ކުޅިވަރު

ގައުމީ ޓީމް މެލޭޝިޔާގައި ކުޅުނު ފުރަތަމަ މެޗުން ބަލިވެއްޖެ


ސާފް ސުޒުކީ ކަޕަށް ތައްޔާރުވުމަށް ގައުމީ ޓީމް މެލޭޝިޔާގައި ކުޅުނު ފުރަތަމަ މެޗުން ބަލިވިޔަސް ކުޅުންތެރިންނާއި މެދު އެއްވެސް ޝަކުވާއެއް ނެތްކަމަަށް ގައުމީ ޓީމުގެ ކޯޗް ރިކީ ހާރބާޓް ބުނެފިއެވެ. މެލޭޝިޔާގައި އެއްވެސް ފަރިތަކުރުމެއް ކުރިއަށް ނުގެންގޮސް ރޭ ކުޅުނު ފުރަތަމަ މެޗުން ދިވެހި ޓީމް ބަލިވީ މެލޭޝިއާގެ ޕްރިމިއަރ ލީގުގެ ޔޫ.އައި.ޓީ.އެމް ޓީމާއި ވާދަކޮށް ފަހެއް އެކެއްގެ ނަތީޖާއަކުންނެވެ. މި މެޗުގައި ދިވެހި ޓީމުން ޖެހި ދެ ލަނޑު ދެވަނަ ހާފްގައި ޖަހައިދިނީ އަލީ ފާސިރު އަދި ޔަސްފާދު ހަބީބެވެ. ރޭގެ މެޗުގެ ދެ ހާފްގައި ކޯޗް ރިކީ ހާރބާޓް ބޭނުންކޮށްފައިވަނީ ތަފާތު ދެ އެގާރަ ކުޅުންތެރިންނެވެ.މެޗަށް ފަހު ގައުމީ ޓީމްގެ ކޯޗް ރިކީ ހާރބާޓް ބުނީ މާލޭގައި ކުރިއަށްދިޔަ ވަރުގަދަ ތަމްރީންތަކަށްފަހު ޓީމު ދިގު ދަތުރެއް ނިންމާލާފައި އައިސް މިރޭގެ މެޗުގައި ދެއްކި ކުޅުމާއި މެދު ވަރަށް ހިތްހަމަ ޖެހޭކަމަށެވެ. ވަރުބަލި ކަންމަތީގައިވެސް ހުރިހާ ކުޅުންތެރިން ވަރަށް މަސައްކަތްކުރިކަމަށާއި، މެޗުން ބަލިވެފައިއޮތަސް ހުރިހާ ކުޅުންތެރިން ހިތްވަރު އެލުވާނުލާ ކުޅުނުތަން މިއަދުގެ މެޗުން ފެނުނުކަމަށް ކޯޗް ފާގަހަކުރިއެވެ. "ވަރަށް ހިތްހަމަޖެހޭ ކުޅުންތެރިން ދެއްކި ހިތްވަރަށް، މާލޭގައި ވަރުގަދަ ތަމްރީންތަކެއް ކުރީ، އަނެއްކޮޅުން ދަތުރުގެ ވަރުބަލިކަންވެސް ކުޅުންތެރިންގެ ކިބައިން ފެނުނު، މެޗުން ބަލިވިޔަސް އަހަރެން މިހިރީ ހިތްހަމަޖެހިގެން" ހާރބާޓް ބުންޏެވެ.ކޯޗް ހާރބާޓް ބުނީ ޓީމުގައި ތިބި ޒުވާން ކުޅުންތެރިންނަށް މިހާރު ބޭނުންވަނީ ވާދަވެރި މެޗުތަކުގައި ކުޅުމުގެ ފުރުސަތުކަމަށާއި، މި ޓްރެއިނިންގ ކޭމްޕްގައި އެ ކުޅުންތެރިންނަށް އޭނާ ފުރުސަތު ދޭނެކަމަށެވެ. އަދި ފުރުސަތުތަކުގެ ބޭނުން ހިފައި ރަނގަޅު ކުޅުމެއް ދައްކާ ކުޅުންތެރިންނަށް ސާފް ސުޒުކީ ކަޕްގެ ފައިނަލް ސްކޮޑުން ފުރުސަތު ދޭން އޭނާ ޖެހިލުން ނުވާނެކަމަށްވެސް ކޯޗް ރިކީ ހާރބާޓް ބުންޏެވެ. "ފުރުސަތު އަދި ތަޖުރިބާ މިހާރު ޒުވާން ކުޅުންތެރިންނަށް ބޭނުންވަނީ، އަހަންނަށް ޔަގީން މި ކުޅުންތެރިން ސީނިއާ ކުޅުންތެރިންނަށް ވަރަށް ފައިޓް ދޭނެ ފައިނަލް ސްކޮޑުން ޖާގަ ހޯދަން" ކޯޗް ފާހަގަކުރިއެވެ.ސާފް ސުޒުކީ ކަޕަށް ތައްޔާރުވުމަށް ގައުމީ ޓީމް މެލޭޝިޔާގައި ކުރިއަށް މިގެންދާ ތަމްރީންތަކުގައި މާދަމާވެސް މެޗެއް ކުޅުމަށްވަނީ ހަމަޖެހިފައެވެ.