ޚަބަރު

ޤައުމީ ދުވަސް ފާހަގަކުރުމަށް އުތީމުގައި ޚާއްސަ ހަވީރެއް


ޤައުމީ ދުވަސް ފާހަގަކުރުމުގެ ގޮތުން އުތީމުގައި ޚާއްސަ ހަވީރެއް ބާއްވައިފިއެވެ. ކުޑަކުދިންނާ އުމުރުންދުވަސްވީ މީހުންނަށް ޚާއްސަކޮށްގެން ބޭއްވި މިހަވީރުގެ ބޭނުމަކީ، ޖީލުތަކުގެ ގުޅުން ބަދަހިކުރުމެވެ.

ޤައުމީ ދުވަސް ފާހަގަކުރުމަށް އުތީމުގައި ކުރިއަށްގެންދިޔަ ޚާއްސަ ހަވީރަކީ ހޯމް މިނިސްޓްރީއާ އުތީމު ކައުންސިލާއި ރަށުގެ މުޢައްސަސާތަކާ ޖަމިއްޔާތައް ގުޅިގެން ކުރިއަށްގެންދިޔަ ހަވީރެކެވެ.

އުތީމުގައި ޤައުމީ ދުވަހާ ގުޅިގެން ކުރިއަށްގެންދިޔަ އެކި ހަރަކާތްތަކުގެ ތެރެއިން ބޭއްވި ހަވީރު ޚާއްސަކޮށްފައިވަނީ ތުއްތު ކުދިންނާއި އުމުރުން ދުވަސްވީ މީހުންނަށެވެ. މިފަދަ ހަވީރެއްގެ އެންމެ ބޮޑު ބޭނުމަކީ ޤައުމީ ރޫހު އާލާކޮށް، ކާބަފައިންގެ ދިރިއުޅުމާ އިހުގެ ވާހަކަތައް އަންނަން އޮތް ޖީލުތަކަށް ވާސިލްކޮށްދިނުންކަމަށް އުތީމު ކައުންސިލްގެ ރައީސް އަބްދުﷲ ރަޝީދު ވިދާޅުވިއެވެ.

މި ހަރަކާތުގައިވަނީ ކުޑަކުދިންނަށް ޚާއްސަކޮށްގެން އެކި ކަހަލަ ކުޅިވަރު ހަރަކާތްތައް ކުރިއަށްގެންގޮސްފައެވެ. އަދި އުމުރުން ދުވަސްވީ މީހުން، ދުވަހާ ޤައުމީ ދުވަހާ ގުޅިގެން އެމީހުންގެ ޝުޢޫރުވަނި ފާހަގަކޮށްފައެވެ.

"ބޭނުންވަނީ މި އޮތް އެއްބައިވަންތަކަން އަންނަން އޮތް ޖީލަށް ގެންގޮސްދިނުން. މި ހަވީރުގައިވެސް އެކިއެކި ކުޅިވަރުތައް ކުޅުމުގެ އިތުރުން، އުމުރުން ދުވަސްވީ މީހުން އެމީހުންގެ ޝުޢޫރުތައް ފާޅުކޮށްފައިވޭ. އަދި ކޯވިޑްގެ ޙާލަތާ ގުޅިގެން އެންމެން އޭރު މި ތިބީ ގޭގަ، އެއަށްފަހު ޙާލަތު ރަނގަޅުވެ އަލުން އެންމެން އެކުގައި ބައްދަލުވެލުމުގެ ފުރުޞަތެއް މި ފަހިވީ." ކައުންސިލްގެ ރައީސް ވިދާޅުވިއެވެ.

މި ހަވީރުގައިވަނީ އުތީމު ސްކޫލުގެ ދަރިވަރުން ތައްޔާރުކުރި "އުތީމު ގަނޑުވަރު"ގެ މޮޑެލްއެއް އެރަށުގަ ހުންނަ ބޮޑުތަކުރުފާނު ހަނދާނީ މަރުކަޒަށް އަރުވާފައެވެ.

ޤައުމީ ދުވަސް ފާހަގަކުރުމަށް އުތީމުގައި އެކި ހަރަކާތްތައް ކުރިއަށް ގެންގޮސްފައިވެއެވެ. އެގޮތުން ޤައުމީ ދުވަހުގެ ޚާއްސަ ޖަލްސާ ބާއްވާފައިވާއިރު، މި ޖަލްސާ ޝަރަފުވެރި ކޮށްދެއްވީ ހޯމް މިނިސްޓަރ އިމްރާން އަބްދުﷲއެވެ. އުތީމުގައި ކުރިއަށްގެންދިޔަ ހަރަކާތްތަކުގައި އަތޮޅުގެ އެކި ރަށްރަށުން ބައިވެރިވެފައިވެއެވެ.