ވިޔަފާރި

އެއަރ އަސްތާނާއިން ރާއްޖެއަށް އަލުން ދަތުރުތައް ފަށައިފި


ކަޒަކިސްތާނުގެ ޤައުމީ އެއަރލައިން، އެއަރ އަސްތާނާގެ ދަތުރުތަށް ރާއްޖެއަށް އަލުން ފަށައިފިއެވެ.

އެއަރ އަސްތާނާއިން ރާއްޖެއަށް ހަފްތާއަކު 4 ދަތުރުކުރުމަށް ވަނީ ނިންމާފައެވެ. އެގޮތުން ކޮންމެ ހަފްތާއެއްގެވެސް އަންގާރަ، ބުރާސްފަތި، ހޮނިހިރު އަދި އާދިއްތަ ދުވަހު އެއަރލައިނުން ރާއްޖެއަށް ދަތުރުތަށް ބޭއްވުމަށް ވަނީ ތާވަލްކޮށްފައެވެ.

އެއަރ އަސްތާނާއިން މިދިޔަ އަހަރުގެ ޑިސެމްބަރުމަހުގެ ތެރޭގައިވެސް ވަނީ ރާއްޖެއަށް ދަތުރުތައް ބާއްވާފައެވެ. އެއީ އެ އެއަރލައިނުން ރާއްޖެއަށް ދަތުރުތައް ބޭއްވި ފުރަތަމަ ފަހަރެވެ. އެއިރު އެ އެއަރލައިނުން ރާއްޖެއަށް ދަތުރުތައް ބާއްވާފައިވަނީ ހަފްތާއަކު 3 ފްލައިޓެވެ.

ކަޒަކިސްތާން ވެފައިވަނީ ކޯވިޑާއި އެކު ރާއްޖެއަށް ފަތުރުވެރިން އަންނަ އަދަދު އިތުރުވެގެންދިޔަ ޤައުމަކަށެވެ. ޓޫރިޒަމް މިނިސްޓްރީގެ އެންމެ ފަހުގެ ތަފާސްހިސާބުތަށް ދައްކާގޮތުން މިމަހުގެ 5ވަނަ ދުވަހާއި ހަމައަށް ކަޒަކިސްތާނުން ރާއްޖެއަށްވަނީ 17714 ފަތުރުވެރިން އައިސްފައެވެ. މިއީ އެކު އެޤައުމުވެފައިވާ މި މުއްދަތުގައި ރާއްޖެއަށް ނުވަ ވަނައަށް އެންމެ ގިނަ ޢަދަދަކަށް ފަތުރުވެރިން އައި ޤައުމަށެވެ.

ކަޒަކިސްތާނުން ރާއްޖެއަށް އަންނަ ފަތުރުވެރިން އިތުރުކުރުމަށް މޯލްޑިވްސް މަރކެޓިންގ އެންޑް ޕަބްލިކް ރިލޭޝަންސް ކޯރޕަރޭޝަން (އެމްއެމްޕީއާރުސީ)އިން ވަނީ މިއަހަރުގެ ތެރޭގައި އެއަރ އަސްތާނާއާ ގުޅިގެން ކެމްޕެއިނެއްވެސް ކުރިއަށްގެންގޮސްފައެވެ. މި ކެމްޕެއިންގެ މަގުސަދަކީ ރާއްޖެއަކީ ރައްކާތެރި މަންޒިލެއްގެގޮތުގައި ކަޒަކިސްތާންގައި އިސްތިހާރުކޮށް އެޤައުމުން ރާއްޖެއަށް އަންނަ ފަތުރުވެރިން އިތުރުކުރުންކަމަށް އެމްއެމްޕީއާރުސީން ވަނީ ބުނެފައެވެ.