ދުނިޔެ

ކަރަންޓީނު ވުމަކާ ނުލައި 8 ޤައުމެއްގެ ރައްޔިތުންނަށް ސިންގަޕޫރަށް!


ކަރަންޓީނު ވުމަކާ ނުލައި 8 ޤައުމެއްގެ ރައްޔިތުންނަށް ސިންގަޕޫރަށް ދެވޭގޮތް ހަމަޖައްސާފައިވާކަމަށް އެޤައުމުގެ ސަރުކާރުން ހާމަކުރައްވައިފިއެވެ.

މިއީ ކޯވިޑާ ގުޅިގެންއ ސިންގަޕޫރުގައި އަޅާފައިވާ ފިޔަވަޅުތަކަށް ލުއިދިނުމުގެ ތެރއިން ނިންމާފައިވާ ނިންމުމެކެވެ. ސިންގަޕޫރުން ކޯވިޑް ފިޔަވަޅުތައް ލުއިކުރަނީ، ޔޫކޭ، އެމެރިކާ ކެނެޑާ، ޑެންމާކް، ފްރާންސް، އިޓަލީ، ނެދަލޭންޑްސް، އަދި ސްޕެއިނަށެވެ. މި ޤައުމުތަކުން ކޯވިޑް ވެކްސިން ފުރިހަމަކޮށްފައިވާ މީހުންނަށް ކަރަންޓީނު ވުމަކާ ނުލައި ސިންގަޕޫރަށް ދެވޭނެއެވެ. ސިންގަޕޫރު ސަރުކާރުން ހާމަކުރައްވާފައިވާ ގޮތުގައި، މިޤައުމުތަކުން ވެސް ވަނީ މިފުރުސަތު ސިންގަޕޫރަށް ފަހި ކޮށްދެއްވާފައެވެ. އަދި ކުރިއަށް އޮތް ދުވަސްތަކުގައި ލިސްޓު ފުޅާ ކުރައްވާނެކަމަށް ސަރުކާރުން ވަނީ ހާމަކުރައްވާފައެވެ.

ސިންގަޕޫރުގެ ބޮޑުވަޒީރު ލީ ސިއެން ލޯންގް ވަނީ އެޤައުމު އައު ޢާންމު ޙާލަތަށް ދާން ތައްޔާރަށް އޮތްކަމަށް ދާދި ފަހުން ވިދާޅުވެފައެވެ. އެގޮތުން އަދި 3 މަހާއި 6 މަހާ ދެމެދުގެ މުއްދަތެއް މިކަމަށް ހޭދަވާނެކަމަށް ބޮޑުވަޒީރު ދެކެވަޑައިގަންނަވައެވެ.

މިހާރު ސިންގަޕޫރުގެ އެތެރޭގައި އަޅާފައިވާ ފިޔަވަޅުތަކަށް ވެސް ލުއި ދިނުމުގެ ބަލީގެ ކޭސްތަކަށް އަންނަ ބަދަލުތަކަށް ބަލާނެ ކަން ވަނީ ހާމަކުރއްވާފައެވެ. މީގެ އިތުރުން ވެކްސިން ނުޖަހާ މީހުންނަށް ޤައުމުގައި ޢާންމު ތަންތަން ބޭނުން ކުރުމުގައި އިތުރު ފިޔަވަޅުތަކެއް އަޅާނެކަމަށް އެޤައުމުގެ ސަރުކާރުން ވަނީ ހާމަކުރައްވާފައެވެ.

ކޯވިޑް ޕެންޑެމިކް ފެށުނީއްސުރެ ސިންގަޕޫރުން ގެންގުޅެމުން އައީ "ޒީރޯ ކޯވިޑް" ސިޔާސަތެވެ. ނަމަވެސް އެޤައުމުގެ އާބާދީގެ %80އަށް ވެކްސިން ދެވުމާއެކު އަޅާފައިވާ ގިނަ ފިޔަވަޅުތަކަށް ލުއިދޭން ވަނީ ފަށާފައެވެ. އެގޮތުން، މިހާތަނަށް %83 މީހުންނަށް ވެކްސިން ދެވިފައިވެއެވެ. ލުއިތަކާއެކު ދުވާލަކު އެޤައުމުން ޕޮޒިޓިވްވާ މީހުންގެ ޢަދަދު 3000އިން މައްޗަށް އަރައިގެން ދިޔައެވެ.