ވިޔަފާރި

އޮގަސްޓް މަހުގެ ނިޔަލަށް 541 މިލިއަން ރުފިޔާ، މަސްވެރިންނަށް ދޫކޮށްފި


މިއަހަރުގެ އޮގަސްޓް މަހުގެ ނިޔަލަށް މަސްވެރިންނަށް 541 މިލިއަން ރުފިޔާ ދޫކޮށްފައިވާކަމަށް ފިޝަރީޒް މިނިސްޓްރީން ވިދާޅުވެއްޖެއެވެ. މިއަހަރަކީ މިފްކޯއަށް އެންމެ ގިނަ މަސްކިރާނެ އަހަރުކަމަށްވެސް ވަނީ ލަފާކޮށްފައެވެ. ފާއިތުވެދިޔަ 2 އަހަރާ އަޅާބަލާއިރު މިއަހަރުގެ އޮގަސްޓް މަހުގެނިޔަލަށް މިފްކޯއަށް ކިރާފައިވާ މަހުގެ ޢަދަދުވެސް ވަނީ އިތުރުވެފައެވެ.

ތަފާސްހިސާބުތައް ދައްކާގޮތުން މިއަހަރުގެ އޮގަސްޓް މަހުގެ ނިޔަލަށް މިފްކޯއަށް މުޅި ޖުމްލަ 35،203 މެޓްރިކް ޓަނުގެ މަސްވަނީ ކިރާފައެވެ. އަދި މަސްވެރިންނަށް 541 މިލިއަން ރުފިޔާ ވަނީ ދޫކޮށްފައެވެ.

2020ވަނަ އަހަރުގެ ޖރނުއަރީ މަހުން ފެށިގެން ޑިސެމްބަރ މަހުގެ ނިޔަލަށް މިފްކޯއަށް ކިރާފައިވަނީ 49،392 މެޓްރިކް ޓަނުގެ މަހެވެ. އަދި އެއަހަރުގެ ތެރޭގައި މަސްވެރިންނަށް ދޫކޮށްފައިވާ ފައިސާގެ ޢަދަދަކީ 879 މިލިއަން ރުފިޔާއެވެ.

2019ވަނަ އަހަރަށް ބަލާއިރު އެއަހަރުގެ ތެރޭގައި 48،495 މެޓްރިކް ޓަނުގެ މަސްވަނީ ކިރާފައެވެ. އަދި މަސްވެރިންނަށް ދޫކުރި ފައިސާގެ އަދަދު އުޅެނީ 903 މިލިއަން ރުފިޔާގައެވެ.

މިއަހަރުގެ އޮގަސްޓް މަހުގެ ނިޔަލަށް އެއް މަހެއްގައި އެންމެ ގިނަ މަސް މިފްކޯއަށް ކިރާފައިވަނީ އޭޕްރީލް މަހުގެ ތެރޭގައެވެ. އެމަހުގެ ތެރޭގައި 6490 މެޓްރިކް ޓަނުގެ މަސްވަނީ ކިރާފައެވެ. 2020ވަނަ އަހަރާ އަޅާބަލާއިރު މިއަހަރުގެ މާރޗް މަހާއި ޖުލައި މަހު ފިޔަވައި އެހެން ހުރިހައި މަހެއްގައިވެސް ކިރާފައިވާ މަހުގެ އަދަދު މިދިޔަ އަހަރާއި އަޅާބަލާއިރު އިތުރެވެ.

ފިޝަރީޒް މިނިސްޓްރީން ވިދާޅުވީ، ސަރުކާރުގެ ސިޔާސަތަކީ މަސްވެރިންގެ އަތުން މަސް ގަތުމަށްފަހު ދޭންޖެހޭ ފައިސާ ވަގުތުން ދެވޭނެ އިންތިޒާމެއް ހަމަޖެއްސުމެވެ. ނުވަތަ ގިނަވެގެން އެއް ހަފްތާގެ ތެރޭގައި މަސްވެރިންނަށް ފައިސާ ހަވާލުކުރުމެވެ. މިދިޔަ އަހަރުގެ ސެޕްޓެމްބަރު މަހުން ފެށިގެން މަސްވެރިންނަށް ހަފްތާއަކު 1 ފަހަރު ފައިސާދެވޭގޮތައް މިހާރު ވާނީ ހަމަޖެހިފައިކަމަށްވެސް އެމިނިސްޓްރީން ވިދާޅުވެއެވެ.

މީގެއިތުރުން ރާއްޖޭގެ އެކި ހިސާބުތަކުގައި ތިބޭ މަސްވެރިން ބާނާ މަހަށް ނަގުދު ފައިސާއިން އަގު ދިނުމުގެ ބަދަލުގައި އޮންލައިންކޮށް ޓްރާންސްފަރ ކުރުމަށްވެސް ވަނީ ފަށާފައެވެ. މީގެ ސަބަބުން ހަމައެކަނި ފައިސާ ބަލައި ދަތުރު ހަދައިގެން އަންނަން ނުޖެހި މަސްވެރިންނަށް ފަސޭހަވެގެން ދާނެއެވެ.