ވިޔަފާރި

ދަތުރުފަތުރުގެ ނިޒާމް ހަރުދަނާކުރުމަށް ކުރާ މަސައްކަތުގެ މައުލޫމާތު ހިއްސާކުރައްވައިފި


ތުރުކީގެ އިސްޓަންްބުލްގައި ކުރިއަށްދާ 12 ވަނަ ޓްރާންސްޕޯޓް އެންޑު ކޮމިއުނިކޭޝަން ފޯރަމްގައި ރާއްޖޭގެ ޓްރާންސްޕޯޓު މިނިސްޓަރ އައިޝަތު ނަހުލާ ބައިވެރިވެޑައިގެންފިއެވެ.

މިމަހުގެ 6 އިން 8ވަނަ ދުވަހުގެ ނިޔަލަށް ކުރިއަށްދާ މި ފޯރަމް ހުޅުވުމުގެ ރަސްމިއްޔާތުގައި ޓްރާންސްޕޯޓް އެންޑް ސިވިލް އޭވިއޭޝަން މިނިސްޓަރ އައިޝަތު ނަހުލާވަނީ ފޯރަމްގެ ތެރެއިން ބޭއްވި މިނިސްޓްރީއަލް ރައުންޑް ޓޭބަލް މަޝްވަރާ ބައްދަލުވުމުގައި ވާހަކަފުޅުދައްކަވާފައެވެ.

މި ބައްދަލުވުމުގައި މިނިސްޓަރ ނަހުލާވަނީ ރާއްޖޭގެ ސަރުކާރުން ދަތުރުފަތުރުގެ ނިޒާމް ހަރުދަނާކޮށް، ކުރިއެރުވުމަށް ކުރަމުންދާ މަސައްކަތްތަކާއި ގުޅޭގޮތުން ވާހަކަދައްކަވާފައެވެ. އަދި 2030 ވަނަ އަހަރު އަންނަންވާއިރަށް ރާއްޖެ ނެޓު ޒީރޯ ޤައުމަކަށް ހެދުމަށްޓަކައި، ސަރުކާރުން އަމާޒް ހިފާފައިވާއިރު، މި އަމާޒް ހާސިލްކުރުމަށް ސަރުކާރުން ކުރަމުންދާ މަސައްކަތްތަކާއި ގުޅޭ މައުލޫމާތުވެސް މިނިސްޓަރ ނަހުލާވަނީ ފޯރަމްގެ ބައިވެރިންނާއި ހިއްސާކޮށްފައެވެ.

12ވަނަ ޓްރާންސްޕޯޓް އެންޑު ކޮމިއުނިކޭޝަން ފޯރަމްގައި 15 ޤައުމެއްގެ ޓްރާންސްޕޯޓު މިިނިސްޓަރުން ބައިވެރިވެފައިވެއެވެ. އެޤައުމުތަކަކީ އަޒަރުބައިޖާން، ޖޯޖިއާ، އިރާން، އިރާޤް، ލީބިއާ، ކަޒަކިސްތާން، ކިރްގިސްތާން، ދިވެހި ރާއްޖެ، މޮރިޓޭނިއާ، މޮރޮކޯ، ނޮތާން ސައިޕްރަސް، ފަލަސްތީން، ސުދާން އަދި ތުރުކީއެވެ.

މިއަހަރުގެ ފޯރަމްގެ ޝިއާރަކީ، 'ލޮޖިސްޓިކްސް- މޮބިލިޓީ- ޑިޖިޓަލައިޒޭޝަން' އެވެ.