ވިޔަފާރި

އެކްސްޕޯ 2020އަށް ސަރުކާރުގެ އިސް ބައެއް ވެރިން ޒިޔާރަތްކުރައްވައިފި


އެކްސްޕޯ 2020ގެ ފުރަތަމަ ހަފްތާ ވަރަށް ކާމިޔާބުކަމަށް އިކޮނޮމިކް މިނިސްޓްރީން ވިދާޅުވެއްޖެއެވެ. ފުރަތަމަ ހަފްތާގެ ތެރޭގައި ރާއްޖޭގެ ޕެވިލިއަންއަށް ދިވެހި ސަރުކާރުގެ އިސް ބައެއް ބޭފުޅުން ވަނީ ޒިޔާރަތްކުރައްވާފައެވެ.

"ކަނެކްޓިންގ މައިންޑްސް، ކްރިއޭޓިންގ ދަ ފިއުޗަރ" މި ޝިއާރުގެ ދަށުން ކުރިއަށް ގެންދާ "އެކްސްޕޯ 2020 ދުބާއީ"ގެ އަމާޒަކީ، އިންގިލާބީ އީޖާދުތަކާއި ތަފާތު ޚިޔާލުތައް، އެއްތަނަކުން ދައްކުވައިދީ، މި ޚިޔާލާއި ވިސްނުމުގެ ތެރެއިން، އިންސާނިއްޔަތަށް ހެޔޮ ބަދަލުތަކެއް ގެނައުމަށް މަގުފަހި ކޮށްދިނުމެވެ. މިފަހަރު ބާއްވާ ވޯލްޑް އެކްސްޕޯ 2020، ޚާއްސަ ވެގެންދާ އެއް ސަބަބަކީ، މިއީ މިފަދަ އެކްސްޕޯއެއް، މެދުއިރުމަތީގައި ބޭއްވިގެންދާ ފުރަތަމަ ފަހަރެވެ.

އެކްސްޕޯ 2020، ދުބާއިގެ ފުރަތަމަ ހަފްތާ ނިމިގެން ދިޔައީ ވަރަށް ކުލަގަދަކޮށް އަދި ބޮޑެތި ޙަރަކާތްތަކަކާ އެކީގައެވެ. ދިވެހިރާއްޖޭގެ ޕެވީލިއަންއަށް ސަރުކާރު ވުޒާރާތަކުގެ އިސް ބޭފުޅުން ވަނީ ޒިޔާރަތް ކުރައްވާފައެވެ. އދ.ގެ ޖެނެރަލް އެސެމްބްލީގެ ރައީސް އަދި ދިވެހިރާއްޖޭގެ ފޮރިން މިނިސްޓަރ ޢަބްދުއްﷲ ޝާހިދުވަނީ ދިވެހިރާއްޖޭގެ ޕެވިލިއަންއަށް ޒިޔާރަތްކުރައްވައި ކޮންޓިންޖެންޓް ޓީމާ މުޚާތަބުކުރައްވައި ބައްދަލުކުރައްވާފައެވެ.

މިނިސްޓަރ އޮފް އެންވަރަންމެންޓް، ކްލައިމެޓް އެންޑް ޓެކްނޮލޮޖީ އާމިނަތު ޝައުނާވެސް ވަނީ ދިވެހިރާއްޖޭގެ ޕެވިލިއަންއަންއާއި އިޓަލީ ޕެވިލިއަންއަށް ޒިޔާރަތް ކުރައްވާފައެވެ. މިނިސްޓަރ ޝައުނާ ވަނީ "ގްރީން ކްލައިމެޓް" ފޯރަމްގައި ބައިވެރިވެލައްވާ ދިވެހިރާއްޖެ ތަމްސީލުކޮށްދެށްވާފައެވެ. އިޓަލީ ޕެވިލއަންގައި ވަނީ ދިވެހިރާއްޖޭގެ ހިތްގައިމު ކަނޑު އަޑީގެ މަންޒަރުތައް މޫދުބުޅާ ޑައިވް ސެންޓަރާ ގުޅިގެން ފ.އަތޮޅުން ލައިވްކޮށް ދައްކުވައިދީފައެވެ. އަދި މީގެ އިތުރުން ކޮރަލް ރެސްޓޮރޭޝަނާ ބެހޭ ޕޮރޮގްރާމެއްވެސްވަނީ ކުރިއަށް ގެންގޮސްފައެވެ.

ރައްޔިތުންގެ މަޖިލީހުގެ ރައީސް މުޙައްމަދުވެސް ވަނީ ދުބާއީއަށް ވަޑައިގެން އެކްސްޕޯ 2020،ގެ ދިވެހިރާއްޖޭގެ ޕެވިލިއަންއަށް ޒިޔާރަތް ކުރައްވާފައެވެ.

ދިވެހިރާއްޖޭގެ ޕެވިލިއަން ޤާއިމްކޮށްފައިވަނީ އެކްސްޕޯ 2020 ގެ ތިން ޑިސްރިކްޓްގެ ތެރެއިން، "ސަސްޓައިނަބިލިޓީ، މި ޑިސްޓްރިކްޓް"ގައެވެ. މި ޕެވިލިއަން މެދުވެރިކޮށް، ދިވެހިރާއްޖޭގެ ސަގާފީ ކުޅިވަރުތަކާއި ދިވެހި ޒުވާނުންގެ ރީތި މިއުޒިކީ ހަރަކާތްތަކާއި ސަގާފީ ނެޝުންތަކާއި ފަންނުވެރިކަން މުޅި ދުނިޔެއަށް ދައްކާލުމުގެ ފުރުސަތު ހުޅުވިގެން ދާނެއެވެ.

ދުނިޔޭގެ އެކި ކަންކޮޅުތަކުން އެކްސްޕޯ 2020އަށް ޒިޔާރަތް ކުރާނެކަމަށް ލަފާކުރެވިފައިވާ 25 މިލިއަން މީހުންގެ ތެރެއިން ގިނަބަޔަކަށް، ދިވެހިރާއްޖޭގެ މި ހަރަކާތްތަށް، ފެނިގެން ދިއުމަކީ މިނިސްޓްރީގެ އަމާޒެކެވެ.