ކުޅިވަރު

ލަންކާ ބަލިކޮށް ރާއްޖެ ފައިނަލްގެ އުންމީދު ބޮޑުކޮށްފި


އުރީދޫ ސާފް ޗެންޕިއަންޝިޕްގައި މިއަދު ހަވީރު ގަލޮޅު ދަނޑުގައި ރާއްޖެއާއި، ސްރީލަންކާ ވާދަކުރި މެޗުގައި ރާއްޖޭގެ އިތުބާރު ފޯވާޑު ޢަލީ އަޝްފާޤު ޖެހި ގޯލާއެކު ލަންކާ ބަލިކޮށް ރާއްޖެއިން މުބާރާތުގެ ފައިނަލަށް ދިއުމުގެ އުންމީދު ބޮޑުކޮށްފިއެވެ.

މިމެޗުން މޮޅުވުމާއެކު ރާއްޖެވަނީ އެއްވަނައިގައި އޮތް ނޭޕާލާއި ޕޮއިންޓްގެ ގޮތުން ހަމަހަމަ ކޮށްފައެވެ. މިއަދުގެ މެޗުގއި ރާއްޖެއިން ޖެހި ހަމަ އެކަނި ގޯލް މެޗުގެ ވަރަށް ކުރީކޮޅު ކާމިޔާބު ކޮށްދިނީ ޢަލީ އަޝްފާޤުއެވެ. މިލަނޑަށްފެހުވެސް ރާއްޖެއަށްވަނީ ހުސްކޮށް ގިނަ ފުރުސަތުތަކެއް ލިބިފައެވެ.

މެޗުގައި ރާއްޖޭގެ ފޯވާޑުލައިނުގައި ކުޅުނު ޢަލީ އަޝްފާޤު، ޢަލީ ފާސިރު، ހަމްޒާއަށް ގިނަ ފުރުސަތުލިބި ބޭކާރުވިތަން މެޗުގައި ފެނުނެވެ. މެޗުގެ ފުރަތަމަ ހާފުގެ ފަހުބައިގައި ލަންކާއިން ވަނީ ގޯލެއްޖެހުމަށް މަސައްކަތްކޮށް ހަމަލާތަކެއް އުފައްދާފައެވެ. ނަމަވެސް ލަންކާއަށް މިހާފުގައި ގޯލަށް އަމާޒުކޮށް މާނުރައްކާތެރި ހަމަލާއެއް ފޮނުވާލެވިފައިނުވެއެވެ.

މިމެޗުގެ ފުރަތަމަ ހާފުގައި ރާއްޖޭގެ ކީޕަރު ފައިސަލްއަށް ވަނީ އަނިޔާވެގެން ބަދަލުކޮށްފައެވެ. ނަމަވެސް އޭނާއަށް ލިބިފައިވަނީ ކިހާ ސީރިއަސް އަނިޔާއެއްކަމެއް އަދި ނޭނގެއެވެ. މިމެޗުގައި ރާއްޖެއިން އުފެއްދި 4 ހަމަލާއެއް ވަނީ ގޯލު ދަނޑިއަށް އަމާޒުވެފައެވެ. ރާއްޖެއަށް މިމެޗުގައި ލަންކާ ކޮޅަށް ގިނަ ގޯލްތަކެއް ޖެހުމުގެ ތަނަވަސް ފުރުސަތުތަކެއް ލިބުނު ނަމަވެސް ރާއްޖެއަށް ގިނަ ހަމަލާތައް ގޯލަކަށް ބަދަލުކޮށްލެވިފައިނުވެއެވެ.

މެޗުގެ ދެވަނަ ހާފުގައި ރާއްޖެއިން ވަނީ އަޝްފާގާއި، ހަމްޒާވެސް ބަދަލުކޮށްފައެވެ. ބަދަލު ކުޅުންތެރިންގެ ގޮތުގައި ކުޅެން ނިކުތް ރާއިފަށްވެސް މެޗު ނިމެން 3 މިނިޓަށް ވެފައި ވަނިކޮށް ހުސް ފުރުސަތެއް ލިބިފައިވެއެވެ. ނަމަވެސް އޭނާ ފޮނުވާލި ބޯޅަ ދިޔައީ ގޯލު ދަނޑިމަތިން ބޭރަށެވެ. މިމެޗުން ރާއްޖެ މޮޅުވުމާއެކު މުބާރާތުގެ ފައިނަލަށް ދިއުމުގެ އަމިއްލަ ބާރު ރާއްޖެއަށް ވަނީ ލިބިފައެވެ. މިމަހުގެ 13 ވަނަ ދުވަހުގެރޭ އިންޑިއާއާއި ދެކޮޅަށް ކުޅޭ މެޗުން މޮޅުވެ ރާއްޖެއަށް މުބާރާތުގެ ފައިނަލަށް ދިއުމުގެ ފުރުސަތު ވަނީ ބޮޑުވެފައެވެ.

މިމުބާރާތުގައި މިރޭވެސް ފޯރިގަދަ މެޗެއް ކުޅެވޭނެއެވެ. މިރޭގެ މެޗުގައި ބައްދަލުކުރާނީ، އިންޑިއާއާއި، ނޭޕާލްއެވެ. މިމެޗުން ބަލިވެއްޖެނަމަ އިންޑިއާއަށް މުބާރާތުގެ ފައިނަލަށް ދިއުމުގެ ފުރުސަތު ގެއްލޭނެއެވެ.