ޚަބަރު

އާއްމު މަޖިލީހުގެ މުހިއްމު ބައްދަލުވުންތަކުގައި ރައީސް ތަޤްރީރުކުރެއްވުމަށް ޝާހިދު އެދިވަޑައިގެންފި


ހިނގަމުންމިދާ އ.ދ. ގެ އާއްމު މަޖިލީހުގެ ދައުރުގައި ކުރިއަށްގެންދާ ވެކްސިންއާ ތިމާވެއްޓާއި ގުޅޭ މުހިއްމު ބައްދަލުކުރެއްވުންތަކުގެ ތެރެއިން ރާއްޖޭގެ އެންމެ މަތީވެރިޔާގެ އަޑުފުޅު ދުނިޔެއަށް އިއްވައި ދިނުމަށް އާއްމު މަޖިލީހުގެ ރައީސް އަބްދުﷲ ޝާހިދު އެދިވަޑައިގެންފިއެވެ.

އދ.ގެ އާއްމު މަޖިލީހުގެ ރައީސް، ނ.ޢ.ޢ.ވ އަބްދުﷲ ޝާހިދު މިގޮތަށް ވިދާޅުވީ، އެމަނިކުފާނުގެ ޝަރަފުގައި ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙާއި އަނބިކަނބަލުން ފަޒްނާ އަޙްމަދު ދެއްވި ރަސްމީ ޖާފަތުގައި ދެއްކެވި ވާހަކަފުޅުގައެވެ.

އަބްދުﷲ ޝާހިދު ވިދާޅުވީ، ދުނިޔޭގެ އެންމެ އުސް ކުރިބޯށީގައި ވިހުރެމުންދަނީ ދިވެހިރާއްޖޭގެ ފަޚުރުވެރި ދިދަކަމަށާއި، ފެއްސާއި ރަތާއި ހުދުގެ އެދިދަ އެހިސާބަށް ގެންގޮސްދެއްވީ ރާއްޖޭގެ ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސާލިހުކަމަށެވެ. އަދި އެކަމައްޓަކައި އެމަނިކުފާނަށް ހިފެހެއްޓުމެއް ނެތި ޝުކުރާއި ތަޢުރީފު ރައްދުވަމުންދާކަމަށްވެސް ޝާހިދު ވިދާޅުވިއެވެ.

އެއް އަހަރު ދުވަހަށް ދެމިގެންދާ އދ.ގެ އާންމު މަޖިލީހުގެ މިފަހަރުގެ ރިޔާސަތުން އިސްނަގައިގެން ކުރިއަށްއޮތް އަހަރުގެ ތެރޭގައި ކުރައްވާނެ ބޮޑެތި ކަންކަމުގެ ތެރޭގައި އަންނަ ޖެނުއަރީމަހުގެ ތެރޭގައި ވެކްސިނާއި ގުޅޭގޮތުން ޚާއްސަ ބައްދަލުވުމެއް ބާއްވަނާނެކަމަށާއި، އޭގެ މަޤުޞަދަކީ 2022 ވަނަ އަހަރު ނިމުނުގެ ކުރިން ދުނިޔޭގެ އެންމެނަށް ވެކްސިންދީ ނިންމުމަށް މަސައްކަތް ކުރުންކަމަށް އަބްދުﷲ ޝާހިދު ވިދާޅުވިއެވެ. އަދި ތިމާވެއްޓާއި ގުޅޭ ދެ ބައްދަލުވުމެއް ކުރިއަށް އެބައޮތްކަމަށާއި އެއިން ކޮންމެ ބައްދަލުވުމެއްގައިވެސް ރާއްޖޭގެ އަޑު ދުނިޔެއަށް އިތްވައި ދިނުމަށް އެދޭކަމުގައި އާއްމު މަޖިލީހުގެ ރައީސް ވިދާޅުވިއެވެ.

"ވެކްސިން ހޯދުމާއި ތިމާވެއްޓާއި ގުޅޭ ބައްދަލުވުންތަކެއް މިދަޢުރުގެ ތެރޭގައި އަޅުގަނޑު އިސްނަގައިގެން ބާއްވަން ވަނީ ހަމަޖެހިފައި. މިއިން ކޮންމެ ބައްދަލުވުމެއްގައިވެސް ދިވެހިރާއްޖެގެ ފަރާތުން ރާއްޖޭގެ އެންމެ މަތީވެރިޔާގެ އަޑުފުޅު ދުނިޔެއަށް އިއްވައި ދިނުމަކީ އަޅުގަނޑުގެ އެދުމެއް" އަބްދުﷲ ޝާހިދު ވިދާޅުވިއެވެ.

ރައީސުލްޖުމްހޫރިއްޔާ އާއްމު މަޖިލީހަށް ވަޑައިގެން ތަޤުރީރުކުރެއްވުމަށް އާންމު މަޖިލީހުގެ ރައީސް ދައުވަތު ދެއްވާފައިވާއިރު، ރައީސް ޞާލިޙް ވަނީ ރާއްޖެ އދ.ގެ މެންބަރަކަށްވިތާ 56 އަހަރު ފުރުނު ދުވަސްކަމުގައިވާ ސެޕްޓެމްބަރު މަހުގެ 21 ވަނަ ދުވަހު ރާއްޖެއިން ރިޔާސަތު ބަލެއްޓަވަމުން ގެންދަވާ އާންމު މަޖިލީހުގެ 76 ވަނަ ސެޝަންގައި ތަޤުރީރުކުރައްވާފައެވެ.