަށްވެސް މިހާތަނަށް 1 ބިލިއަން ޑޮލަރު އެކުންފުނިން ހޭދަ ކޮށްފައިވުމެވެ.

ނެޓްފްލިކްސްގެ މި އަމާޒާއިއެކު ދުނިޔޭގެ މާކެޓުގައި އިނގިރޭސި ބަސް ނޫން ބަސް ބަހުގެ ފިލްމުތަކާއި ޝޯ ތަކަށް މިހާރު ލިބޭ ތަރުހީބު ބޮޑުތަނުން ވަނީ އިތުރު ވެފައެވެ. އަދި މިހާރުވެސް ނެޓްފްލިކްސް އިން އިންޑިއާ ކޮރެއާ، ޖަޕާން، ނައިޖީރިއާ ފަދަ ޤައުމުތަކުގެ އުފެއްދުންތަކަށް ދަނީ ޙަރަދު ކުރަމުންދެއެވެ. މިއީ ކުރިއަށް އޮތްތަނުގައި ވާދަވެރި މާކެޓެއްގައި ހިފެހެއްޓުމަށް ނެޓްފްލިކްސްއިން ގެންގުޅޭ އުކުޅެއް ކަމަށް ގިނަ ތަޖުރިބާކާރުން ދެކެވެ.