ސިޔާސީ

އެމް.ޑީ.ޕީއާއި އަދާލަތު ޕާޓީ 75000 ރުފިޔާއިން ޖޫރިމަނާ ކޮށްފި


މިދިޔަ މަހުގެ 27 ވަނަ ދުވަހު އިދިކޮޅު އެމް.ޑީ.ޕީއާއި އަދާލަތުޕާޓީން ބޭއްވި މުޒާހަރާއާއި ގުޅިގެން އެދެޕާޓީ 75000 ރުފިޔާއިން ޖޫރިމަނާކޮށްފިއެވެ.އިލެކްޝަންސް ކޮމިޝަންގެ އޮފިޝަލަކު ވިދާޅުވީ، އެމް.ޑީ.ޕީ އާއި އަދާލަތު، މިއިން ކޮންމެ ޕާޓީއެއް 75000 ރުފިޔާއިން ޖޫރިމަނާކުރީ، އެދެޕާޓީ ގުޅިގެން ބޭއްވި މުޒާހަރާގައި ޤާނޫނާއި ޚިލާފް ބައެއް ކަންކަން ހިންގާފައިވާތީކަމަށެވެ. މިގޮތުން ސިޔާސީ ޕާޓީތަކުގެ ޤާނޫނާއި ސުލްހަވެރިކަމާއެކު އެއްވެއުޅުމުގެ ޤާނޫނާއި ޚިލާފަށް އެދެޕާޓީން ބޭއްވި މުޒާހަރާގައި ކުޑަކުދިން ބޭނުންކޮށްފައިވާކަމަށެވެ. މީގެ އިތުރުން ޔޫ.އެންގެ ލޯގޯވެސް މުޒާހަރާގައި  ބޭނުންކޮށްފައިވާކަމަށް އިލެކްޝަންސް ކޮމިޝަނުން ފާހަގަކުރައްވާފައިވެއެވެ. އެކޮމިޝަނުން ވިދާޅުވީ، އެމް.ޑީ.ޕީ އާއި އަދާލަތު ޖޫރިމަނާކުރީ، ކަމާގުޅޭ ދާއިރާތަކާއި، މަޝްވަރާކޮށް އެމައްސަލަ  ބެލުމަށްފަހުގައި ކަމަށެވެ. މިގޮތުން މިމައްސަލައިގައި ފުލުހުންނާއި ހިއުމަން ރައިޓްސް ކޮމިޝަނާއި މަޝްވަރާކޮށްފައިވާކަމަށްވެސް އިލެކްޝަންސް ކޮމިޝަނުން ވިދާޅުވެއެވެ.  އެމް.ޑީ.ޕީ އާއި އަދާލަތުން ދައްކަންޖެހޭ ޖޫރިމަނާ ފައިސާ 7 ދުވަހުގެ ތެރޭގައި އިލެކްޝަންސް ކޮމިޝަނަށް ދައްކަންޖެހެއެވެ. މިއީ ސިޔާސީ ޕާޓީތަކުގެ ޤާނޫނުގެ ދަށުން ޕާޓީއެއް ޖޫރިމަނާކުރެވޭނެ އެންމެ ބޮޑުއަދަދެވެ.