ޚަބަރު

އދ.ގެ ޢާންމު މަޖިލީހުގެ ރައީސް، ރާއްޖެއިން ފުރާވަޑައިގެންފި


ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙްގެ ދަޢުވަތަކަށް، އދ.ގެ ޢާންމު މަޖިލީހުގެ 76 ވަނަ ސެޝަނުގެ ރައީސް، ނ.ޢ.ޢ.ވ ޢަބްދުﷲ ޝާހިދު، ދިވެހިރާއްޖެއަށް ކުރެއްވި 4 ދުވަހުގެ ރަސްމީ ދަތުރުފުޅު ނިންމަވާލެއްވުމަށްފަހު މިރޭ ފުރާވަޑައިގެންފިއެވެ. އދ.ގެ ޢާންމު މަޖިލީހުގެ ރައީސަށް ވެލާނާ އިންޓަރނޭޝަނަލް އެއަރޕޯޓުން އަލްވަދާޢު ވިދާޅުވީ، ރައީސުލްޖުމްހޫރިއްޔާ އޮފީހުގެ ޗީފް އޮފް ސްޓާފް، އަލްއުސްތާޛު ޢަލީ ޒާހިރެވެ.

އެމަނިކުފާނަށް ދިވެހި ސަރުކާރުން ވަނީ ރަސްމީގޮތުން މަރުޙަބާ ދަންނަވާފައެވެ. އަދި މި ދަތުރުފުޅުގެ ބައެއްގެ ގޮތުން ރައީސުލްޖުމްހޫރިއްޔާއާއެކު ރަސްމީ ވާހަކަތައް ބާއްވަވައި ނޫސްވެރިންގެ ބައްދަލުވުމުގައި އެމަނިކުފާނު ވަނީ ބައިވެރިވެވަޑައިގެންފައެވެ. އަދި ރައީސުލްޖުމްހޫރިއްޔާގެ ދެކަނބަލުން ވަނީ ޢަބްދުﷲ ޝާހިދުގެ ޝަރަފުގައި ރަސްމީ ޖާފަތެއް ދެއްވާފައެވެ.

މީގެ އިތުރުން މިއަހަރުގެ ޤައުމީ ދުވަހުގެ ރަސްމީ ޖަލްސާގައި ރައީސުލްޖުމްހޫރިއްޔާ ވަނީ ޢަބްދުﷲ ޝާހިދު ކޮށްދެއްވި ޤައުމީ ޚިދުމަތް ފާހަގަކުރުމުގެ ގޮތުން، ނިޝާން ޢިއްޒުއްދީނުގެ ޢިއްޒަތުގެ ވެރިކަމުގެ ލަޤަބު އަރުވާފައެވެ.

މި ދަތުރުފުޅުގައި ޝާހިދުވަނީ މިހާރު ކުރިޔަށްދާ ސާފް ޗެމްޕިއަންޝިޕް 2021ގައި، ރާއްޖެއާއި ބަންގްލަދޭޝް ބައްދަލުކުރި ފުޓްބޯޅަ މެޗު ބައްލަވާލައްވާފައެވެ.