ޚަބަރު

ލ.ގަމުގެ ނަރުދަމާ ނިޒާމް ޓެސްޓްކުރަން ފަށައިފި


ލ.ގަމުގެ ނަރުދަމާ ނިޒާމުގެ މަސައްކަތް ނިންމާ، ނަރުދަމާ
ނިޒާމް ޓެސްޓް ކުރުމުގެ މަސައްކަތް ފަށައިފިއެވެ. ގަމުގެ ނަރުދަމާ ނިޒާމުގެ
މަސައްކަތް ކޮށްފައިވަނީ، މާލޭ ވޯޓަރ އެންޑް ސްވަރޭޖް ކޮމްޕެނީ، އެމް.ޑަބްލިއު.އެސް.ސީންނެވެ.



ލ.ގަމުގެ ތިން އަވަށް ކަމުގައިވާ
މަތިމަރަދޫ، ތުނޑީ އަދި މުކުރިމަގު ނަރުދަމާ ނިޒާމްގެ މަސައްކަތް ފަށާފައިވަނީ
2014 ވަނަ އަހަރުގެ ޖެނުއަރީ މަހުގެ ތެރޭގައެވެ. އެމް.ޑަބްލިއު.އެސް.ސީ އާ ޙަވާލާދީ،
ގަމު ކައުންސިލްގެ ރައީސް މުހައްމަދު ސިޔާމް ވިދާޅުވީ، އަންނަ ޖެނުއަރީ މަހުގެ
ތެރޭގައި ނަރުދަމާ ރަސްމީކޮށް ބޭނުންކުރަން ފެށޭވަރު ވާނެ ކަމަށް ލަފާކުރެއްވޭ
ކަމަށެވެ.



ގަމު ނަރުދަމާ ނިޒާމަށް 85
މިލިއަނަށްވުރެ ގިނަ ރުފިޔާ ޚަރަދު ކުރެވިފައިވެއެވެ. ސުނާމީ ކާރިސާއަށްފަހު
ގަމަށް ބަދަލުވި މުންޑޫ އަދި ކަޅައިދޫ މީހުން ދިރިއުޅޭ ސަރަހައްދުގައި 2009 ވަނަ
އަހަރު އިންޓަނޭޝަނަލް ފެޑްރޭޝަން އޮފް ރެޑްކްރޮސް އެހީގައި ވަނީ ނަރުދަމާ ނިޒާމް
ގާއިމް ކޮށްފައެވެ. މި ނަރުދަމާ ބަލަހައްޓަމުންދަނީ ފެނަކަ ކޯޕަރޭޝަނުންނެވެ.



ސިޔާމް ވިދާޅުވީ، އައި.އެފް.އާރު.ސީން ހަދައިދީފައިވާ ނަރުދަމާ ނިޒާމުގައި މައްސަލަތަކެއް ކުރިމަތިވެ، ނަޖިސް
ބޭރުވުމުގެ ކަންތައްތައް ވޭތުވެދިޔަ ދެ އަހަރެއްގައި ބޮޑުވި ކަމަށާއި، ނަމަވެސް
ފެނަކައިން އެ މައްސަލައަށް ބޮޑު ހައްލެއް ހޯދައިދީފައިވާ ކަމަށެވެ.



ނަމަވެސް އެ ނިޒާމްގެ މައި ޕަންޕް
ސްޓޭޝަންގައި އަދިވެސް ކުދި ކުދި މައްސަލަތަކެއް ހުރިކަން ފާހަގަކުރެވުމުން،
އެކަންތައްތައް ފެނަކައިން ބަލަމުންގެންދާ ކަމަށް ސިޔާމް ވިދާޅުވިއެވެ.



ގަމުގައި އަލަށް ގާއިމްކުރި
ނަރުދަމާ ނިޒާމް އެއް އަހަރުވަންދެން އެމް.ޑަބް.ލިއު.އެސްސީން ހިންގާ ގޮތަށް ވަނީ
ހަމަޖައްސާފައެވެ. އެއަށްފަހު ފެނަކަ ކޯޕަރޭޝަނާއި ހަވާލު ކުރުމަށް ނިންމާފައިވާކަމަށް
ގަމު ކައުންސިލުން ވިދާޅުވެއެވެ.