ވިޔަފާރި

އިންކަމް ސަޕޯޓް އެލަވަންސްގެ ގޮތުގައި މަސްވެރިނަށް 39.3 މިލިއަން ރުފިޔާ ދޫކުރި


އިންކަމް ސަޕޯޓް އެލަވަންސްގެ ގޮތުގައި މަސްވެރިކަމުގެ ދާއިރާގައި މަސައްކަތްކުރާ ފަރާތްތަކަށް 39.3 މިލިއަން ރުފިޔާ ދޫކޮށްފައިވާ ކަމަށް ފިޝަރީޒް މިނިސްޓްރީން ވިދާޅުވެއްޖެއެވެ.

އިންކަމް ސަޕޯޓް އެލަވަންސަކީ ކޯވިޑާއި ގުޅިގެން އާމްދަނީއަށް އަސަރުކުރި ފަރާތްތަކަށް އެހީތެރިވުމުގެ ގޮތުން ސަރުކާރުން އިސްނަގައިގެން ދޫކުރަމުން އަންނަ އެލަވަންސްއެކެވެ.

މި ސްކީމްގެ ދަށުން އެކިއެކި ދާއިރާތަކުން އާމްދަނީއަށް އަސަރުކުރި ފަރާތްތަކަށް ވަނީ އެލަވަންސް ދޫކޮށްފައެވެ. މިނިސްޓްރީ އޮފް ފިޝަރީޒް މެރިން ރިސޯސަސް އެންޑް އެގްރިކަލްޗަރއިން އާންމުކޮށްފައިވާ ތަފާސް ހިސާބުތައް ދައްކާގޮތުން މަސްވެރިކަމުގެ ދާއިރާގައި މަސައްކަތްކުރާ 1854 މީހަކަށް 39.3 މިލިއަން ރުފިޔާވަނީ ދޫކޮށްފައެވެ.

މަސްވެރިކަމުގެ ވަކިވަކި ދާއިރާތަކަށް ބަލާއިރު ކަޅުބިލަމަސް އަދި ކަންނެލީގެ މަސްވެރިކަން ކުރާ 98 ފަރާތަކަށް 1.2 މިލިއަން ރުފިޔާ ވަނީ ދޫކޮށްފައެވެ. ފަރުމަހުގެ މަސްވެރިކަން ކުރާ 1394 ފަރާތަކަށް 30 މިލިއަން ރުފިޔާ ވަނީ ދޫކޮށްފައެވެ. ހުއިފިލަނޑާ އަދި އިހީގެ މަސްވެރިކަންކުރާ 362 ފަރާތަކަށް 8 ލައްކަ ރުފިޔާ ދޫކޮށްފައިވާ ކަމަށްވެސް ފިޝަރީޒް މިނިސްޓްރީން ވިދާޅުވެއެވެ.

މީގެއިތުރުންވެސް ބޮޑު ކަންނެލީގެ މަސް ގަންނަ 5 ކުންފުންޏަކަށް 55.4 މިލިއަން ރުފިޔާގެ ލޯނު ދޫކޮށްފައިވެއެވެ.
ފިނޭންސް މިނިސްޓްރީގެ އެންމެ ފަހުގެ ތަފާސް ހިސާބުތައް ދައްކާގޮތުން ސަރުކާރުން އިންކަމް ސަޕޯޓް އެލަވަންސްގެ ގޮތުގައި މުޅި ޖުމްލަ 93,906 މީހަކަށް 421 މިލިއަން ރުފިޔާ ވަނީ ދޫކޮށްފައެވެ.