ޚަބަރު

ސީނިއަރ ޕޮލިސީ އެގްޒެކްޓިވްގެ މަޤާމް އުފައްދަވައިފި


ރައީސުލްޖުމްހޫރިއްޔާ، ސީނިއާ
ޕޮލިސީ އެގްޒެކެޓިވްގެ ނަމުގައި މަޤާމެއް އުފައްދަވައިފިއެވެ.

ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ ތަރުޖަމާނު އިބްރާހިމް މުއާޒް އަލީ ވިދާޅުވީ، ސީނިއަރ ޕޮލިސީ އެގްޒެކެޓިވްގެ ނަމުގައި މަޤާމެއް އުފެއްދެވުމަށްފަހު އެމަޤާމަށް ޑެޕިއުޓީ މިނިސްޓަރުންގެ
ތެރޭގައި ހިމެނޭ ގިނަ ބޭފުޅުން ބަދަލުކުރައްވާފައިވާކަމަށެވެ.

މުއާޒް ވިދާޅުވީ އެމަޤާމު އުފެއްދެވުމުގެ ބޭނުމަކީ، އެމަޤާމުތަކުގައި ތިއްބަވާ ބޭފުޅުން ސަރުކާރުގެ
ޕޮލިސީ ލެވެލްގައި މަސައްކަތްތައް ކުރެއްވުންކަމަށެވެ. އަދި މިމަޤާމުތައް އުފެއްދެވި ނަމަވެސް ސަރުކާރުގެ ސިޔާސީ މަޤާމުތަކުގެ އަދަދު އިތުރުވެގެން ނުދާނޭކަމަށް މުއާޒް ވިދާޅުވިއެވެ. 

" މިބަދަލުގެ ސަބަބުން ސިޔާސީ އެޕޮއިންޓީސްގެ އަދަދަކަށް ބަދަލެއް ނާންނާނެ، ކުރީގަ ޑެޕިއުޓީ މިނިސްޓަރގެ މަޤާމުގައި ތިއްބެވި ގިނަ ބޭފުޅުން ރައީސުލްޖުމްހޫރިއްޔާ މިއަދު ވަނީ އެ މަޤާމަށް ބަދަލުކުރައްވާފައި، މުސާރައާއި އިނާޔަތްތައްވެސް ހަމަ އެ ފެންވަރުގަ " މުއާޒް ވިދާޅުވިއެވެ.

މުއާޒް ވިދާޅުވީ ރައީސުލްޖުމްހޫރިއްޔާ ގެންނެވި ބަދަލާ ގުޅިގެން ބަދަލުތަކެއް އަންނާނީ ހަމައެކަނި ސަރުކާރުގެ ވުޒާރާތަކުގެ ހިންގެވުމަށް އެކަމަށާއި، މިމަޤާމު އުފެއްދެވުމުގެ ސަބަބުން މަޤާމުގެ މަސްއޫލިއްޔަތުތައް އިތުރަށް ޚާއްސަ ވެގެންދާނެކަމަށެވެ.