ވިޔަފާރި

ފަތުރުވެރިން ބައިތިއްބާ ތަންތަން ކްލެސިފައިކުރުމާއި ބެހޭގޮތުން މަޝްވަރާތަކެއް


ރާއްޖޭގައި ފަތުރުވެރިން ބައިތިއްބާ ތަންތަން ކްލެސިފައިކުރުމާއި ބެހޭގޮތުން މަޝްވަރާކުރުމަށް މަސައްކަތު ބައްދަލުވުމެއް ޓުއަރިޒަމް މިނިސްޓްރީން ބާއްވައިފިއެވެ.

ޓުއަރިޒަމް މިނިސްޓްރީން އިންތިޒާމުކޮށްގެން ބޭއްވި މި މަސައްކަތު ބައްދަލުވުމުގައި ފަތުރުވެރިކަމުގެ ދައިރާގައި ހަރަކާތްތެރިވާ އެސޯސިއޭޝަންތަކާއި، މިނިސްޓްރީތަކާއި، އިދާރާތަކާއި އަދި މުޢައްސަސާތަކުން ވަނީ ބައިވެރިވެފައެވެ. މިމަސައްކަތު ބައްދަލުވުން ހުޅުވައި ދެއްވަމުން ޓުއަރިޒަމް މިނިސްޓަރ، ޑރ. އަބްދުﷲ މައުސޫމް ވިދާޅުވީ ފަތުރުވެރިކަމުގެ ކުރިމަގު ފަހިކުރުމަށް މުޅި ނިޒާމުގެ ކްލެސިފިކޭޝަން ސިސްޓަމެއް ޤާޢިމުކުރުން މުހިންމު ވެފައިވާކަމަށެވެ.

މިއީ ސަރުކާރުން 5 އަހަރަށް ތައްޔާރުކޮށްފައިވާ ސްޓްރެޓީޖިކް އެކްޝަން ޕްލޭންގެ ދަށުން، ލޯކަލް ޓުއަރިޒަމް ކުރިއަރުވައި ހަރުދަނާ ކުރުމަށާއި، ފަތުރުވެރިން ބައިތިއްބާ ތަންތަން ކްލެސިފައި ކުރުމަށް ޤާނޫނީގޮތުން ކުރަން ޖެހޭ ކަންކަން ކުރުމުގެ ކުރިން ބޭއްވި މަސައްކަތު ބައްދަލުވުމެކެވެ. މިމަސައްކަތު ބައްދަލުވުމުގައި، ފަތުރުވެރިން ބައިތިއްބާ ތަންތަނަށް ގަނޑުކޮށް ކިޔާ ނަންތައް ނުވަތަ ބަހާތަކާއި ގުޅޭ ގޮތުން މަޝްވަރާކޮށް ދުނިޔޭގެ އެހެން ޤައުމުތަކުގައި މިފަދަ ތަންތަން ގަނޑުކޮށް ނަންކުރުމުގައި ގެންގުޅޭ އުސޫލަށް ވަނީ އަލިއަޅުވާލާފައެވެ.

ހަމައެއާއި އެކު، ރާއްޖޭގެ ފުޅާ ދައިރާއެއްގައި ކުރަމުން ގެންދާ ވަން އައިލޭންޑް ވަން ރިޒޯޓު ކޮންސެޕްޓަށް ކީދާނެ ނަމަކާއި، އަދި މީހުން ދިރިއުޅޭ ރަށެއްގައި ފަތުރުވެރިކަން ތަރައްޤީކުރާއިރު ގެންގުޅޭ އިންޓަގްރޭޓެޑް ޓުއަރިޒަމްއަށް ވަކި ނަމެއް ކިއުމާއި ގުޅޭގޮތުން ވެސް މަޝްވަރާ ކުރެވުނެވެ. އަދި މުސްތަޤުބަލުގައި އަތުވެދާނެ ޕްރޮޑަކްޓުތަކަށް ބޭނުން ކުރެވިދާނެ ބަހާތަކާއި މެދު ބައިވެރިންގެ ހިޔާލު ހޯދައި މަޝްވަރާ ކުރެވުނެވެ.

ޓުއަރިޒަމް މިނިސްޓްރީން ވިދާޅުވީ މިމަސައްކަތު ބައްދަލުވުމުގެ ތެރެއިން، ރާއްޖެއަށް މިހާރު ތަޢާރަފުކުރުމަށް މަސައްކަތް ކުރަމުންދާ ހޯމް ސްޓޭއި ޓުއަރިޒަމްގެ ތެރޭގައި އަމަލުކުރާނެ އުސޫލުތަކާއި މެދުވެސް މަޝްވަރާ ކުރެވިގެން ދިޔަ ކަމަށެވެ. ހޯމް ސްޓޭ ޓުއަރިޒަމް މިއަންނަ އަހަރު ޖެނުއަރީމަހު ފެށުމަށް ސަރުކާރުން ވަނީ ނިންމާފައެވެ.

ރާއްޖޭގައި މިވަގުތު ފަތުރުވެރިކަމުގެ ދައިރާގައި ގިނަ ބާވަތްތަކެއް ބޭނުން ކުރެވިގެންދާއިރު، ދައިރާގައި މައިގަނޑު ގޮތެއްގައި ބޭނުން ކުރަމުންދަނީ 4 ޕްރޮޑަކްޓެކެވެ. އެއީ ހޮޓެލް، ގެސްޓްހައުސް، ރިޒޯޓު އަދި ލިވަބޯޑެވެ. ނަމަވެސް މި ބާވަތްތަކަށް ގަނޑުކޮށް ކިޔާނެ ނަމެއް މިހާތަނަށް ކަނޑައެޅިފައެއް ނެތެވެ.