ޚަބަރު

ނަފްސާނީ ބަލިތަކަށް ފަރުވާދެއްވާ ބޭފުޅުންގެ ކޯޑު އޮފް އެތިކްސް ގާއިމްވެ އަމަލުކުރުން މުހިންމު: ފަޒްނާ


ނަފްސާނީ ބަލިތަކަށް ފަރުވާދެއްވާ ބޭފުޅުންގެ ކޯޑު އޮފް އެތިކްސް ވީ އެންމެ އަވަހަކަށް ޤާއިމުކުރެއްވުމަށް ކަމާބެހޭ ފަރާތްތަކަށް ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން ފަޒްނާ އަޙްމަދު ގޮވާލައްވާފައެވެ. އެކަމަނާ މިކަމަށް ގޮވާލެއްވީ ވިލާ ކޮލެޖްގެ ސައިކޮލޮޖީ އެސޯސިއޭޝަން އިފްތިތާޙްކޮށްދެއްވުމުގެ ހަފްލާގައި ވާހަކަދައްކަވަމުންނެވެ.

ވިލާ ކޮލެޖުގެ ފަރާތުން އިންތިޒާމުކޮށްގެން ނަފްސާނީ ދުޅަހެޔޮކަމުގެ ދުވަސް ފާހަގަކުރުމުގެ ގޮތުން ބޭއްވެވި ޙަފްލާގައި ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން ފަޒްނާ އަހުމަދުވަނީ އެކޮލެޖްގެ ސައިކޮލޮޖީ އެސޯސިއޭޝަން އިފްތިތާޙްކޮށްދެއްވާފައެވެ.

މިއަދު މިއަދު ހަވީރު ވިލާ ކޮލެޖުގެ ހޯލުގައި ކުރިއަށްދިޔަ މި ޙަފްލާގައި ވާހަކަ ދައްކަވަމުން ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން ވަނީ ނަފްސާނީ ޚިދުމަތްދެއްވާ ފަރާތްތަކުން އެ ޚިދުމަތްދިނުމުގައި އެތިކްސްގައި ހިފެހެއްޓެވުމަށާއި، އޭގެ ސްޓޭންޑަރޑް ކޮމްޕްރަމައިޒް ނުކުރެއްވުމަށް އެދި ވަޑައިގެންފައެވެ.

މި މޭރުމުން ވާހަކަފުޅު ކުރިއަށް ގެންދަވަމުން އެކަމަނާ ވަނީ ނެޝަނަލް މެންޓަލް ހެލްތު ސްޓްރެޓިޖިކް ޕްލޭން 2016 – 2021ގައި ވާގޮތުގެ މަތީން ނަފްސާނީ ބަލިތަކަށް ފަރުވާދެއްވާ ބޭފުޅުންގެ ކޯޑު އޮފް އެތިކްސް ކަމާބެހޭ ފަރާތްތަކުން ވީ އެންމެ އަވަހަކަށް ޤާއިމުކުރެއްވުމަށް ގޮވާލައްވާފައެވެ. އަދި އެކަމަނާ ވަނީ ކޯޑް އޮފް އެތިކްސް ޤާއިމުވެ އެއަށް ޢަމަލުކުރަން ފެށުމުގެ މުހިންމުކަމުގެ މައްޗަށް އަލިއަޅުއްވާ ވާހަކަދައްކަވާފައެވެ.

މި ޙަފްލާގައި ވާހަކަ ދައްކަވަމުން ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން ވަނީ ރާއްޖޭގައިވެސް ނަފްސާނީ ބަލިމަޑުކަން ތަޙައްމަލުކުރަމުންދާ މީހުން އިތުރުވަމުންދާކަން ފާހަގަކުރައްވާފައެވެ. އަދި އެކަމަނާ ވަނީ މިކަމަށް ޙައްލު ހޯދުމަށް ހުރިހާ މުއައްސަސާތަކުން ގުޅިގެން މަސައްކަތްކުރުމަށް އެދިވަޑައިގެންފައެވެ. އަދި ހުރިހާ ފަރާތްތަކުންވެސް އިޙްސާންތެރިވުމުގެ ސިފައަށަގެންނެވުމަށް އެކަމަނާ ބާރުއެޅުއްވިއެވެ. އަދި އެކަމުގެ ސަބަބުން މުޅި މުޖުތަމަޢަށް ލިބިގެންދާނެ ފައިދާތަކަށާއި އެކަމުގެ މުހިންމުކަމުގެ މައްޗަށް މި ޙަފްލާގައި އެކަމަނާ އަލިއަޅުއްވާލެއްވިއެވެ.

މިއަދުގެ ޙަފްލާގައި ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން ވަނީ ވިލާ ކޮލެޖުން އިސްނަގައިގެން ސައިކޮލޮޖީ އެސޯސިއޭޝަނެއް އެކޮލެޖުގައި ޤާއިމުކުރުމުން އެކަމަށް ތަޢުރީފުކުރައްވާފައެވެ. އެގޮތުން އެކަމަނާ ވަނީ ކޮލެޖުގެ ސްޓްރެޓީޖިކް ޕްރަޔަރަޓީއަކަށް ނަފްސާނީ ދުޅަހެޔޮކަންވެ ކޮލެޖުގެ މުސްތަޤްބަލު ބިނާކުރުމުގައި ނަފްސާނީ ދުޅަހެޔޮކަން އިސް ދައުރެއް އަދާކުރުމަށް އެކަމަނާ އެދިވަޑައިގަންނަވާކަމަށާ، އަދި އޭގެ ސަބަބުން ނަފްސާނީ ދުޅަހެޔޮކަމަށް މަސައްކަތްކުރާ ލީޑިންގ ކޮލެޖަށް ވިލާ ކޮލެޖު ވެގެން ދިއުމަށް ވެސް އެދިވަޑައިގަންނަވާކަމުގައި ވިދާޅުވެފައެވެ.

ވިލާ ކޮލެޖުގެ ސައިކޮލޮޖީ އެސޯސިއޭޝަން އުފެއްދެވުމުގެ މަޤްޞަދުތަކުގެ ތެރޭގައި ވިލާކޮލެޖުގެ ފަރާތްތަކަށާއި، މުޖުތަމަޢުގެ ފަރާތްތަކަށް ބޭނުންވާ ނަފްސާނީ ދުޅަހެޔޮކަމަށް އެހީތެރިކަން ފޯރުކޮށްދިނުން ހިމެނެއެވެ.